ގިނަ އަދަދުތަކުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމުގެ ވިސްނުން ގެންގުޅެންޖެހޭ ކަމަށް ވެރިކަން ހިންގާ ޕާޓީ، ޕީއެންސީގެ ޓިކެޓުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަނައިބު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
މިރޭ ޕީއެސްއެމުން ގެނެސްދިން "މާލޭ މޭޔަރު" ބަހުސްގައި މާލޭގެެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރައްވާނެ ކަންތައްތަކާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އާޒިމާ ވިދާޅުވީ ރައްކާތެރިކަން ކަށަވަރު ކުރެވޭނީ ކްރިމިނަލް ޖަސްޓިސް އެނގޭ މީހަކަށް ކަމަށާއި އޭނާއަކީ އެކަން ދަންނަ މީހެއް ކަމަށެވެ.
ރާއްޖެއަކީ ވައިލެންޓް ކުށްތަކުގެ މާޒީއެއް އޮތް ގައުމެއް ނޫން ކަމަށާއި ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ކުށުގެ ވެށި ބަދަލުވެގެން ގޮސްފައިވާ ކަމަށް އާޒިމާ ވިދާޅުވިއެވެ. އެގޮތުން ވައިލެންޓް ކުށްތަކާއި މަސްތުވާތަކެއްޗަކީ ރާއްޖޭގެ ޕީނަލް ކޯޑުގައި ހިމެނޭ ކަމެއް ނޫން ކަމަށާއި އެއީ އެ ތަކެއްޗަކީ ރާއްޖޭގައި އުފައްދާ ތަކެއްޗަށް ނުވާތީ ކަމަށެވެ. އަދި މާލޭ ސިޓީ ރައްކާތެރިކުރެވޭނީ ކުށުގެ ވެށި ބަދަލުވެގެން ދާ ގޮތް ދެނެގަނެވިގެން ކަމަށް ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގެ ކުށުގެ ވެށި ބަދަލުވޭ، ޖިއޮގްރަފިކަލީވެސް ބަދަލުވޭ. އެކަން ދަންނަ މީހުން ރާއްޖޭގައި އެބަތިބި. އަޅުގަނޑުމެންގެ ހައްލަކަށް ވާނީ ކުށުގެ ވެއްޓާ އެއްގޮތަށް މައްސަލަތައް ހައްލުކުރުން. ދިވެހިރާއްޖެއަށް ބޮޑެތި އަދަދުތަކަށް މަސްތުވާތެކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމުގެ ވިސްނުން ސަރުކާރުތަކުންވެސް ގެންގުޅެން ޖެހޭ،" އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވީ ކުށް ކޮންޓްރޯލް ފެށެން ޖެހޭނީ ސްކޫލުތަކުން ކަމަށާއި އެގޮތުން 2000 ވަނަ އަހަރު ރާއްޖޭގައި ފުރަތަމަ ކުށް ކުރާ އެވަރެޖު އުމުރަކީ 13 އަހަރު ކަމުގައިވީ ނަމަވެސް، މިހާރު އެ އުމުރަކީ އަށް އަހަރު ކަމަށެވެ. އެހެންކަމުން އެ މައްސަލަ ހައްލުކުރަން ޖެހޭނީ ސްކޫލު ނިޒާމުގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.
ބަހުސް ފެށުމުގެ ގޮތުން ތައާރަފުވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ވާހަކަދައްކަވަމުން އާޒިމާ ވިދާޅުވީ ކައުންސިލުތަކާއި ސަރުކާރު ހިންގާ ޕާޓީގެ ވިސްނުން ދިމާނުވުމުން މަސައްކަތްތައް ކުރުމުގައި ބުރޫއަރާ ކަމަށާއި ކައުންސިލުތައް ވާން ވާނީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރާ ބަޔަކަށް ކަމަށެވެ. އަދި ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް މާލެއިން ނޫނީ ހައްލެއް ނުވާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު