އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ރޭ އަމިއްލަ ދަނޑުގައި ބާންލީ ބަލިކޮށް، ޓޮޓެންހަމް ކުރިއަށް ޖެހިލައިފިއެވެ.

ރޭ 1-0 އިން ޓޮޓެންހަމް މޮޅުވި އިރު، މެޗުގެ ބޮޑު ބައެއްގައި އެޓީމަށް ގޯލެއް ޖަހަން އުނދަގޫތަކެއް ކުރިމަތިވިއެވެ. އޭޝިއަން ކަޕްގައި ކުޅުމަށް ޓީމުގެ ކެޕްޓަން ސޮން ހިއުން-މިން ދެކުނު ކޮރެއާ ޓީމާއެކު މިވަގުތު ހުރި އިރު، އޭނާ ނެތްތަން ވަނީ ދައްކައިފައެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި ޓޮޓެންހަމުން ނުރައްކާ ކުރަމުންދިޔަ ނަމަވެސް، އެޓީމަށް މާ ބޮޑަށް ނުރައްކާ ކުރެވިފައެއް ނުވެއެވެ. އަނެއްކޮޅުން ބާންލީ ވަނީ ގޯލަކާ ގާތަށް ޖެހިލައިފައެވެ. އެގޮތުން ޒެކީ އަމްދޫނީއަށް ލިބުނު ހުސް ފުރުސަތު އޭނާ އަތުން ބޭކާރުވެގެން ދިޔައެވެ.

ޓޮޓެންހަމްގެ ނުރައްކަލަށް އެންމެ ބޮޑު ހުރަހަކަށް ރޭގެ މެޗުގައިވީ ބާންލީގެ ގޯލްކީޕަރު، އަރްޖަނެޓް މުރިސްއެވެ. އޭނާ ވަނީ ބްރެނަން ޖޯންސަންގެ ދެ ހަމަލާއެއްވެސް މަތަކޮށްފައެވެ. ޓޮޓެންހަމްގެ ރިޗާލިސަންއާއި ޖިއޮވާނޯ ލޮ ސެލްސޯއަށް ލިބުނު ފުރުސަތުތައްވެސް ބޭކާރުވި އިރު، އެޓީމުގެ ހަމައެކަނި ގޯލު މެޗުގެ ފަހުކޮޅުގައި ޖަހައިދިނީ ޕެޑްރޯ ޕޯރޯއެވެ.