ސަރުކާރަށް ޖެއްސުން ކުރަން ނޫނީ ސަރުކާރާ އެކީގައި މަސައްކަތް ކުރުމުގެ ވިސްނުން ނެތް ޕާޓީއެއްގެ ކެންޑިޑޭޓަކު، މާލޭގެ މޭޔަރުގެ މަގާމަށް ހޮވައިފި ނަމަ، މާލޭގެ ރައްޔިތުން އަނެއްކާވެސް ތަކުރާރު ކުރަންޖެހޭނީ ކަންކަން ނުވެދާ ދުވަސްތައް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އާޒިމާ ޝަކޫރުގެ މެނިފެސްޓޯ އިފުތިތާހު ކުރުމަށް އެ ޕާޓީގެ މައި ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ މަނިކުފާނު މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެން ދުވަހުން ފެށިގެން ރިޔާސީ އިންތިހާބާ ހަމައަށް ފާއިތުވި ދެ އަހަރާ ބައިގެ ތެރޭގައި ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރަން ނިންމެވި ކަމަށެވެ.

އޭގެ ތެރެއިން ބައެއް ކަންކަމަކީ ކައުންސިލަށް ލިބޭ ބަޖެޓުން ކުރެވެން ހުރި ކަންކަން ކަމަށާއި އަނެއްބައި ކަންކަމަކީ ކައުންސިލަށް ލިބޭ އާމްދަނީ އިތުރުކޮށްގެން ކުރެވެން ހުރި ކަންކަން ކަމަށް ވިދާޅުވިއެވެ. އަދި އަނެއް ބައި ކަންކަމަކީ ސަރުކާރުން އެއްބާރުލުން ދީގެން އެކަނި ކުރެވެން ހުރި ކަންކަން ކަމަށް ވިދާޅުވިއެވެ.

"އެންމެ ފަހުން މި ދެންނެވި ކަންތައް ފިޔަވައި ސަރުކާރުން ކޮންމެވެސް ކަހަލަ މަގެއް ކޮއްޓަވައި ދެއްވީމައި ނުވަތަ މަގުފަހިކޮށްދެއްވީމާ ވާން ހުރި ކަންކަން ފިޔަވައި، ދެން އަޅުގަނޑުމެން ކުރަން ނިންމި ހުރިހާ ކަމެއް ކުރެވުނު. އެއީ ރައްޔިތުން އެދުނު ކަންތައްތަކުގެ ތެރެއިން އަޅުގަނޑުމެން ވައުދުވެ ޕްލޭންގައި އޮތް ކަންތައްތައް،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން އެއްބާރުލުން ނުދިނުމުން ނުވެ ހުރީ ބޮޑެތި ކަންތައްތަކެއް ކަމަށެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މާލެއާއި ވިލިމާލޭގައި އަޅަން އުޅުނު ފްލެޓްތަކާއި މަގު ހެދުމުގެ މަޝްރޫއުއާއި ޕާކިންގެ މައްސަލަ ހައްލުކުރަން ހަދަން އުޅުނު ޕާކިން އިމާރާތްތައް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"މި ސަރުކާރު މި އޮތީ ގެދޮރު މައްސަލަ، ޕާކިން މައްސަލަ، މަސްމާރުކޭޓުވިޔަސް ދެން ހުރި ކަމެއް ވިޔަސް ކައުންސިލުން އޭރު ކުރަން ނިންމި ހުރިހާ ކަމެއް ނުކުރެވި، އޮބިއަޅުވާފައި ހުރި ހުރިހާ ކަމެއް ކުރަން ފުރުސަތު ދީގެން މި ތިބީ. ކައުންސިލް މެދުވެރިކޮށް ސަރުކާރުން މިކަން ކުރަން ތިއްބައި، ސަރުކާރަށް ޖެއްސުން ކުރަން ނޫނީ ސަރުކާރާ އެކީގައި މަސައްކަތް ކުރުމުގެ ވިސްނުން ނެތް ޕާޓީއަކުން މީހަކު ހޮވައިފިއްޔާ ކިހިނެތްތޯ ވާނީ. އަނެއްކާ މާލޭގެ ރައްޔިތުން ތަކުރާރު ކުރަންޖެހޭނީ ކަންކަން ނުވެދާ ދުވަސްތައް،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން ބޭނުންވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ކުރަން ކަމަށާއި އެކަމަށްޓަކައި ވަކިން މިނިސްޓްރީއެއް އުފައްދައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"އެކަމަކު ސަރުކާރަށް އުދަނގޫ ކުރަން، ސަރުކާރު ވިސްނުމުގައި ކަންކަން ނުކުރާނެ އޮޕްޝަނެއް ޗޫސް ކުރުން އެއީ މިއަދު މާލޭގެ ރައްޔިތުންނަށް ބުއްދިވެރި ކަމަކަށް ނުވާނެ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، މޭޔަރު އިންތިހާބަށް ޕާޓީގެ ޓިކެޓުގައި ކުރިމަތިލައްވައިގެން ތިއްބެވި އަނެއް ދެ ކެންޑިޑޭޓަށް، ޕާޓީން ބުނާ ގޮތް ނުހަދާނެ ކަމަށް ބުނަން ނުކެރޭނެ ކަމަށާއި ނަމަވެސް ޕީއެންސީގެ ކެނޑިޑޭޓް މަސައްކަތް ކުރާނީ އޭރު އެ މަނިކުފާނަށް ނުކުރެވުނު ކަންތައްތައް ކޮށްދިނުމަށް ސަރުކާރުގެ ސިޔާސަތުތަކާ ގުޅި ލާމެހިގެން ކަމަށެވެ.

"މިއަދު މާލޭގައި ކަންކަން ވާން އޮއްވައި، ވަމުން މިދަނީ، ވާން އޮއްވައި ގަސްތުގައި އެއަށް އަމިއްލައަށް ހުރަސް އެޅުމަކީ އަޅުގަނޑު ގަބޫލެއް ނުކުރަން މާލޭގެ ރައްޔިތުން ކުރައްވާނެ ކަމެއް ކަމަށް. އެކަހަލަ ކަމެއް ނުކުރައްވާނެ. އޭގެ ބަދަލުގައި އަޅުގަނޑުމެން މާލޭގެ ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންތައްތައް ކޮށްދެވޭނެ ފަދަ މަގެއް ފަހިކޮށްދެއްވައި، އަޅުގަނޑުމެންގެ ކެންޑިޑޭޓް، ކެންޑިޑޭޓް ނަންބަރު ތިނެއް އާޒިމާ ހޮއްވަވައި ދެއްވާނެ ކަމަށް އަޅުގަނޑު ޔަގީންކުރަން،" ރައީސް ވިދާޅުވިއެވެ.