ފަންސަވީސް މިލިއަން ފަސިންޖަރުންނާ ހަމައަށް ހިދުމަތް ދެވޭ ގޮތަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ދެވަނަ ފޭސް ތަރައްގީ ކުރުމުގެ މަޝްރޫއު އިފުތިހާހުކޮށްފިއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއު އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ބުނީ ވީއައިއޭގެ ދެ ވަނަ ފޭސް ތަރައްގީކުރަނީ ކުރިޔަށް އޮތް 20 އަހަރަށް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސިނާއަތް އޮންނާނެ ގޮތުގެ މާސްޓާ ޕްލޭނެއްގެ ދަށުންނެވެ. އެ މަޝްރޫއު ނިމޭއިރު އަހަރަކު 25 މިލިޔަން ފަސިންޖަރުންނަށް ވީއައިއޭން ހިދުމަތް ދިނުމުގެ ކެޕޭސިޓީ ލިބިގެންދާނެ ކަމަށެވެ.
އެމްއޭސީއެލުން ބުނީ ދެ ވަނަ ފޭސް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ޓާމިނަލް ތަރައްގީކުރުމުގެ އިތުރުން ވީއައިއޭގައި ތެޔޮ ރައްކާ ކުރުމުގެ ކެޕޭސިޓި ގާއިމުކުރާނެ ކަމަށެވެ. އެގޮތުން 100 މިލިޔަން ލީޓަރުގެ ތެޔޮ ރައްކާކުރާނެ ފެސިލިޓީއެއް ގާއިމްކުރާނެއެވެ. މީގެ އިތުރުން ފްލައިޓްތަކަށް މެއިންޓެނެންސް ރިޕެއާ އަދި އޮވަހޯލް ކުރެވޭނެ ފެސިލިޓީއެއް ވެސް ހަދާނެއެވެ.
ވީއައިއޭގެ ދެވަނަ ފޭސް ތަރައްގީކުރަނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އޭވިއޭޝަން ސޭފްޓީ މިންގަނޑުތަކާ އެއްގޮތަށް ކަމަށް އެމްއޭސީއެލުން ބުންޏެވެ.
އެމްއޭސީއެލުން އިތުރަށް ބުނީ މިހާރު ބޭނުން ކުރަމުންދާ ޑޮމެސްޓިކް ޓާމިނަލުން ހިދުމަތްދެވެނީ ގަޑިއަކު 300 މީހުންނަށް ކަމަށެވެ. ވީއައިއޭގެ ފޭސް ތިނެއް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ޑޮމެސްޓިކް ޓާމިނަލް 35000 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑުކުރާނެ ކަމަށެވެ. އެއިރުން ގަޑިއަކު 2،000 މީހުންނަށް ހިދުމަތް ދިނުމުގެ ކެޕޭސިޓީ ލިބިގެންދާނެ ކަމަށާއި ޑޮމެސްޓިކް ފްލައިޓްތަކަށް އަށް ގޭޓު ހުންނާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
މަޝްރޫއުގެ މަސައްކަތް ނިމިގެންދާ އިރު ޒަމާނީ ޗެކިން ފެސިލިޓީ، ސެލްފް ސާވިސް ކިއޮސްކް، ކެފޭ، ރެސްޓޮރަންޓްގެ އިތުރުން ކައިރީގައިވާ ސިޓީތަކާއި ރިޒޯޓްތަކަށް ދަތުރުފަތުރުގެ ފަސޭހަ ހިދުމަތްތައް ގާއިމުވެފައި ހުންނާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ. އަދި އަގުހެޔޮ އެއާލައިން ނުވަތަ ލޯ ކޯސްޓް ކެރިއާތަކަށް ހާއްސަ ޓާމިނަލެއް ހުންނާނެ ކަމަށާއި އެ ޓާމިނަލުގައި ހަތަރު ގޭޓު ހުންނަ އިރު ގަޑިއަކު 1،000 ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށެވެ.
މީގެ އިތުރުން ޖެޓްތަކަށް ވެސް ހާ ޓާމިނަލެއް ގާއިމު ކުރުމަށްވެސް ވަނީ ނިންމައިފައެވެ.
އެމްއޭސީއެލުން ބުނީ އަލަށް ހަދާ ކާގޯ ޓާމިނަލަކީ މިހާރު ބޭނުންކުރަމުންދާ ކާގޯ ޓާމިނަލަށްވުރެ ތިން ގުނަ ޖާގަ ބޮޑުވާނެ ކަމަށެވެ. އެތަނުގެ ތްރޫޕުޓް ކެޕޭސިޓީއަކީ 300،000 މެޓްރިކް ޓަން ކަމަށާއި އެ ހުރިޙާ ފެސިލިޓީއެއްގެ އިތުރަށް ތިން ވޯޓާ ރަންވޭ ތަރައްގީކޮށް ފަސް ސީޕްލޭން އޮޕަރޭޓަރުންނަށް ހިދުމަތް ދެވޭނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު