މޫސުން ގޯސްވުމުގެ ސަަބަބުން މެދުކަނޑާލި އަމީނީމަގުގެ މަސައްކަތް އަލުން ފަށައިފިއެވެ.

އިއްޔެ މާލެއަށް ބޯކޮށް ވެހުމުގެ ސަބަބުން މާލޭގައި ވަނީ ފެންބޮޑުވެފައެވެ. ފެންބޮޑުވި މަގުތަކުގެ ތެރޭގައި އަމީނީމަގު ވެސް ހިމެނޭ އިރު، އެ މަގުގައި މުޅީންހެން ވަނީ ފެންބޮޑުވެފައެވެ. އެހެންވެ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ވަނީ އަމީނީމަގުގެ މަސައްކަތް ވަގުތީގޮތުން އިއްޔެ މެދުކަނޑާލައިފައެވެ.

އާރުޑީސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މޫސުން ރަނގަޅަށް އޮތުމުގެ ސަބަބުން މިއަދު އަމީނީމަގުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށެވެ.

"މޫސުން ރަނގަޅު ނަމަ ކުރިންވެސް ކުރަމުން އައިގޮތަށް 24 ގަޑިއިރު މަސައްކަތް ކުރިއަށްދާނެ،" އާރުޑީސީން ބުންޏެވެ.

އަމީނީމަގުގެ ނުނިމި އޮތް ދެ ބައި ހެދުމުގެ މަސައްކަތް އާރުޑީސީން ފަށާފައިވަނީ މިދިޔަ މަހުގެ ނުވަވަނަ ދުވަހުއެވެ. އެ މަސައްކަތުގެ ދަށުން އަމީނީމަގުގެ ސެގްމެންޓް 12 އަދި 13 ހެދުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު، މިދިޔަ މަހުގެ 23 ވަނަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އަމީނީމަގުގެ މިހާރު ހަދަމުންދާ ބަޔަކީ ބޮޑެތި ބަސް ދެކޮޅަށް ދުއްވާ ބަޔަކަށްވުމާއެކު މަގު ހެދިގެން ދަނީ އިތުރަށް ފުޅާކުރެވިގެން ކަމަށާއި ސްކޫލުތަކުގެ ދެވަނަ ޓާމްގެ ކިޔެވުން ފެށުމުގެ ކުރިން ތާރުއަޅައި މަގު ބޭނުންކުރަން ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އޭގެ އިތުރުން ވެސް އެކި ސަބަބުތަކާ ހެދި ހުއްޓިފައިވާ މަޝްރޫއުތައް ފެށުމަކީ ސަރުކާރުގެ 100 ދުވަހުގެ ޕްލޭންގައި ހިމެނި ވަރަށް ބޮޑު އިސްކަމެއް ދެވިފައިވާ ކަމެއް ކަމަށާއި އެކަމުގައި އާރުޑީސީގެ މެނޭޖްމަންޓުން ކުރައްވާ މަސައްކަތް ފާހަގަކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ޕްލޭނިން މިނިސްޓްރީން އަމީނީ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 3 ޖުލައި 2022 ގައެވެ. އެއީ 210 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް 84.4 މިލިއަން ރުފިޔާއަށެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ އެ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. އެ މަސައްކަތް ހަތް މަސް ދުވަސް ތެރޭގައި ނިންމަން އެއްބަސްވި ނަމަވެސް، މަސައްކަތް ނުނިންމުނެވެ. އެހެންވެ ޕްލޭނިން މިނިސްޓްރީން ވަނީ މުއްދަތު އިތުރުކޮށްފައެވެ.

އެ މަސައްކަތުގެ ދަށުން މިހާރު ވަނީ ޕްލޭނިން މިނިސްޓްރީއާ ހަމައަށް ތާރު އަޅައިގެން ތަރައްގީކޮށްފައެވެ.