މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން، 96 ގެއަކަށް ގެއްލުންވެ، އެ ގެތަކުގެ މީހުން ވަގުތީ ހިޔާއަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރެއިން ފެށިގެން މާލެއަށް ވެހުމުންދާ ވާރޭގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ ވަނީ ގެތަކަށާއި ފިހާރަތަކަށް ފެންވަދެ ގެއްލުންތަކެއްވެފައެވެ. ރައީސް ވަނީ އެންމެ ބޮޑަށް ގެއްލުންވި ގެތަކަށް މިއަދު ހަވީރު ޒިޔާރަތް ކުރައްވައި، އެ ގެތަކުގައި ދިރިއުޅޭ މީހުންގެ ހާލު ބައްލާލައްވައިފައެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއެއްގައި ރައީސް ވިދާޅުވީ، ގެއްލުންވި ގެތަކުގެ މީހުންނަށް އެހީވުމުގެ ކަންކަން ދައުލަތުގެ ހުރިހާ އިދާރާއަކުން ގުޅިގެން ކުރަމުންދާ ކަމަށެވެ.
"މިރެއިން މިރެއަށް މި ބަލަނީ ބަދަލުކުރަން ޖެހޭ ބަދަލުކުރަންޖެހޭ ގޭގެއަށް، ދެންމެ ޑިޒާސްޓާއިން މައުލޫމާތު ދިން 96 ގެ މާލޭގެ އެބަޖެހޭ މީހުން ބަދަލުކުރަން ވަގުތީ ހިޔާއަށް،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ޑިޒާސްޓާ ރެސްޕޮންސް މިހާރަށްވުރެ ވަރުގަދަ ކުރުމުގެ ގޮތުން ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) މިހާރަށްވުރެ ވުރެ ހަރުދަނާކުރުން ކަމަށެވެ.
މާލެއަށް ޖެހިފައިވާ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް، ކުރިއަށް އޮތް ތަނުގައި ވަރުގަދަ ސްޓޯމް ވޯޓާ ނިޒާމަކާއެކު، މާލޭގެ ހުރިހާ މަގުތަކެއްވެސް ތަރައްގީ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ދެން ވަރަށް ވަރަށް ވަރަށް އެކްސްޓްރީމް ކޭސްއެއްގެ ދެން ހަމަ ދުނިޔޭގެ އެންމެ ތަރައްގީވެފައި ހުރި ގައުމުތަކުގަވެސް ގެއްލުންތަކެއްވޭ. އެ ވާހަކައެއް ނޫން، އެކަމަކު މިއަށްވުރެ މާ ބޮޑުތަނުން އިރާދަކުރެއްވިއްޔާ ރަނގަޅުކުރުން އަޅުގަނޑުމެންގެ މަސައްކަތް ރޭވިފަ އޮތް ގޮތަކީ،" ރައީސް ވިދާޅުވިއެވެ.
އެ ފެންވަރަށް ރަށްރަށުގެ މަގުތައް ވެސް ތަރައްގީ ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު