މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ރާއްޖޭގައި ގިނަވަމުންދާތީ "މަދިރިން ރައްކާ" ނަމުގައި ގައުމީ ހަރަކާތެއް މިއަދު ފަށައިފިއެވެ.

މާލޭގައި މިއަދު ހެނދުނު 7:15ގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހަރަކާތް ފައްޓަވައިދެއްވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރު ޑޮކްޓަރު އަބްދުﷲ ހަލީލު ވިދާޅުވީ، މިއަދު އެ ކެމްޕެއިން ފެށި ނަމަވެސް ކޮންމެ ދުވަހަކީވެސް މަދިރި ނައްތާލަން މަސައްކަތް ކުރާ ދުވަހަކަށް ހަދަންޖެހޭ ކަމަށެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)، ހެލްތް މިނިސްޓްރީ، މާލެ ސިޓީ ކައުންސިލް އަދި ސަރުކާރުގެ ގިނަ އިދާރާތަކެއް ގުޅިގެން ކުރިއަށްގެންދާ 'މަދިރިން ރައްކާ' ހަރަކާތުގައި ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކާ ކުންފުނިތަކާއި އަމިއްލަ ޖަމިއްޔާތައް ބައިވެރިވެއެވެ.