އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލުން ވެސްޓް ހަމް ކައިރިން ބަލިވި އިރު، ޓޮޓެންހަމް ބްރައިޓަން އަތްދަށު ވެއްޖެއެވެ.
އާސެނަލް ރޭ އަމިއްލަ ދަނޑުގައި 2-0 އިން ވެސްޓް ހަމް ކައިރިން ބަލިވި އިރު، ޓޮޓެންހަމް ބްރައިޓަން ކައިރިން ބަލިވީ 4-2 ގެ ނަތީޖާއަކުންނެވެ. އެއީ ރަށުން ބޭރުގައެވެ.
ރޭ އާސެނަލުން ކުޅުނު މެޗުން މޮޅުވެ، އެޓީމަށް ލީގު ތާވަލުގެ އެއްވަނައަށް ޖެހިލެވެން އޮތް ނަމަވެސް، މިވަގުތު އޮތީ ދެވަނައިގައެވެ. އެއީ 19 މެޗުން 40 ޕޮއިންޓާއެކުގައެވެ. ލިވަޕޫލް އެއްވަނައިގައި 19 މެޗުން 42 ޕޮއިންޓާއެކު އޮތް އިރު، ލީގު ތާވަލުގެ ތިންވަނައިގައި މިވަގުތު އޮތީ އެސްޓަން ވިލާއެވެ. އެއީ 19 މެޗުން 39 ޕޮއިންޓާއެކުގައެވެ.
ހަތަރުވަނައިގައި އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ 18 މެޗުން 37 ޕޮއިންޓާއެކު އޮތް އިރު، ޓޮޓެންހަމް ވަނީ ގަދަ ހަތަރަކުން ސޮއްސާލައި ފަސްވަނައަށް ވެއްޓިފައެވެ. އެއީ 19 މެޗުން 36 ޕޮއިންޓާއެކުގައެވެ.
ރޭ ވެސްޓް ހަމްއިން މެޗުގެ ކުރީކޮޅުގައި އާސެނަލް ކޮޅަށް ގޯލު ޖެހިއެވެ. އެ ގޯލަކީ ޖެރޮޑް ބޮވެން ކަނޑާލި ހުރަހެއް، ތޯމަސް ސޫޗެކް ގޯލަށް ވައްދާލައިގެން ޖެހި ގޯލެކެވެ. އެ ގޯލަށް ބޯޅަ ހުރަސް ކުރަން ލައިން ކައިރިއަށް ދިޔަ ވަގުތު، ބޮވެން އަތުން ބޯޅަ ބޭރުވި ކަމަށް ބެލެވުނު ނަމަވެސް، ވީއޭއާރްގެ އެހީގައި ރެފްރީ ނިންމީ ބޯޅަ ލައިނުން އެއްކޮށް ބޭރު ނުވާ ކަމަށެވެ. އެ ނިންމުމަށް ކޯޗު މިކޭލް އާޓެޓާ ވަނީ ވަރަށް ބޮޑަށް ޝަކުވާ ކޮށްފައެވެ.
އެ ގޯލާއެކު ފުރަތަމަ ހާފު ނިމިގެން ދިޔަ އިރު، ދެވަނަ ހާފަށް ނުކުމެ، މެޗުގެ 55 ވަނަ މިނެޓުގައި އާސެނަލަށް ކުރިން ކުޅުނު ޑިފެންޑަރު، ކޮންސްޓަންޓީނޯސް މެވްރޮޕާނޯސް ބޮލުން ޖެހި ގޯލާއެކު ވެސްޓް ހަމް ނަތީޖާ ފުޅާކޮށް، އާސެނަލަށް ޕޮއިންޓް ގެއްލުވާލިއެވެ.
ރޭ ޓޮޓެންހަމްއިން ކުޅުނު މެޗުގައި އެޓީމު ފެނުނީ މާ ބޮޑަށްވެސް ދަށްކޮށެވެ. ފުރަތަމަ ހާފުގައި ޖެކް ހިންޝެލްވުޑާއި ޖާއޯ ޕެޑްރޯ ޖެހި ގޯލުތަކުން ބްރައިޓަން ދެ ގޯލުގެ ލީޑެއް ނެގިއިރު، ޕެޑްރޯ ޖެހި ގޯލަކީ ޕެނަލްޓީއަކުން ޖެހި ގޯލެކެވެ.
ދެވަނަ ހާފަށް ނުކުމެ، ޕާވިސް އެސްޓުޕީނިއަން ޖެހި ގޯލަކާއި ޕެޑްރޯ ޖެހި އިތުރު ޕެނަލްޓީއަކުން ބްރައިޓަން ހަތަރު ގޯލުގެ ލީޑެއް ނެގި އިރު، ޓޮޓެންހަމްއަށް ދެ ގޯލު ޖެހުނީ ފަހު ވަގުތުއެވެ. އެ ގޯލުތައް ޖެހީ އަލޭހޯ ވެލީޒް އާއި ބެން ޑޭވީސްއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު