ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވައްޓައި ނުލެވޭނެ ކަމަށާއި އެމަނިކުފާނުގެ ވަޒީރުންނަށް ރުހުން ވެސް ހޯދާނެ ކަމަށް ވެރިކަންކުރާ ކޯލިޝަންގެ ޕީޕީއެމް މެންބަރު އޭދަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުމުގެ ގޮތުން ނޫސްވެރިންނަށާއި ނޫސްތަކަށް ބިރު ދެއްކުމުގެ ގޮތުން ސަރުކާރުން މިހާރު ފަށާފައިވާ އޮންލައިން ނޫސްތައް ބްލޮކްކުރުމުގެ ސިލްސިލާ މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ، މަޖިލީހުގެ މޭޖޯރިޓީ ބޭނުންކޮށްގެން އެމްޑީޕީ މެންބަރުން ސަރުކާރަށް ޖެއްސުން ކުރަމުންދާ ކަމަށެވެ.
އެގޮތުން ރައީސް މުއިއްޒުގެ ކެބިނެޓަށް ރުހުން ނުދީ ލަސްކުރުމަކީވެސް މަޖިލިސް ރައީސް މުހައްމަދު އަސްލަމް ހިމެނިވަޑައިގެން އެމްޑީޕީގެ މެންބަރުން ކުރައްވާ ޖެއްސުމެއް ކަމަށާއި އެއީ ރައީސް މުއިއްޒުގެ ސަރުކާރު ވައްޓާލުމަށް އެ މެންބަރުން ކުރަމުން އަންނަ ކަމެއް ކަމަށް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ، ސަރުކާރު ވައްޓައިލިޔަ ނުދޭނެ ކަމަށާއި މަޖިލީހުގައި މިހާރު އެމްޑީޕީއަށް އޮތް މެޖޯރިޓީ ހޯދައި، ވަޒީރުންނަށް ރުހުން ހޯދާނެ ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރު ކުރިއަށް އޮތް ފަސް އަހަރަށް ދެމި އޮންނާނެ ކަމަށާއި ސަރުކާރާ ކުޅެލަންވެސް އެ މެންބަރުންނަށް ނުކެރޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ސަލީމްގެ ވާހަކަތަކާ ގުޅިގެން މަޖިލިސް ރައީސް އަސްލަމް ވިދާޅުވީ، ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ލަސްވީ، ސަރުކާރުގެ މަސްއޫލިއްޔާތު އަދާކުރާ މިންވަރުބަލާ ކޮމިޓީން އެ މައްސަލަ ދިރާސާ ކުރަމުންދިޔަ އިރު، ކޮމިޓީއަށް ބޭނުންވާ މައުލޫމާތުތަކެއް ހޯދަން ރައީސް އޮފީހުގައި އެދުމުން އެ މައުލޫމާތުތައް ފޮނުވުން ލަސްވުމުގެ ސަބަބުން ކަމަށެވެ.
ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް އިތުރުކުރެވޭ އެންމެ ގިނަ މިންވަރަށް އިތުރުކޮށްދެއްވާފައިވާ ކަމަށާއި ނަމަވެސް އަދިވެސް އެ މައްސަލަ ކޮމިޓީން މަޖިލިސް ތަޅުމަށް އައިސްފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު