ގުޅީފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ ސަރަހައްދުން ހިއްކަން ނިންމާފައިވާ 150 ހެކްޓަރުގެ ތެރެއިން 90 ހެކްޓަރު ހިއްކާފައިވާ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މުއްތަލިބު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގުޅީފަޅު ހިިއްކުމުގެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް، ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ އެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމައި، އެތަނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމް ކުރަން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

'ރަސްމާލެ' މަޝްރޫއުގެ ނަމުގައި ފުށިދިއްގަރުފަޅު ހިއްކަން ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ގުޅިފަޅަށް 85 ހެކްޓަރުގެ ބިން އިތުރުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

ގުޅިފަޅު ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން، ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެން އެ ފަޅުން 150 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ޖުލައި މަހުއެވެ. އެ މަޝްރޫއުގެ އަގަކީ 130.4 މިލިއަން ޑޮލަރު (2.01 ބިލިއަން ރުފިޔާ)އެވެ.