ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގައި މުޅިން އަލަށް ވާދަކުރި ސިޓީ ސްޕޯޓްސް ކުލަބުން، ވެމްކޯ ބަލިކޮށް، ރޭ ޗެމްޕިއަންކަން ހޯދައިފިއެވެ.

ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ފައިނަލް މެޗު ސިޓީން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މުހައްމަދު ޝަރަފުގެ ކޯޗުކަމުގައި ކުޅެމުންދާ ސިޓީގައި ގިނައިން ހިމެނެނީ ތ. ހިރިލަންދުއަށް ނިސްބަތްވާ ކުޅުންތެރިންނެވެ. މެޗުގެ ސެޓުތައް ދިޔައީ، 28-26، 25-17 އަދި 25-22 އިންނެވެ.

ނިޒާރު އިބްރާހިމް (ބޮޑޭ) ގެ ކޯޗުކަމުގެ ދަށުން ކުޅުނު ވެމްކޯގައި ގައުމީ ފެންވަރުގެ ގިނަ ކުޅުންތެރިންތަކެއް ފާހަގަވެގެން ގޮސްފައިވާ އިރު، އޭގެ ތެރޭގައި އަލީ ހުޒާމް (ހުޒަންޓެ) އާއި ހުސެން ޔޫސުފް (ޓޯއީ) ހިމެނެއެވެ. ސިޓީންވެސް ގައުމީ ލެވެލްގެ ބައެއް މޫނުތައް ފެނިގެން ގޮސްފައިވާ އިރު، އެޓީމުގެ މައިގަނޑު ތަފާތަކަށްވީ ރޫހެވެ. ތަފާތު ރޫހެއްގައި ކުޅުނު ސިޓީގައި އަހުމަދު ފާޒިލާއި ބިދޭސީ ކުޅުންތެރިން އަދި އަލީ ނިމާލްގެ ކުޅުންވެސް ފާހަގަކޮށްލެވުނެވެ.

މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނީ ވެމްކޯގެ ހުޒަންޓެ އާއި ހުސެން ޔޫސުފް (ޓޯއީ)، އަހްމަދު ނަބީލް (ނައްބަ) ގެ އިތުރުން ސިޓީގެ، އަހުމަދު ފާޒިލް، އަލީ ނިމާލާއި އާބަންކޯގެ އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) އަދި އާދަމް ފައިރޫޒެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗުކަށް ހޮވުނީ ސިޓީގެ ކޯޗު މުހައްމަދު ޝަރަފް ހޮވުނު އިރު، އެންމެ މޮޅު ކުޅުންތެރިއަކީ އެ ޓީމުގެ ފާޒިލެވެ. އަދި އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ، ސިޓީގެ ބިދޭސީ ކުޅުންތެރިޔާ ނޫރް މުހައްމަދެވެ.

ރޭގެ މެޗަށްފަހު ސިޓީގެ އެސިސްޓެންޓް ކޯޗު، އިބްރާހީމް މޫސާ ބުނީ އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ ހިރިލަންދޫ ރައްޔިތުންނަށް ކަމަށާއި ސަބަބަކީ ހިރިލަންދޫގައި ތިބި ކުޅުންތެރިންތަކެއް ގޮވައިގެން ކޯޗު ޝަރަފާއެކު ޗެމްޕިއަން ކަމަށް ކުރީ އުނދަގޫ ދަތުރަކަށް ވާތީ ކަމަށެވެ.

"ހިރިލަންދޫ ރައްޔިތުންނަށް އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ. ސަބަބަކީ ހިރިލަންދޫގައި ތިބި ކުޅުންތެރިންތަކެއް ގޮވައިގެން ކޯޗު ޝަރަފާއެކު ޗެމްޕިއަންކަމަށް މިކުރީ ވަރަށް އުނދަގޫ ދަތުރެއް. ގަބޫލުކުރަން ޖެހޭނެ ވޮލީގައި ނަން މަޝްހޫރު ކުޅުންތެރިންނަކީ އެއްޗެއް ނޫންކަން. އެކަމަކު ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްފިއްޔާ ވިން ވާނެ ކަމުގެ ހެއްކެއް މި ފެނިގެން ދިޔައީ،" އިބްރާހީމް މޫސާ ބުންޏެވެ.

އޭނާ ވިދާޅުވީ ވޮލީ ކުރިއަރުވަން ބޭނުންވާނަމަ، ރާއްޖެ ތެރޭގެ މުބާރާތްތައް އިތުރު ކުރަން ޖެހޭ ކަމަށާއި ޓީމުގެ ތަފާތަކީ ރާއްޖެ ތެރެއިން ގެނެވުނު މޮޅެތި ކުޅުންތެރިންތަކެއް ކަމަށެވެ. ސިޓީ ޓީމުގައި ހިރިލަންދޫގެ އަށް ކުޅުންތެރިން ހިމެނޭ ކަމަށް އިބްރާހީމް މޫސާ ފާހަގަކުރި އިރު، އޭނާ ބުނީ ކާމިޔާބީއަކީ މެނޭޖުމަންޓާއި ގުޅިގެން ހޯދުނު ކާމިޔާބީއެއް ކަމަށެވެ.