ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމް އަބްދުއްރަހީމް މަރާލި މައްސަލައިގެ ތުހުމަތު އޮތް ހަތަރު މީހުންގެ ތެރެއިން ލ. ގަން ވިދާތަރި އަލީ ނިފާޒު ޝަރީއަތް ނިމެންދެން ބަނަދު ކުރުމަށް އަމުރުކޮށް ދެން ތިބި މީހުން ބަންދު ނުކުރަން ހައިކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
ނަދީމް މަރާލިކަމުގެ ތުހުމަތުގައި ގ. ޝާރާޒް މުހައްމަދު މަފާޒުގެ މައްޗަށް ދައުވާ ކުރާ އިރު، ގއ. ގެމަނަފުށި ހަވާސް މުހައްމަދު ކަރަމް ސުހައިލާއި ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިނާއި ލ. ގަން ވިދާތަރި އަލީ ނިފާޒުގެ މައްޗަށް ދައުވާ ކުރަނީ ނަދީމު މަރާލުމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާއެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކުރިމިނަލް ކޯޓުގައި މި ހަތަރު މީހުންގެ މައްޗަށް ދައުވާ ކުރުމުން، ކުށް ސާބިތު ނުވާ ކަމަށް ނޮވެމްބަރު 14، 2022 ގައި ކުރިމިނަލް ކޯޓުން ކަނޑައެޅުމުން އެ މީހުން މިނިވަންވިއެވެ.
ނަމަވެސް ކުރިމިނަލް ކޯޓުގެ ހުކުމާ މެދު ހިތްހަމަ ނުޖެހިގެން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހަމަ އެއާއެކު އެމީހުންގެ ކުށުގެ ރެކޯޑަށް ބަލައި ބަންދުކޮށްދިނުމަށް ވެސް ހައިކޯޓުގައި އެދުނެވެ.
ނަމަވެސް ހައިކޯޓުން ނިންމާފައި ވަނީ މި މައްސަލައިގައި އެ މީހުން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ދައުލަތަށް ދެއްކިފައި ނުވާތީ، އެމީހުން ބަންދުގައި ބޭތިއްބެން ނެތް ކަމަށެވެ. އަދި މި މައްސަލައިގެ ތުހުމަތު އޮތް މަފާޒް ހުރީ އެހެން މައްސަލައެއްގައި ބަންދު ކޮށްފައި ކަން ވެސް ފާހަގަކޮށްފައިވެއެވެ.
އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މިމަހު ހަތްވަނަ ދުވަހު ސުޕްރީމް ކޯޓުން، ހައިކޯޓުން ކުރި ހުކުމް ބާތިލް ކުރިއެވެ. އަދި މުޖުތަމައަށް ނުރައްކަލެއް އޮއްތޯ، އޭގެ ތެރެއިން ކޮންމެ މީހެއްގެ ހާލަތު ހައިކޯޓުން ވަކިން ވަޒަންކޮށް އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމާ މެދު ހައިކޯޓުން އަލުން ގޮތެއް ކަނޑައެޅުމަށް މި މައްސަލަ ހައިކޯޓަށް ތަހުވީލު ކުރާ ކަމަށްވެސް ހުކުމް ކުރިއެވެ.
އެކަމާ ގުޅިގެން އެ މައްސަލަ ބަލައި ހައިކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ހުސެއިން ޝާމިން އާއި ކަރަމް ސުހެއިލް އާއި މަފާޒް ހުސެއިން ސަލީމް ބަންދު ކުރާނެ ހާލަތެއް މިވަގުތަކު ނެތް ކަމަށެވެ. ނަމަވެސް އަލީ ނިފާޒްގެ ހާލަތަށް ރިއާޔަތް ކުރާއިރު މި މައްސަލައިގެ އިސްތިއުނާފީ ޝަރީއަތް ނިމެންދެން އަލީ ނިފާޒު ބަންދު ކުރަންޖެހޭ ކަމަށް ކަނޑައަޅައި މިއަދުން ފެށިގެން މި މައްސަލައިގެ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި އޭނާ ބަންދު ކުރުމަށް ވެސް ހައިކޯޓުން ވަނީ އަމުރު ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު