ސީދާ ތިން ސެޓުން ޕޮލިސް ކްލަބް ބަލިކޮށް، ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ތަށި ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ކްލަބު ވެމްކޯއިން އުފުލާލައިފިއެވެ.

އެންމެފަހުން ތިން ފަހަރުވެސް ވެމްކޯއިން މުބާރާތް ކާމިޔާބުކުރި އިރު، އެ ތިން ފަހަރުވެސް ފައިނަލުން މޮޅުވީ ޕޮލިސް ކްލަބު އަތުންނެވެ. ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗުގެ ސެޓުތައް ވެމްކޯ އިން ގެންގޮސްފައިވަނީ 25-21، 25-23 އަދި 25-17 އިންނެވެ.

މެޗުގެ ފުރަތަމަ ސެޓުން ފެށިގެންވެސް ވެމްކޯއިން ރަނގަޅަށް އެޓޭކްކޮށް، ބާރު ހަމަލާތައް ފޮނުވާލަމުން ގޮސްފައިވާ އިރު، އައިޝަތު މާޖިދާ އާއި ބްރެޒިލްގެ ކުޅުންތެރިޔާ، ޖެސިކާ ސޮއާރޭސްގެ ތަފާތެވެ. ޕޮލިސް ޓީމުގެ ކެޕްޓަން، ހައްވާ ރާޝިދާ (ހައްވަ) އާއި ބިދޭސީ ކުޅުންތެރިޔާ، އަންޗަނާ ޖަންގަމްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް، އެޓީމަށް ވެމްކޯއާ އަރާ ހަމައެއް ނުކުރެވުނެވެ.

ފަހުން ކުޅުނު ދެ ސެޓުގައިވެސް ޕޮލިހަށް މުހިއްމު ވަގުތުގައި ގޯސްތަކެއް ހެދުމުން އެޓީމުން މެޗަށް އަނބުރާ ވަނުމަށް ކުރި މަސައްކަތް ކާމިޔާބު ވާގޮތެއް ނުވިއެވެ.

މިއަހަރު މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ، ވެމްކޯގެ މާޖިދާ، އަރީޝާ، ހައްވާ ނާޒިމާ، ޖޫޒާންގެ އިތުރުން ޕޮލިހުގެ ހައްވަ އާއި އަލްމާ ސްޕޯޓްސް ކްލަބްގެ ނުހާ ވަހީދު އާއި ހައްވާ ސަހާ އެވެ. އެންމެ މޮޅު ކޯޗަކީ ވެމްކޯގެ ހާލިދު މުހައްމަދެވެ.

އެންމެ އުންމީދީ ކުޅުންތެރިއަކަށް ވެމްކޯގެ މާޔާ ހުސެއިން ހޮވުނު އިރު، އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ އެ ޓީމުގެ ޖެސިކާއެވެ. އަދި މުޅި މުބާރާތުގެ މޮޅު ކުޅުންތެރިއަކީ ވެމްކޯގެ މާޖިދާއެވެ.

އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ތިން ވަަނަ ޓީމަކީ މުހައްމަދު ނަދީމް ކޯޗުކޮށްދިން އަލްމާ ސްޕޯޓްސް ކްލަބެވެ.