މެންޗެސްޓާ ޔުނައިޓެޑްގެ ހިއްސާ ގަތުމަށް އިނގިރޭސި ބިލިއަނަރު ސާ ޖިމް ރެޓްކްލިފް ކުރަމުން އަންނަ މަސައްކަތުގެ ދަށުން، އެ ކްލަބުގެ 25 ޕަސެންޓް ހިއްސާ ގަނެފިއެވެ.

ޔުނައިޓެޑްގެ ވެރިންގެ ގޮތުގައި ތިބި ގްލޭޒާސް އާއިލާއިން މެންޗެސްޓާ ޔުނައިޓެޑް ވިއްކާލަން ނިންމާފައި ވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެފަހަރު ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ކޯ ޗެއާމަނުން ކަމަށްވާ ޖޯލް ގްލޭޒާ އަދި އަވްރަމް ގްލޭޒާ ވިދާޅުވެފައި ވަނީ ކްލަބުގެ ހިންގުމަށް ވިޔަފާރީގެ ބަދަލުތަކަކަށް ތައްޔާރުވަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި އާ އިންވެސްޓަރުންނަށް ފުރުސަތު ފަހިކޮށް، ކްލަބު ވިއްކާލުމަށްވެސް ބަލަމުން އަންނަ ކަމަށެވެ.

ޔުނައިޓެޑްގެ ފުރިހަމަ ހިއްސާ ގަތުމަށް ގަތަރުގެ ބޭންކަރު ޝެއިހް ޖަސީމް ބިން ހަމަދު އަލް ސާނީވެސް ބިޑު ކުރިއެވެ. އެހެން ނަމަވެސް ވެރިންނަށް ބޮޑަށް ބެލެވުނީ ރެޓްކްލިފްގެ އިނެއޯސް ކުންފުންޏަށް ޔުނައިޓެޑްގެ ހިއްސާ ވިއްކާލައި، ފުޓުބޯޅައިގެ ކޮންޓްރޯލް ދިނުން ފައިދާ ބޮޑު ކަމަށެވެ.

ރެޓްކްލިފް 25 ޕަސެންޓްގެ ހިއްސާ ގަތީ ޖުމުލަ 1.03 ބިލިއަން ޕައުންޑްގެ އަގަކަށެވެ. އުމުރުން 71 އަހަރުގެ ރެޓްކްލިފް ވަނީ އެ ކްލަބުގެ ސްޓޭޑިއަމަށް 236 ޕައުންޑް އިންވެސްޓް ކުރަން އެއްބަސްވެފައެވެ. އޭގެ އިތުރުން ޓްރާންސްފާތަކަށްވެސް ޔުނައިޓެޑުން ވަނީ ހަރަދުތަކެއް ކުރަން ތައްޔާރުވެފައެވެ.

ރެޓްކްލިފަަށް ޔުނައިޓެޑްގެ ހުރިހާ ފުޓުބޯޅައިގެ ހަރަކާތްތަކެއްގެ ކޮންޓްރޯލް ލިބޭ ގޮތަށް އެއްބަސްވުން ހަދާފައިވާ އިރު، އޭނާއަކީ ޔުނައިޓެޑަށް އުފަން ވިޔަފާރިވެރިއެކެވެ. އިނެއޯސްގެ ޗެއާމަން ކުރިން ބުނެފައި ވަނީ އޭނާއަކީ އަބަދުވެސް ޒަމާންވީ ޔުނައިޓެޑްގެ ސަޕޯޓަރެއް ކަމަށެވެ.

ރެޓްކްލިފް ވަނީ މިދިޔަ އަހަރު އިނގިރޭސި ކްލަބު ޗެލްސީ ގަންނަން މަސައްކަތް ކޮށްފައެވެ. އެކަން އޭނާއަށް ކާމިޔާބު ވާގޮތެއް ނުވިއެވެ.