އަންނަ ޖެނުއަރީ މަހު 31 ގައި ބާއްވަން ހަމަޖައްސާފައިވާ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބާ ގުޅޭ މައުލޫމާތު ސްޕޯޓްސް ކޮމިޝަނަށް ލިބިފައި ނުވާތީ، އެކަމުގެ މައުލޫމާތު ސާފުކޮށްދޭން ސްޕޯޓްސް ކޮމިޝަނަރު އެފްއޭއެމްއަށް ސިޓީއެއް ފޮނުއްވަވައިފިއެވެ.

ރާއްޖޭގެ ފުޓުބޯޅަ އިދާރާ އެފްއޭއެމް، ފައިސާގެ މައްސަލަތަކެއްގެ ތެރޭގައި ތާށިވެ، އެ އިދާރާގެ ވެރިންގެ މައްޗަށް ދަނީ ޖިނާއީ ތަހުގީގެއްވެސް ހިންގަމުންނެވެ. ދާދިފަހުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވިދާޅުވީ އެފްއޭއެމްގެ ވެރިންގެ މައްޗަށް މަނީ ލޯންޑަރިން ފަދަ މައްސަލަތަކަށް ތުހުމަތުކޮށް، ތަހުގީގު ހިންގަމުން އަންނަ ކަމަށާއި ހެކި ލިބުނުހާ އަވަހަކަށް ދައުވާކުރަން ފޮނުވާނެ ކަމަށެވެ. އެ މައްސަލައިގެ ޕްރައިމް ސަސްޕެކްޓަރީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކަމަށްވެސް ޕީޖީ ވަނީ ވިދާޅުވެފައެވެ.

އެ ހާލަތުގައި އެފްއޭއެމް އޮއްވައި ބައްސާމް ވަނީ އިންތިހާބުގައި ވާދަނުކުރައްވާނެކަން ހާމަކުރައްވައިފައެވެ. އަދި އެފްއޭއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުން ނިންމާފައި ވަނީ އެ ބައްދަލުވުން ބޭއްވި ދުވަހުން ފެށިގެން 45 ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް ކަމަށެވެ. އެހެންކަމުން އިންތިހާބު އޮންނާނީ އަންނަ ޖެނުއަރީ 31 ގައެވެ.

ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ ބެލެނިވެރި ފަރާތެއްގެ ގޮތުގައި ސްޕޯޓްސް ކޮމިޝަނަރު ހުންނަވާ އިރު، "ވަން ސްޕޯޓްސް" އަށް ކޮމިޝަނަރު މުހައްމަދު ތޮލާލް ވިދާޅުވީ، އިންތިހާބު ބާއްވަން ނިންމި ކަމެއްވެސް އަދި ބާއްވަން ޖެހުނު ސަބަބެއްވެސް ރަސްމީކޮށް އަންގާފައި ނުވާ ކަމަށެވެ.

"ރަސްމީކޮށް އަދި ނުލިބޭ އެ އިންތިހާބާ ބެހޭ އެއްވެސް މައުލޫމާތެއް. ނޫސްތަކުން އާންމުކޮށް މި ފެންނަނީ އެ މައުލޫމާތުތައް. އެހެންވެ އެކަން ބަޔާންކޮށްދީ، ތަފުސީލުތައް ހޯދަން އެފްއޭއެމްއަށް ސިޓީއެއް ފޮނުވާފައިވާނީ،" ތޮލާލް ވިދާޅުވިއެވެ.

ތޮލާލް ފޮނުއްވި ސީޓީގައި ސާފުކޮށްދޭން އެދިފައިވާ ކަންތައްތަކުގެ ތެރޭގައި އިންތިހާބާ ގުޅޭގޮތުން ނިންމި ނިންމުމުގެ ތަފްސީލާއި އެ ކަމަށް ނިންމި ބައްދަލުވުމުގެ ޔައުމިއްޔާ އާއި ހިންގާ ކޮމިޓީގެ މެމްބަރުންގެ ތަފްސީލުވެސް ހިމެނެއެވެ.

އޭގެ އިތުރުން އެފްއޭއެމްގެ މިވަގުތު އޮތް މެމްބަރު ކްލަބުތަކުގެ ތަފްސީލާއި އެފްއޭއެމްގައި އޮތް ހިންގާ ކޮމިޓީގެ މުއްދަތު ހަމަވާން ގިނަ ދުވަސްތަކެއް އޮއްވައި، އަވަހަށް އިންތިހާބެއް ބާއްވަން ހިންގާ ކޮމިޓީން ނިންމި ސަބަބުވެސް ތޮލާލް ވަނީ ސާފުކުރައްވަން އެދިފައެވެ.