ފީފާއާއި ޔޫއެފާގެ ބޭރުން، 12 ކްލަބަކުން 2021 ވަނަ އަހަރު އުފައްދަން މަސައްކަތް ކުރި އާ ލީގެއް ކަމަށްވާ، ޔޫރޮޕިއަން ސުޕަ ލީގު ހުއްޓުވަން ޔޫއެފާއާއި ފީފާއިން އުސޫލުން ބޭރުން ކަންތައްތަކެއް ކުރި ކަމަށް ޔޫރަޕިއަން ކޯޓު އޮފް ޖަސްޓިސްއިން ނިންމައިފިއެވެ.
ލަކްސަންބާގުގައި ހުންނަ ކޯޓު އޮފް ޖަސްޓިސް އިން އިއްޔެ ކުރި ހުކުމެއްގައި ބުނީ ޔޫއެފާއާއި ފީފާއިން ސުޕަ ލީގު ހުއްޓުވާލަން މަސައްކަތް ކޮށްފައިވަނީ އުސޫލުތަކުން ބޭރުން ކަމަށެވެ. އެގޮތުން ސުޕަ ލީގު އުފައްދަން އުޅުނު ކްލަބުތަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި، ކްލަބުތައް އިނދަ ޖައްސާލަން ކޮމާޝަލް ރައިޓްސް ހިފަހައްޓައިގެން ކަންކަން ކުރީވެސް ގޯހުން ކަމަށް ކޯޓު ހުކުމުގައިވެއެވެ.
އެ ހުކުމާއެކު ސުޕަ ލީގުގައި މިހާރު އެކްޓިވްކޮށް އޮތް، ރެއާލް މެޑްރިޑާއި ބާސެލޯނާއިން އެކުވެގެން ނެރުނު ބަޔާނެއްގައި އަނެއްކާވެސް ސުޕަ ލީގަކަށް ޕްރޮޕޯސް ކޮށްފައިވެއެވެ. އެ ދައުވަތަށް ޔޫރަޕްގެ ގިނަ ކްލަބުތަކަކުން މިހާރު ދަނީ ނޫނެކޭ ބުނަމުންނެވެ.
ޔޫއޭފާގެ ރައީސް އެލެކްސެންޑްރާ ޗެފެރިންނާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ސުޕަ ލީގު ކުރިއަށް ދިޔަޔަސް ފަރުވާލެއް ނެތް ކަމަށް ވިދާޅުވެފައިވާ އިރު، މިހާރު އެ ޕްރޮޕޯސަލް އިނގިރޭސި ޕްރިމިއާ ލީގުގެ ވަރުގަދަ ކްލަބުތަކުންނާއި ޔޫރަޕްގެ އެހެން ވަރުގަދަ ގިނަ ކްލަބުތަކަކުންވެސް ވަނީ ރިޖެކްޓް ކޮށްފައެވެ. އިއްޔެ އެކަން ހާމަކޮށް މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީންވެސް ވަނީ ބަޔާން ނެރެފައެވެ.
ރެއާލާއި ބާސާއިން މިހާރުވެސް ސުޕަ ލީގުގައި އޮތް އިރު، އެއީ ހަމައެކަނި އޮތް ދެ ޓީމެވެ. ސުޕަ ލީގު ފުރަތަމަ އުފެއްދީ، 12 ފައުންޑިން ކްލަބަކާއެކުގައެވެ. އެ ލީގު އުފެއްދުމާއެކު ސަޕޯޓަރުން މަގުތަކަށް ނުކުމެ، ޔޫއެފާއިން މައްސަލަ ހޫނުކޮށްލުމާއެކު، ފައުންޑިން ނުވަ ޓީމެއް ވަނީ 48 ގަޑިއިރު ތެރޭގައި އެ ޕްރޮޖެކްޓް ދޫކޮށްލައިފައެވެ.
ސުޕަ ލީގުގެ އާ ޕްރޮޕޯސަލްއާއެކު އެ ލީގުގެ ޗީފް އެގްޒެކެޓިވް ބާންޑް ރެއިޗާޓް ނެރުއްވި ބަޔާނުގައި ވިދާޅުވީ ޔޫއެފާގެ "މޮނޮޕޮލީ ނިމިއްޖެ،" ކަމަށާއި، ފުޓުބޯޅަ މިނިވަން ވެއްޖެ ކަމަށެވެ. އެ ލީގަށް ޕްރޮޕޯސް ކޮށްފައިވަނީ 64 ޓީމުގެ ލީގެއް ކުޅުމަށެވެ. އަދި ޓީމުތަކަށް މާލީގޮތުން ދެގުނަ ފައިދާވާނެ ކަމަށްވެސް ވައުދުވެފައިވެއެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު