އައިޖީއެމްއެޗްގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި ދައުވާ ކުރާ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލަން ކުރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކޮށް ޝަރީއަތް ނިމެންދެން އޭނާ އަލުން ބަންދުކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ތިން ދައުވާއެއް ދައުލަތުން ކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ، އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ. ނަމަވެސް މާވިންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އެކަންޏެވެ.

ޑިސެމްބަރު، 2021 ގައި ހައްޔަރުކުރި ލަމްހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިމަހުގެ 23 ވަނަ ދުވަހު ނިންމީ ޝަރުތުތަކާއެކު ތިން މަސް ދުވަހުގެ މުއްދަތަކަށެވެ. ޝަރުތުކުރި ކަންކަމުގެ ތެރޭގައި ރޭގަނޑު 10:00 އިން ހެނދުނު 6:00 އާ ދެމެދު ގެއިން ބޭރުގައި އުޅުން މަނާކޮށް އަދި މާލެއިން ބޭރަށްދާ ނަމަ ކޯޓު ހުއްދަ ހޯދުން ފަދަ ބައެއް ޝަރުތުތަކެއް ހިމެނެއެވެ.

ލަމްހާ ދޫކޮށްލާފައިވަނީ، ޓެގް އެޅުވުމަށް ފަހު ނަމަވެސް ބަންދުން ދޫކޮށްދިނުމަށް އޭނާ އެދިފައިވަނިކޮށެވެ.

ޝަރުތުކޮށްފައި ލަމްހާ ބަންދުން ދޫކޮށްދިނުމަށް މީގެ ކުރިންވެސް އެދުނެވެ. ނަމަވެސް ލަމްހާއަކީ މުޖުތަމައަށް ނުރައްކާ އޮތް މީހަކަށްވާތީ މީގެ ކުރިން އޭނާ ބަންދުން ދޫކޮށްފައެއް ނުވެއެވެ.

މި މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އޮފީހުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާގައި ވަނީ، ލަމްހާ ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ނިންމި ނިންމުމަކީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) އާއި، އެ ގާނޫނުގެ 59 ވަނަ މާއްދާ އާއި، ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) އާއި، ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެފައެވެ.

އެހެންކަމުން ޕީޖީ އޮފީހުން ހައިކޯޓުގައި އެދިފައިވަނީ، ލަމްހާ ދޫކޮށްލަން ކުރިމިނަލް ކޯޓުން އަމުރުކޮށް ނިންމާފައިވާ ނިންމުމަކީ ގާނޫނުއަސާސީގެ 17 ވަނަ މާއްދާ އާއި 20 ވަނަ މާއްދާއާ ހިލާފަށް ނެރެފައިވާ އަމުރެއްކަމަށް ކަނޑައަޅައި، އެ އަމުރު ބާތިލުކޮށް، ލަމްހާގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ހަތް ދުވަހުގެ ތެރޭގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހަޅައިފިނަމަ، ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަނުގައިވާ ގޮތަށް ވަގުތުން ގޮތެއް ކަނޑައަޅަންޖެހޭ ބާވަތުގެ ޖިނާއީ، މަދަނީ އަދި އާއިލީ މައްސަލަތަކުގައި ކޯޓު އަމުރު ދޫކުރުމާ ބެހޭ އުސޫލާ އެއްގޮތަށް 24 ގަޑިއިރުގެ ތެރޭގައި ބަންދާ މެދު އަލުން ގޮތެއް ކަނޑައެޅުމަށް އަމުރު ކޮށްދެއްވުމަށެވެ.

މި މައްސަލައިގައި ހައިކޯޓުން މިއަދު ހުކުމް ކޮށްފައިވަނީ ލަމްހާ ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކޮށް، ދައުވާ ނިމެންދެން އޭނާ ބަންދުކުރުމަށް މީގެ ކުރިން ކުރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު އެގޮތުގައި ދެމިއޮތް ކަމަށް ކަނޑައަޅާ ކަމަަށެވެ.