ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ)ގެ މައްޗަށް ކުރާ ހިޔާނާތުގެ ދައުވާތަކާ ގުޅިގެން ހިފަހައްޓާފައިވާ އޭނާގެ ޕާސްޕޯޓް ވަގުތީގޮތުން ދޫކޮށްލައިފައިވިޔަސް، އޭނާ ފުރުން މަނާކުރަން މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް، ހައި ކޯޓުން އަމުރުކޮށްފިއެވެ.

ކުރިމިނަލް ކޯޓުން މިމަހުގެ ހަތްވަނަ ދުވަހު ވަނީ އައްމަޓީގެ ޕާސްޕޯޓް ދޫކޮށްލުމަށް ވަގުތީ އަމުރެއް ކޮށްފައެވެ. ހަމަ އެ ދުވަހު ދައުލަތުން ވަނީ އައްމަޓީގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް ހައި ކޯޓުގައި އެދިފައެވެ.

ހައި ކޯޓުން މިއަދު އެ މައްސަލައިގައި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އަމުރުގައި ބުނީ، ދައުލަތުގެ ފަރާތުން އެދިފައިވަނީ ކުރިމިނަލް ކޯޓުގެ އަމުރު ބާތިލުކުރަން ކަމަށެވެ. އެ މައްސަލަ ހައި ކޯޓުގައި ހިނގަމުން ދަނިކޮށް އައްމަޓީ ފުރައިގެން ގޮސްފިނަމަ، ހައި ކޯޓުގައި ކުރިއަށްދާ އިސްތިއުނާފީ މައްސަލައިގެ މަގުސަދު ގެއްލިގެން ހިނގައިދާނެ ކަމުގެ އިހުތިމާލު އެބައޮތް ކަމަށެވެ.

އެހެންކަމުން އަދުލު އިންސާފު ގާއިމުކޮށް ދެމެހެއްޓުމަށްޓަކައި އެ މައްސަލައިގައި ކޯޓުން ހުކުމް ކުރަންދެން ނުވަތަ ކޯޓުން ވަކިގޮތެއް އަންގަންދެން އައްމަޓީ ރާއްޖެއިން ބޭރަށް ފުރުން މަނާ ކުރުމަށް އިމިގްރޭޝަންގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

މި މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސެއިން މަޒީދު، ފަނޑިޔާރު ފާތިމަތު ފަރްހީޒާ އަދި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އެވެ.

އައްމަޓީއާ ދެކޮޅަށް ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ހިޔާނަތްތެރިވުމުގެ ކުށުގެ 42 ދައުވާއަކާ ގުޅިގެން އެ ކޯޓުން ވަނީ، ޝަރީއަތް ނިމެންދެން އައްމަޓީގެ ޕާސްޕޯޓް ނުވަތަ ޓްރެވަލް ޑޮކިއުމެންޓް ހިފެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް 16 ޖޫން 2021ގައި އަމުރުކޮށްފައެވެ. އެ އަމުރު މުރާޖާކޮށްދިނުމަށް އައްމަޓީގެ ފަރާތުން ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ.

ކުރިމިނަލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު މިމަހުގެ ހަތް ވަނަ ދުވަހު ކުރި އަމުރުގައި ވަނީ އައްމަޓީގެ ޕާސްޕޯޓް ދޫކޮށްލުމަށް އަމުރުކޮށްފައެވެ.

އެ އަމުރުގެ ރައުޔުގައި ކުރިމިނަލް ކޯޓުން ބުނީ އައްމަޓީގެ މެޑިކަލް ލިޔުންތަކުން އޭނާގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރު ލަފާދީފައިވާކަން އެނގޭ ކަމަށާއި މައިބަދައިގެ އޮޕަރޭޝަނަކީ އޭގެ ޒާތަށް ބަލާއިރު، ސީރިއަސް އޮޕަރޭޝަނެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އައްމަޓީގެ އާއިލާ ދިރިއުޅެނީ ވެސް ސްރީ ލަންކާގައި ކަމަށް އޭނާ ފާހަގަކޮށްފައިވާ ކަމަށާއި އެހެންވެ އާއިލާ ކައިރީގައި ހުރެގެން ފަރުވާ ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމަށް، ޕާސްޕޯޓް މަނާކުރަން ނެރެފައިވާ އަމުރު ވަގުތީ ގޮތުން ސަސްޕެންޑްކުރަން ނިންމާފައިވާ ކަމަށެވެ.

އައްމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް ކުރަނީ ހުޅުމާލޭގައި 3000 ފްލެޓް އިމާރާތްކުރަން ގިނަ ބައެއްގެ އަތުން އެޑްވާންސް ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނަތްތެރިވެފައިވުމުންނެވެ. އެ މައްސަލައިގެ އަޑުއެހުންތަކެއް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަކަށް ނުދެއެވެ. އެންމެ ފަހުން އެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. ނަމަވެސް އެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.

އޭނާގެ މައްޗަށް ކުރާ ހުރިހާ ދައުވާތަކަށް އައްމަޓީ ވަނީ އިންކާރުކޮށްފައެވެ.

ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި ސީލައިފްއާ އެކު އެޗްޑީސީން ސޮއިކޮށްފައިވަނީ 13 މާޗު 2014 ގައެވެ. ދައުލަތުން ތުހުމަތު ކުރާ ގޮތުގައި އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަކާ ނުލައި އެތައް ރައްޔިތުންގެ އަތުން އޭނާ ވަނީ ފައިސާ ނަގައިފައެވެ.