މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ، ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކަށް މިފަހަރުވެސް ސޮނީ ސްޕޯޓްސް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މިއަދު ސޮނީ ހައުސްގައި އެކަމަށްޓަކައި ބޭއްވި އިވެންޓުގައި މުބާރާތް ހިންގާ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސް ރިލުވާން މޫސާއެވެ. ސޮނީ ސްޕޯޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މާކެޓިން އެގްޒެކެޓިވް، އައިޝަތު ފަތީނާއެވެ.
ސޮނީ ސްޕޯޓްސްއަކީ މިދިޔަ އަހަރާއި އޭގެ ކުރިން ގިނަ ފަހަރުތަކެއްގައިވެސް މުބާރާތުގެ ޓައިޓަލް ސްޕޮންސަރެވެ. މިއަހަރުގެ މުބާރާތްވެސް ސޮނީން އެތެރެކުރާ، ނައިކީގެ ފުޓްސަލް މައިސްޓްރޯ ބޯޅައިން ކުޅުމަށް ހަމަޖެހިފައިވާ އިރު، ޓީމުތަކުގެ ތައްޔާރީތައް މިހާރުވެސް ވަނީ ފަށައިފައެވެ. ސޮނީއަކީ ރާއްޖޭގެ ކުޅިވަރުގައި އެންމެ ބޮޑު އެއް ބްރޭންޑެވެ. ހާއްސަކޮށް، އެ ކުންފުންޏަކީ އެންމެންގެ އިތުބާރު ހޯދާފައިވާ ކޮލިޓީ ރަނގަޅު ފްރެންޗައިސް ފިހާރަތަކެއްވެސް ހިންގަމުންދާ ކުންފުންޏެކެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2024، އަންނަ މަހުގެ 15 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ އިރު، ކުރީ އަހަރުތަކަށް ވުރެވެސް ފުރިހަމައަށް މިފަހަރު މުބާރާތް އިންތިޒާމުކުރުމަށް މިހާރުވެސް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. އަންނަ މަހުގެ 15ގައި މުބާރާތުގެ ކުޅުން ފެށުމަށް ތައްޔާރުވެފައި އޮތް ނަމަވެސް، 14 ވަނަ ދުވަހުގެ ރޭ ހާއްސަ ޗެރިޓީ މެޗެއް މިފަހަރުވެސް ކުޅެވިގެން ދާނެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެރިޓީ ޝީލްޑް މެޗުގައި މިފަހަރު ވާދަކުރާނީ އެންމެފަހުގެ ޗެމްޕިއަން ލ. ގަމާއި އޭގެ ކުރީ އަހަރުގެ ޗެމްޕިއަން، ތ. ތިމަރަފުއްޓެވެ.
މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައިވެސް 102 ޓީމަކުން ބައިވެރިވެ ކުޅެފައިވާ އިރު، 250 އަށްވުރެ ގިނަ މެޗު ކުޅެވިގެންދިޔައެވެ. އެ ހުރިހާ މެޗެއްގެވެސް އިންތިޒާމު ފުރިހަމައަށް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ކުރިއަށް ގެންގޮސްފައިވާ އިރު، މިފަހަރު މެޗުތައް އިތުރުވާނެއެވެ. އެގޮތުން، ކުރިއަށްއޮތް މުބާރާތުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅެވިގެންދާނެއެވެ.
ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް ގޯލްޑަން ފުޓްސަލް ޗެލެންޖްވެފައި އޮތް އިރު، އަންނަ އަހަރުގެ މުބާރާތުގެ ސްޕޮންސާޝިޕަށްވެސް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް