ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުން އަޒުލުކުރުމަށް މިހާރުގެ އިދިކޮޅު ޕާޓީ، އެމްޑީޕީން އުޅުމަކީ ހަޑިހުތުރު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރު ގާސިމު އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިހާރު މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުން އެކަނި ވޯޓުލައިގެންވެސް ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މަގާމުން ވަކި ކުރެވޭ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭ ގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގައި ހިމެނޭ، ރައީސާއި ނާއިބު ރައީސް ވަކިކުރުމާބެހޭ މާއްދާތައް ކުއްލިއަކަށް ބަދަލުކުރަން ހުށަހަޅާފައި މިވަނީ އިހަކަށް ދުވަހު ރައްޔިތުން އިންތިހާބު ކުރެއްވި ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް ރުހުންވެސް ނުދެވިގެން އުޅެނިކޮށް ކަމަށެވެ.
ވަޒީރުންގެ ސިފަތަކާއި ޝަރުތުތައް ގާނޫނުއަސާސީއާއި ގާނޫނުގައި ބަޔާންކޮށްފައިވާއިރު، އެ ޝަރުތުތައް ފުރިހަމަވާ ނަމަ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެން މަޖިލީހަށް ފޮނުއްވާފައިވާ ގޮތަށް ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގެ ހުރިހާ މެންބަރުން ވޯޓު ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަންޖެހޭނީވެސް މަޖިލީހުން ރުހުން ދިނުމަށްފަހު، މިނިސްޓަރަކު ގޯހެއް ހައްދަވާނަމަ މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށް، ޒިންމާދާރު ކުރުމަށްފަހުގައި ކަމަށެވެ.
ނަމަވެސް އެމްޑީޕީއަށް ވެރިކަން ނުލިބުމުން ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭ ގޮތަށް ހުރި މާއްދާތަކަށް ބަދަލު ގެނެސް، އެެކަން ކުރަން ފަސޭހަކޮށް ލުއިކޮށްގެން، އެ ބޭފުޅުން ވެރިކަމުން އަޒުލު ކުރުމަކީ ހަޑިހުތުރުކަމެއް ކަމަށް ގާސިމު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު