ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި ވިޔަރެއާލް ބަލިކޮށް، އެޓީމުން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ރެއާލްއިން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ވިޔަރެއާލް ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ނަތީޖާއާއެކު ރެއާލްއިން އެއްވަނައަށް އެރީ 17 މެޗުން 42 ޕޮއިންޓާއެކުގައެވެ. ޖިރޯނާއިން ދެވަނައިގައި، 16 މެޗުން 41 ޕޮއިންޓާއެކު އޮތް އިރު، ތިންވަނައިގައި ބާސެލޯނާ އޮތީ 17 މެޗުން 35 ޕޮއިންޓާއެކުގައެވެ. އެތުލެޓިކޯ މެޑްރިޑުން ހަތަރު ވަނައިގައި މިވަގުތު އޮތީ 16 މެޗުން 34 ޕޮއިންޓާއެކުގައެވެ.

ރެއާލްއަށް ރޭގެ މެޗުގައި ފުރަތަމަ ގޯލު ޖަހައިދިނީ ޖޫޑް ބެލިންހަމްއެވެ. މެޗުގެ 25 ވަނަ މިނެޓުގައި އޭނާ ބޮލުން ޖެހި ގޯލާއެކު ބެލިންހަމް ވަނީ މި ސީޒަނުގައި 13 ލީގު ގޯލު ހަމަކޮށްފައެވެ.

ރެއާލްއިން ފުރަތަމަ ހާފު ނިންމާލީ އިތުރު ގޯލަކާވެސް އެކުގައެވެ. އެޓީމުގެ ދެވަނަ ގޯލު ރޮޑްރީގޯ ޖެހީ، ވީއޭއާރް އެހީގައި ރެފްރީ ނިންމި ނިންމުމާއެކުގައެވެ. ދެވަނަ ހާފަށް ނުކުމެ ވިޔަރެއާލްއިން ގޯލެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. އެ ގޯލު ޖެހީ ޖޯސޭ ލުއިސްއެވެ.

ވިޔަރެއާލްއިން އެ ގޯލާއެކު އުންމީދެއް ހޯދި ނަމަވެސް، ބްރަހީމް ޑިއާޒާއި މޮޑްރިޗް ޖެހި ގޯލުތަކުން އެޓީމުން ތިން ޕޮއިންޓް ޔަގީންކުރިއެވެ.