2019 ވަނަ އަހަރު ނަވާރަވަނަ ރައްޔިތުންގެ މަޖިލިސް އިފްތިތާޙު ކުރެވުމަށް ފަހު ފާއިތު ވެގެން މިދިޔަ ފަސް އަހަރުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ދުސްތޫރީ ނިޒާމު ހަލާކު ވެގެން ހިނގައިދާނޭ މަގުން އެ މަޖިލިހުން ވަނީ އެތައް ކަމެއް ކޮށްފައެވެ. ނިންމި ނިންމުންތަކާއި، ކުރި ކަންތައްތަކާއި، ޒިންމާ ނަގާން ޖެހުނު ވަގުތު ޒިންމާ ނުނަގައި ތިބި ތިބުމާއި، ދުސްތޫރީ މަސްއޫލިއްޔަތަށް ފިލައިގެން މަޖިލިހުގެ ޖަލްސާތައް ނުބާއްވައި އަދި މަސައްކަތް ނުކޮށް ތިބިތިބުން ފަދަ އެތައް ގޮތަކުންނެވެ. މި ސިލްސިލާއަށް ބޮޅެއް އިތުރު ވެދާނޭކަމުގެ އިޝާރާތްތަކެއް މިހާރު ދަނީ ފެންނަމުންނެވެ. މަޖިލިހުގައި "ސުޕަރމެޖޯރިޓީއެއް" ލިބިފައި އޮވެ އެ "ސުޕަރމެޖޯރިޓީ" ބާރުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފަމުން މިހައިތަނަށް އައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އާއި އެ ޕާޓީގެ ވިސްނުމަށް ތަބަޢަ ވާ މެންބަރުންގެ ބާރުގައި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކި ކުރުމަށް ބަރުލަމާނީ އިޖުރާއާތެއް ހިންގައިފާނެ ކަމަށް ޝައްކު ކުރެވޭ ޙާލަތެއް މިވަނީ އުފެދިފައެވެ. މައިގަނޑު ސަބަބަކީ ރައްޔިތުންގެ މަޖިލިހުގެ ޤަވާޢިދުގެ 49 ވަނަ މާއްދާ އާއި 202 ވަނަ މާއްދާ އާއި 203 ވަނަ މާއްދާއަށް އިޞްލާޙުތަކެއް ގެނައުމަށް ކުރާ މަސައްކަތްތަކާއި، އެ މަސައްކަތްތަކުގެ ފަސްމަންޒަރާއި، އެ މަސައްކަތްތައް ކުރާ ގޮތެވެ.
މަޖިލިހުގެ ޤަވާޢިދުގެ 49، 202، އަދި 203 މި މާއްދާތަކަށް އިޞްލާޙުތަކެއް ގެނައުމުގެ ހުށައެޅުން ރަސްމީ ސިފައެއްގައި އައީ، އެ ޤަވާޢިދުގެ 108 ވަނަ މާއްދާގެ (ށ) ގެ ދަށުން، މަޖިލިހުގެ "ޢާއްމު ކޮމިޓީ" ގެ ތެރެއިންނެވެ.
ޢާއްމު ކޮމިޓީ އަކީ، ނަވާރަވަނަ ރައްޔިތުންގެ މަޖިލިސް އިފްތިތާޙު ކުރެވުނުތާ ދުވަސްގަނޑެއް ފަހުން، 11 ޖޫން 2019 ގައި ބޭއްވުނު މަޖިލިހުގެ 6 ވަނަ ޖަލްސާގައި އުފެއްދި ކޮމިޓީއެކެވެ. އެ ކޮމިޓީގެ މަސްއޫލިއްޔަތަކީ "ރައްޔިތުންގެ މަޖިލިހުގެ ކަންކަން ހިންގުމުގެ އުޞޫލުތަކާ ގުޅޭ ގޮތުން، މުރާޖަޢާ ކުރާން ޖެހޭ ކަންކަން މުރާޖަޢާ ކުރުމާއި، ރައްޔިތުންގެ މަޖިލިހުގެ ޤަވާޢިދަށް އެއްވެސް އިޞްލާޙެއް ގެންނާން ޖެހޭ ކަމަށް ވާނަމަ އެ ކަމެއް ދިރާސާ ކުރުމާއި، އެހެން ކޮމިޓީއެއްގެ މަސްއޫލިއްޔަތުގެ ދާއިރާގައި ނުހިމެނޭ މެންބަރުންގެ މުސާރަ އާއި ޢިނާޔަތްތަކާއި އެފަދަ އެހެނިހެން ކަންކަން ދިރާސާ ކުރުމާއި، ޕާލިމެންޓްރީ ސަރވިސްގައި ހިމެނޭ މުއައްޒަފުންގެ ކަންކަމުގައި މަޖިލިހުގެ ރައީސަށް ލަފާ ދިނުމާއި، ޕާލިމެންޓްރީ ސަރވިސްގެ ޤަވާޢިދަށް ގެންނާން ޖެހޭ ބަދަލުތައް ދިރާސާ ކޮށް ބަދަލު ގެނައުން" މި ކަންކަމެވެ. މި ވަގުތު މި ކޮމިޓީގައި ތިއްބަވާ ބެއިފުޅުންނަކީ ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމާއި، ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދާއި، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމާއި، މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް ޢަލީ އާއި، ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދާއި، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ޙުސައިން ރަޝީދާއި، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދާއި، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. މި ވަގުތު ކޮމިޓީގެ މުޤައްރިރަކީ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމެވެ. ނާއިބު މުޤައްރިރަކީ މެންބަރު މުޙައްމަދު ޝާހިދެވެ.
މަޖިލިހުގެ ޤަވާޢިދުގެ 49 ވަނަ މާއްދާއަށް އިޞްލާޙެއް ހުށައެޅުއްވީ މި ހިނގާ ޑިސެންބަރު މަހުގެ 6 ވަނަ ދުވަހު، އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢެވެ. ހަ ދުވަހުގެ ތެރޭގައި އެ ހުށައެޅުމާ ބެހޭ "ދިރާސާ" ފުރިހަމަ ކުރައްވައި، އެ ހުށައެޅުން ޢާއްމު ކޮމިޓީގެ މެންބަރުންގެ އިއްތިފާޤުން ފާސް ކުރެއްވީ 12 ޑިސެންބަރުގައި އޮތް އެ ކޮމިޓީގެ 21 ވަނަ ބައްދަލުވުމުގައެވެ. 202 ވަނަ މާއްދާ އާއި 203 ވަނަ މާއްދާއަށް އިޞްލާޙު ހުށައެޅުއްވީ މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމެވެ. އޭނާ ހުށައެޅުއްވި އިޞްލާޙާ ބެހޭ "ދިރާސާ" އެންމެ ދެ ދުވަހުގެ ތެރޭގައި ނިންމަވައި، ޢާއްމު ކޮމިޓީން އެ އިޞްލާޙު ފާސް ކުރެއްވީ 14 ޑިސެންބަރުގައި ބޭއްވުނު އެ ކޮމިޓީގެ 24 ވަނަ ބައްދަލުވުމުގައެވެ. ދެ އިޞްލާޙު ވެސް ވަނީ 14 ޑިސެންބަރުގައި މަޖިލިހަށް ހުށައެޅިފައެވެ. ދެން އޮތީ މަޖިލިހުން އެ އިޞްލާޙުތައް ބަލައިގަނެ ފާސް ކުރުމެވެ. އެއިރުން އެ އިޞްލާޙުތައް މަޖިލިހުގެ ޤަވާޢިދުގެ ތެރޭގައި ހިމެނި ޤަވާޢިދުގެ ބަޔަކަށް ވާނެއެވެ.
ހުށައެޅިގެން މި އުޅެނީ، އިސްވެ ދެންނެވުނު ފަދައިން، މަޖިލިހުގެ ޤަވާޢިދުގެ 49 ވަނަ މާއްދާއަށާއި، 202 ވަނަ މާއްދާ އާއި 203 ވަނަ މާއްދާއަށް ގެނެވޭ އިޞްލާޙުތަކެކެވެ.
މަޖިލިހުގެ ޤަވާޢިދު ބައި ކޮށްފައި އޮންނަ ގޮތުން، 49 ވަނަ މާއްދާ އޮންނަނީ 15 ވަނަ ބައިގައެވެ. އެ ބައިގައި ހިމެނޭ މާއްދާތަކުގައި އެކަށައަޅައިފައި ވަނީ މަޖިލިހުގެ ޖަލްސާތަކާ ބެހޭ ހަމަތަކެކެވެ. 49 ވަނަ މާއްދާއިން ތަންޡީމު ކުރަނީ މަޖިލިހުގެ ޖަލްސާތަކުގެ ޤާނޫނީ ޢަދަދެވެ. އެ މާއްދާގެ (ހ) ގައި – ޤާނޫނުއަސާސީގެ 86 ވަނަ މާއްދާގެ ނައްޞަށް ތަބަޢަ ވެ – ބަޔާން ކޮށްފައި އޮންނަނީ ޖަލްސާއެއްގެ ޤާނޫނީ ޢަދަދަކީ ނުވަތަ ކޯރަމަކީ މަޖިލިހުގެ މެންބަރުންގެ 25 އިންސައްތަ ކަމުގައެވެ. އެ މާއްދާގެ (ނ) ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ހ) ގެ ދަށުން އަދި ޖަލްސާތަކުގެ ޤާނޫނީ ޢަދަދާ މެދު ހުރި ނައްޞުތަކާ އެކު ކިޔުމުން ސާފު ވާ ގޮތުގައި، ޢާއްމު އުޞޫލަކުން ރައްޔިތުންގެ މަޖިލިހުން ނިންމުމެއް ނިންމޭނީ ނުވަތަ ކަމެއް ފާސް ކުރެވޭނީ، ކޯރަމް ހަމަ ވާ ޖަލްސާއެއްގައި އެ ޖަލްސާއަކަށް ހާޒިރު ވެ ވޯޓުގައި ބައިވެރި ވި މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އެހެން ނަމަވެސް، ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގެ ނައްޞުގެ ދަށުން އަދި އެ ނައްޞާ އެއްގޮތަށް، މަޖިލިހުގެ ޤަވާޢިދުގެ 49 ވަނަ މާއްދާގެ (ރ) ގައި ބުނެފައި އޮންނަނީ، ރައްޔިތުން އެމައްޗަށް ޢަމަލު ކުރުން ލާޒިމު ވާ އެއްވެސް ކަމެއް މަޖިލިހުން ފާސް ކުރެވޭނީ އެ މަޖިލިހުގެ "ޖުމުލަ މެންބަރުންގެ" ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެންބަރުން އެ ވޯޓެއް ނަގާ ޖަލްސާގައި ހާޒިރު ވެތިބޭ ވަގުތެއްގައި ކަމުގައެވެ. ޤާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތަކާ ބެހޭ ބައިގައި، އަދި ޤަވާޢިދުގައި މަޖިލިހުގެ "ޖުމުލަ މެންބަރުންގެ" މަފްހޫމު އަންނަ ހިސާބަކީ މިއެވެ. މި ލިޔުމުގައި ފަހުން، "ޖުމުލަ މެންބަރުން" މި އިޞްޠިލާޙުގެ މާނައިގެ މައްޗަށް ތަފްޞީލީ ގޮތެއްގައި ބަލައިލެވިފައި ވާނެއެވެ. ނަމަވެސް، މިތަނުގައި ވެސް "މަޖިލިހުގެ ޖުމުލަ މެންބަރުން" މި އިޞްޠިލާޙުގެ މާނަ ކުރު ގޮތަކަށް ބަޔާން ކުޅައުން މުހިއްމެވެ. ދިވެހި ބަހުގެ މާނަވިއްޔާތާއި (semantics of the Dhivehi language)، ޤާނޫނީ ޢިލްމާއި، ޤާނޫނު މާނަ ކުރުމުގެ ހަމަތަކާއި (rules of interpretation)، ހަމަ ބުއްދި ނުވަތަ ޢަޤުލީ (rational) އަސާސުތަކުގެ ތަރާދުތަކުގައި ކޮންމެ ގޮތަކަށް ކިރިޔަސް، މި އިޞްޠިލާޙުގެ މާނައެއް ކަމުގައި ފެންނާނީ އެކައްޗެކެވެ. އާދޭހެވެ! "މަޖިލިހުގެ ޖުމުލަ މެންބަރުން" ކަމުގައި ވާނީ، ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލިހުގައި ރައްޔިތުން ތަމްސީލު ކުރުމުގެ ބޭނުމަށް ޓަކައި އެކަށައެޅިފައި ވާ ބަރުލަމާނީ ދާއިރާތައް (parliamentary constituencies) ނުވަތަ އިންތިޚާބީ ދާއިރާތަކަށް (electoral constituencies) މަޖިލިހުގައި ކަނޑައެޅިފައިވާ ހުރިހައި ގޮނޑިތަކަށް އިންތިޚާބު ވެފައި ތިބޭ ހުރިހައި މެންބަރުންނެވެ. އެއްވެސް ދާއިރާއެއްގެ އެއްވެސް ގޮނޑިއެއްގައި މެންބަރަކު ނެތިއްޔާ، މަޖިލިހުގައި "މަޖިލިހުގެ ޖުމުލަ މެންބަރުން" ތިބި ކަމަށް ބެލެވޭނޭ އެއްވެސް ގޮތެއް ނޯންނާނެއެވެ. ޤާނޫނުއަސާސީގެ ދަށުން، މިހާރު ރައްޔިތުންގެ މަޖިލިހުގައި ތިބޭން ޖެހެނީ 87 މެންބަރުންނެވެ. ވީމާ، މިހާރު "މަޖިލިހުގެ ޖުމުލަ މެންބަރުން" ނަށް ވާނީ 87 އެވެ. އެއިން އެއްވެސް ގޮނޑިއެއް، މެންބަރަކު ނިޔާ ވުން ނުވަތަ މެންބަރަކު އިސްތިޢުފާ ދިނުން ނުވަތަ މެންބަރަކުގެ ކިބައިން ދުސްތޫރީ ޝަރުޠެއް އުނި ވެގެން އެ މެންބަރަކު މެންބަރުކަމުން ވަކި ވުން ފަދަ ސަބަބަކާ ހުރެ ހުސް ވެއްޖެއްޔާ، މަޖިލިސް ފުރިހަމައެއް ނުވާނެއެވެ. އާދެ، މަޖިލިސް އޮންނާނީ އެއް މެންބަރަކު އުނި ޙާލަތުގައެވެ. އެއްޗަކުން އޭގެ މިންވަރެއް އުނި ވާ ޙާލަތުގައި، އޭގެ "ޖުމުލަ މިންވަރު" ފުރިހަމަ ވުމަކީ ހަމަބުއްދި ޤަބޫލު ކުރާ ކަމެއް ކަމުގައި ނުވުމުގެ ޢަޤްލީ ހަމައިގެ ދަށުން، އެއިރަކުން ރައްޔިތުންގެ މަޖިލިހުގައި އެ "މަޖިލިހުގެ ޖުމުލަ މެންބަރުން" ތިބި ކަމަށް ބުނެވޭނޭ އެއްވެސް ގޮތެއް ނޯންނާނެއެވެ. ކަން މިހެން ހުރުމާ އެކުގައިމެ، މަޖިލިހުގެ ޤަވާޢިދުގެ 49 ވަނަ މާއްދާއަށް ގެނައުމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ހުށައަޅުއްވައި، 12 ޑިސެންބަރުގައި މަޖިލިހުގެ ޢާއްމު ކޮމިޓީން ފާސް ކުރެއްވި "އިޞްލާޙު" ގައި ބުނެފައި ވަނީ މި މަފްހޫމު މުޅީން އޮޅުވައިލައިފައެވެ. އެ "އިޞްލާޙާ" އެކު 49 ވަނަ މާއްދާއަށް (ކ) އާއި (އ) އާއި (ވ) މި ތިން އަކުރު އިތުރު ކުރެވޭ އިރު، މި އަކުރުތަކުން ގެންނަ ބަދަލަކީ "މަޖިލިހުގެ ޖުމުލަ މެންބަރުން" ގުނުމުގައި، އެއްވެސް ސަބަބަކާ ހުރެ ހުސް ވެފައި ވާ ގޮނޑިތައް މަޖިލިހުގެ ޖުމުލަ ޢަދަދު ބެލުމުގައި ނުގުނުމެވެ. އެއީ ޢަމަލީ ގޮތުން މަޖިލިހުގައި ނެތް ގޮނޑިތަކަކަށް ވުމެވެ.
ދެން އޮތީ 202 ވަނަ މާއްދާ އާއި 203 ވަނަ މާއްދާއަށް ގެންނަ އިޞްލާޙުތަކުގެ ވާހަކައެވެ. މި ދެ މާއްދާ އޮންނަނީ މަޖިލިހުގެ ޤަވާޢިދުގެ 41 ވަނަ ބައިގައެވެ. "ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މަޤާމުން ވަކި ކުރުން" މި ސުރުޚީގެ ދަށުން އޮންނަ 41 ވަނަ ބައިގައި ހިމެނެނީ ވެސް ހަމައެކަނި މި ދެ މާއްދާއެވެ. މި ދެ މާއްދާގައި ބަޔާން ކޮށްފައި އޮންނަނީ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގައި ކަނޑައަޅާ ގޮތުގެ މަތީން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މަޤާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލިހަށް ޤަރާރެއް ހުށައެޅޭ ޙާލަތުގައި، އެ ޤަރާރު ފާސް ކުރުމުގެ އިޖުރާއާތު މަޖިލިހުން ހިންގާނޭ ގޮތެވެ.
203 ވަނަ މާއްދާއަށް ހުށައެޅުނު އިޞްލާޙުތަކަކީ މައުޟޫޢީ ގޮތުން އަދި ޖައުހަރީ ގޮތުން މާބޮޑު މުހިއްމު ކަމެއް ނެތް ބަދަލުތަކަކާއި، 202 ވަނަ މާއްދާއަށް ގެނެވުނު އިޞްލާޙުތަކާ އެކު އެ މާއްދާއަށް ގެނައުން ލާޒިމު ވާ ބަދަލުތަކެވެ. ވީމާ އެ މާއްދާއާ ގުޅޭ ވާހަކައެއް މި ލިޔުމުގައި އިތުރަކަށް ނުގެންނާނަމެވެ.
202 ވަނަ މާއްދާއަށް ހުށައެޅުނު އިޞްލާޙުތަކުގެ ސޫރައަށް ބަލާ އިރު، އެ މާއްދާގެ (ހ) ގެ 1. ވަނަ ނަންބަރުގެ ޢިބާރާތަށް "ކަނޑައެޅިގެން" މި ލަފުޒު އިތުރު ކުރުމަށް، އަދި އެ މާއްދާގެ (ށ) ގައި "ދުރު ކުރުމަށް" އޮތް ތަން "ވަކި ކުރުމަށް" މި ގޮތަށް ބަދަލު ކުރުމަށް ހުށައަޅައިފައި ވެއެވެ. އެޔަށްފަހު، އެ މާއްދާގެ (ނ)، (ރ)، (ބ)، (ޅ)، (ކ)، (އ)، (ވ)، (މ)، އަދި (ފ) މި އަކުރުތައް ވަނީ މުޅީން ބަދަލު ކޮށްފައެވެ. އެ ބަދަލުތަކާ އެކު، އެ މާއްދާގެ (ދ)، (ތ)، (ލ) އަދި (ގ) މި އަކުރުތައް އުނި ކުރުމަށް ވަނީ ހުށައެޅިފައެވެ. މި ބަދަލުތައް ގެނެސްފައި ވާ ގޮތަށާއި، ޤަވާޢިދުގައި ކުރީން މި މާއްދާ ޢިބާރާތް ކޮށްފައި އޮތް ގޮތަށް ބެލުމުން ވެސް، ޢިބާރާތް ކުރުމުގައި ބަހުގެ ފެންވަރު ދަށްކަމާއި، މުހިއްމު ޤާނޫނީ އިޞްޠިލާޙުތައް ކަމުގައި ވާ ތުހުމަތު އަދި ދަޢުވާ ފަދަ މަފްހޫމުތައް މުޅީން އޮޅުވައިބޮޅުވައި އެގޮތް މިގޮތަށް ބޭނުން ކޮށްފައި ވާކަމާއި، އެއް ލިޔުމަކަށް އެއް ތަނެއްގައި ރިޕޯޓެކޭ އަނެއް ތަނެއްގައި ޤަރާރެކޭ ބުނުން ފަދަ ހަމަނުޖެހުންތައް ހުރިކަމާއި، އެއް ތަނެއްގައި ބުނާ ވާހަކައަކާއި އަނެއް ތަނެއްގައި ކިޔާ އެއްޗެއް ދިމާ ނުވުމާއި، އެއް ތަނެއްގައި ހުންނަ ވާހަކަތައް އަނެއް ތަނެއްގައި ވެސް ހުރުމާއި، މި މާއްދާގެ ދަށުން ހިންގާ އިޖުރާއާތު ހިންގުމުގައި ދިމާ ވެދާނޭ ވަރަށް ވެސް މުމްކިން ބައެއް ޙާލަތުތަކަށް އެޑްރެސް ކޮށްފައި ނެތުން ފަދަ ބޮޑެތި އުނިކަންކަމާއި މައްސަލަތައް ފާހަގަ ކުރެވެއެވެ. އެހެން ވުމުގެ ސަބަބެއް ކަމަށް ބެލެވެނީ މި ޤަވާޢިދު އެކުލަވައިލައި ފާސް ކުރާ މެންބަރުންގެ ޢިލްމީ އަދި ފަންނީ ޤާބިލުކަން ނެތުމެވެ. ކޮންމެއަކަސް، މި ވާހަކަ ކުރު ކޮށްލައިފައި، 202 ވަނަ މާއްދާއަށް މި ގެނެވޭ "އިޞްލާޙު" ގެ މައުޟޫޢީ އަދި ޖައުހަރީ އަސާސަށް ނަޒަރެއް ހިންގައިލުމުން، މުހިއްމު ކަންތައްތަކުގެ ގޮތުގައި އަންނަނިވި ކަންތައްތައް ފާހަގަ ކުރެވެއެވެ.
1. އެންމެ ފުރަތަމަ ކަމަކަށް، 202 ވަނަ މާއްދާ މިހާރު އޮތް ގޮތުން، ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކި ކުރުމަށް ޓަކައި މަޖިލިހަށް ހުށައަޅާ ހުށައަޅާ ޤަރާރަށް މަޖިލިހުގެ ތަޅުމުގައި ހުރިހައި މެންބަރުންގެ ކުރިމަތީގައި ޖަވާބުދާރީ ވުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދެވެނީ، އެ ޤަރާރާ މެދު މަޖިލިހުން އެކުލަވައިލާ 11 މެންބަރުންގެ ކޮމިޓީއަކުން ތަޙްޤީޤެއް ހިންގައި، ކުރެވިފައި ވާ ތުހުމަތުތައް ވަކިވަކީން ވަޒަން ކޮށް، އެއިން ކޮންމެ ތުހުމަތަކުން ވަކި ދަޢުވާއެއް އުފަން ކޮށް، ކޮންމެ ދަޢުވާއަކަށް ހުރި ހުރިހައި ހެކިތަކެއް ވަކިވަކީން ބަޔާން ކުރުމަށް ފަހު، ދެނެވެ. ޖިނާއީ ޢަދާލަތުގެ އެންމެ އަސާސީ އުޞޫލުތައް ވެސް ދަންނަ ކޮންމެ މީހަކަށް އެނގޭނޭ ފަދައިން، ރައީސުލްޖުމްހޫރިއްޔާއަށް އޭނާ މަޤާމުން ވަކި ކުރުމަށް ޓަކައި މަޖިލިހަށް ހުށައެޅޭ ޤަރާރަށް – އޭގައި ހިމެނޭ ދަޢުވާތަކަށާއި އެ ދަޢުވާތައް ސާބިތު ކުރުމަށް ގެންނަ ހެކިތަކަށް – ޙަޤީޤީ މާނައިގައި ޖަވާބުދާރީ ވެވޭނީ އެއިރުންނެވެ. ނަމަވެސް، ޢާއްމު ކޮމިޓީން މި މާއްދާ އިޞްލާޙު ކުރުމަށް ފާސް ކޮށްފައި އޮތް ގޮތް ބަލައިލުމުން، ޢިބާރާތް ކޮށްފައި ވާ ގޮތުންނާއި، މާއްދާތައް ތަރުތީބު ކޮށް އެކުލަވައިލާފައި ވާ ގޮތުންނާއި، (މ) މި އަކުރުން ދޭ މުއްދަތަށް ބެލުމުން، ފެންނަ ފެނުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ދެން މަޖިލިހަށް ހާޒިރު ވެ އޭނާއާ ދެކޮޅަށް ހުށައެޅޭ މައްސަލަތަކަށް ޖަވާބުދާރީ ވާން ފުރުޞަތު ލިބޭނީ، މަޖިލިހުން އެކުލަވައިލާ ތަޙުޤީޤު ކޮމިޓީން މައްސަލަ ތަޙުޤީޤު ކުރުމުގެ ކުރީގައެވެ. އާދެ، މައްސަލަ އިބްތިދާއީ މަރުޙަލާގައި އޮއްވައެވެ. ތަޙުޤީޤު ކޮމިޓީން ތުހުމަތުތައް ވަޒަން ކޮށް، ދަޢުވާތައް ވަކިވަކީން އުފަން ކޮށް، އެ ދަޢުވާތަކަށް ހުރި ހެކިތައް ވަކިވަކީން ބަޔާން ކުރުމުގެ ކުރީންނެވެ. މިއީ އޮޅުމެއް ނެތް ގޮތުގައި، މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ޖަވާބުދާރީ ވުމަށް އެޅިގެން ދާނޭ ވަރަށް ބޮޑު ހުރަހެކެވެ.
2. ދެވަނަ ކަމަކަށް، ރައީސުލްޖުމްހޫރިއްޔާއަށް މަޖިލިހުގެ ތަޅުމުގައި ހުރިހައި މެންބަރުންގެ ޙާޟިރުގައި ޖަވާބުދާރީ ވާން ލިބޭ ވަގުތު، މި ގެނެވޭ "އިޞްލާޙުން" ވަނީ އެންމެ 30 މިނިޓަށް ކުރު ކޮށްފައެވެ. އެއީ، އޭނާއާ ދެކޮޅަށް ހުށައެޅިފައި ވާ މައްސަލައިގައި ތަފާތު ކިތަންމެ ދަޢުވާއެއް އެކުލެވިފައި ވިޔަސް ވެހެވެ. މިއީ އެއްވެސް ގޮތަކުން ތަބްރީރު ނުކުރެވޭ ފަދަ ގޯހެކެވެ.
3. 202 ވަނަ މާއްދާ މިހާރު އޮތް ގޮތުން، ރައީސުލްޖުމްހޫރިއްޔާ ވަކި ކުރުމަށް ހުށައެޅޭ ޤަރާރާ މެދު މަޖިލިހުގެ ޖަލްސާގައި ބަހުސް ހިނގާ އިރު، ވަކި ޕާޓީއަކަށް ގިނަ ވަގުތު ދިނުމުގެ އުޞޫލެއް ނޯވެއެވެ. އެއީ ކަން އޮންނާން ވާ ރަނގަޅު ގޮތް ވެސް މެއެވެ. ސަބަބަކީ، ރައީސުލްޖުމްހޫރިއްޔާ އަކީ މުޅި ޤައުމުގެ ހުރިހައި ރައްޔިތުންގެ ވޯޓަކުން އިންތިޚާބު ވެފައި ވާ މީހަކަށް ވުމާ އެކު، އޭނާ މަޤާމުން ވަކި ކުރުން ނުވަތަ މަޤާމުގައި ހުރުމުގެ މަޞްލަޙަތަކީ ކޮންމެ ދާއިރާއެއްގެ ރައްޔިތުންނާ ސީދާސީދާ ގޮތެއްގައި ގުޅޭ ކަމަށް ވުމުން، އެކަމުގައި ވަކި ޕާޓީއަކަށް ގިނަ ވަގުތު ދިނުމުގެ ބަދަލުގައި ރައްޔިތުން ތަމްސީލު ވެވޭ ކޮންމެ ދާއިރާއަކަށް ވެސް އިންޞާފުވެރި އަދި ހަމަހަމަ ގޮތެއްގައި އެކަމުގައި ބަސް ބުނެވޭނެ ފުރުޞަތު ދިނުން އައުލާވުމެވެ. ނަމަވެސް، ހުށައެޅިފައި ވާ އިޞްލާޙު ފާސް ވެއްޖެއްޔާ، މި ދަންނަވާ ޖަލްސާގައި ވަގުތު ލިބޭނީ މަޖިލިހުގައި ޕާޓީތަކަށް އަދި މިނިވަން މެންބަރުންނަށް ގޮނޑި ލިބިފައިވާ ނިސްބަތުންނެވެ. މިހާރު މަޖިލިސް އޮތް ގޮތުން، ޖަލްސާގައި ވާހަކަ ދެއްކުމަށް އެންމެ ގިނަ ވަގުތު ލިބޭނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށެވެ.
4. 202 ވަނަ މާއްދާއަށް ގެންނަ "އިޞްލާޙު" އަށް ބަލައިލުމުން ދެން ފާހަގަ ކުރެވޭ މުހިއްމު ކަމަކީ، ރައީސުލްޖުމްހޫރިއްޔާ ވަކި ކުރުމަށް ހުށައަޅާ ޤަރާރު މަޖިލިހުގެ ތަޅުމަށް ގެންގޮސް، ޖަލްސާއެއްގައި އެކަމާ މެދު އިބްތިދާއީ ބަހުސް ކުރުމަށް ފަހު، މައްސަލަ ކުރިޔަށް ގެންދިޔުމަށް ޓަކައި މަޖިލިހުން އެކުލަވައިލާ ތަޙުޤީޤު ކޮމިޓީއަށް ގެނެސްފައިވާ ބަދަލެވެ. މިހާރު 202 ވަނަ މާއްދާ އޮތް ގޮތުން، ތަޙުޤީޤު ކޮމިޓީގައި 11 މެންބަރުން ހިމެނޭނެއެވެ. އަދި މަޖިލިހުގައި ހިމެނޭ ކޮންމެ ސިޔާސީ ޕާޓީއަކުން މަދު ވެގެން އެއް މެންބަރު، އަދި މިނިވަން އެއް މެންބަރު ކޮމިޓީގައި ހިމެނޭނެއެވެ. ނަމަވެސް އެމްޑީޕީގެ ބާރު އޮންނަ ޢާއްމު ކޮމިޓީން އެ މާއްދާ ވެސް އެމްޑީޕީގެ އަތްމައްޗަށް މުޅި އިޖުރާއާތު ހިންގުމުގެ ބާރު ލިބޭނޭ ފަދައިން ބައްޓަން ކޮށްފައި ވާ ގޮތުން، އިޞްލާޙު ފާސް ވެއްޖެ ޙާލަތެއްގައި ތަޙުޤީޤު ކޮމިޓީ ވެސް އެކުލަވައިލެވޭނީ މަޖިލިހުގެ މެޖޯރިޓީ އޮތް ބަޔަކު ބޭނުން 7 މެންބަރުންގެ މައްޗަށެވެ.
މި ގެންނަ އިޞްލާޙުތަކުގެ ޙަޤީޤި މަޤްޞަދަކީ ކޮބައިބާވައެވެ!
މި ވަގުތު ވަރަށް ގިނަ ރައްޔިތުން ފައުޅު ކުރަމުން ދާ ޝުޢޫރުތަކާއި ޚިޔާލުތަކުން ފެންނަ ގޮތުގައި، އެމްޑީޕީއަށް މަޖިލިހުގައި އޮތް ކޮންޓްރޯލާއި ބާރުގެ ބޭނުން ކޮށްގެން، ޢާއްމު ކޮމިޓީން މަޖިލިހުގެ ޤަވާޢިދުގެ 49 ވަނަ މާއްދާ އާއި، 202 ވަނަ މާއްދާ އާއި، 203 ވަނަ މާއްދާއަށް މި ގެންނަ އިޞްލާޙުތަކުގެ ފަހަތުގައި ފޮރުވިފައި ވާ ބޭނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޤާމުން ވަކި ކުރުމެވެ. މި ޝައްކުތައް ކުރެވެނީ ތަފާތު އެތައް ސަބަބުތަކަކާ ހުރެއެވެ. ފުރަތަމަ ކަމަކަށް، މި އިޞްލާޙުތައް ހުށައަޅައިފައި ވަނީ ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ދަށުން ހިންގާ މުޅި އިޖުރާއާތުގެ މައްޗަށް އެމްޑީޕީގެ ކޮންޓްރޯލް ހިންގޭނޭ ގޮތަށެވެ. މަޖިލިހުން މައްސަލަ ތަޙުޤީޤު ކުރާ ކޮމިޓީ ވެސް އެމްޑީޕީން ބޭނުން ގޮތަކަށް، އެހެން އެއްވެސް ޕާޓީއެއްގެ އަދި މިނިވަން މެންބަރެއްގެ ވެސް ބައިވެރިވުން ނޯންނާނޭ ގޮތަށް އެކުލަވައިލުމަށް މަގުފަހި ވާ ގޮތަށެވެ. މި ވަގުތު މަޖިލިހުގެ 7 ގޮނޑި، އެ ގޮނޑިތަކުގައި ތިއްބެވި މެންބަރުން އިސްތިޢުފާ ދެއްވުމުގެ ސަބަބުން ހުސް ވެފައި ވާ އިރު، "މަޖިލިހުގެ ޖުމުލަ މެންބަރުން" މިހާރު ހަމަ ނުވާތީ ކުރިޔަށް އޮތް މަޖިލިސް އިންތިޚާބަށް ފަހު މެނުވީ ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ދަށުން ހިންގާ އިޖުރާއާތު ހިންގުމަށް އޮތް ހުރަސް ނައްތައިލެވޭނޭ ގޮތަށް "މަޖިލިހުގެ ޖުމުލަ މެންބަރުން" މި އިޞްޠިލާޙުގެ މާނަ ގަޑުބަޑު ކޮށް ތަޣައްޔަރު ކުރުމަށް، މަޖިލިހުގެ ޤަވާޢިދުގެ 49 ވަނަ މާއްދާ ބަދަލު ކޮށްފައި ވާތީއެވެ. އިޞްލާޙު ހުށައެޅުއްވި ދެ މެންބަރުންގެ ތެރެއިން ޢަލީ އާޒިމަކީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ރައީސް ޑރ. މުޢިއްޒު ކާމިޔާބު ކުރައްވައިފައި ވަނިކޮށް، ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރީން ޢާއްމު ތަނެއްގައި ދެއްކެވި ވާހަކައެއްގައި، ރައީސް ޑރ. މުޢިއްޒު އިންތިޚާބު ކާމިޔާބު ކުރެއްވުމުން ލަހެއްފަހެއް ނުކޮށް އެމަނިކުފާނު ވެރިކަމުން ބޭލުމުގެ މަސައްކަތްތަކެއް ފެށުމުގެ ނިޔަތާއި ގަސްދު ފައުޅު ކުރައްވައިފައި ހުންނެވި ބެއިފުޅަކަށް ވެފައި، އޭނާ އަކީ މިހާރު އެމްޑީޕީގައި ނުހުންނެވިޔަސް އެމްޑީޕީގެ ސިޔާސީ ފިކުރަށް ނިސްބަތް ވެވަޑައިގަންނަވާ އަދި ރައީސް ޑރ. މުޢިއްޒު ނިސްބަތް ވެވަޑައިގަންނަވާ ފިކުރާ އިދިކޮޅު ޖަމާޢަތުގެ އިސް ލީޑަރަކަށް ވާތީއެވެ. އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ ސިއްރު ބައްދަލުވުންތަކަކާއި މަޝްވަރާތަކެއްގެ ޚަބަރުތައް ލިބެމުން ދާތީއެވެ. އެމްޑީޕީގެ ސިޔާސީ ތާރީޚަށް ބަލާ އިރު، އެ ޕާޓީއަށް ނިސްބަތް ނުވާ ރައީސުން މަޤާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ތެރެއިން މަސައްކަތް ކުރުމުގެ ވިސްނުން ގެންގުޅެފައި ވާތަން ވެސް ފެންނާތީއެވެ.
މެންބަރު ޢަލީ އާޒިމް ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އަޒުލު ކުރުމުގެ ވިސްނުމެއް ނެތް ކަމަށް މީޑިއާގައި ވިދާޅުވެފައެވެ. އެއީ ތެދު ކަމުގައި ވެސް ވެދާނެއެވެ. ނަމަވެސް، އިސް ވެދެންނެވި ސަބަބުތައް އެހެން ހުރުމުން، އޭނާގެ ވާހަކައަށް އިތުބާރު ކުރެވޭނޭ ގޮތެއް ނެތެވެ.
މެންބަރު ޢަލީ އާޒިމުގެ ވާހަކައަކީ ތެދުތޯ ނުވަތަ ނޫންތޯ މި ސުވާލަކީ އަޅުގަނޑު ކޮންމެހެން އެ ސުވާލަކަށް ފޯކަސް ކުރާން ގަސްތު ކުރާ ސުވާލެއް ވެސް ނޫނެވެ. އެކަން ކޮންމެ ގޮތަކަށް އޮތަސް، ރައްޔިތުންގެ މަޖިލިހުގެ ޤަވާޢިދަށް މި ގެނެވުނު އިޞްލާޙުތަކާއި، އެ އިޞްލާޙުތަކާ އެކު ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކި ކުރުމަށް ހިންގައިފާނޭ ނުވަތަ ހިންގިދާނޭ އިޖުރާއާތުތަކެއްގެ ދުސްތޫރީ، ސިޔާސީ، އަދި އަޚްލާޤީ ޝަރްޢިއްޔަތުގެ (constitutional, political, and moral legitimacy) ސުވާލާ މެދު ޢިލްމީ ނަޒަރަކުން ބަލައިލައި ވާހަކަ ދައްކައިލުމީ މި ދަނޑިވަޅުގައި މުނާސަބު ކަމެއް ކަމުގައި މެނުވީ ނުފެނެއެވެ.
މި ހިސާބުން ފާހަގަ ކުރާން ޖެހޭ ވަރަށް މުހިއްމު ތަމްހީދީ ނުކުތާއެއް އެބައޮތެވެ. އެ ނުކުތާ އަކީ، ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މަޤާމުން ވަކި ކުރުމުގެ ޤަރާރު ރައްޔިތުންގެ މަޖިލިހުން ފާސް ކުރުމާ ބެހޭ އިޖުރާއާތުގެ އުޞޫލުތައް އެ މަޖިލިހުގެ ޤަވާޢިދުގައި ތަފްޞީލުކޮށް ލިޔާން ވާނީ ވެސް، އަދި މަޖިލިހުން އެ އިޖުރާއާތު ހިންގާން ވާނީ ވެސް، ޤާނޫނުއަސާސީއާ އެއްގޮތް ވާގޮތުގެ މަތީން ކަމެވެ. ޤާނޫނުއަސާސީއާ އެއްގޮތް ވާ ގޮތުގެ މަތީން ކަމެއް ކުރުމުގެ މާނަ ވެސް އަޅުގަނޑުމެން ވަރަށް ރަނގަޅަށް ދަންނާން ޖެހެއެވެ. އޭގެ މާނައަކީ، އެންމެ ފުރަތަމަ ކަމަކަށް، ޤާނޫނުއަސާސީގައި ހިމެނޭ ކަމާގުޅޭ މާއްދާތަކުގެ ނައްޞުތަކަށް ފުރިހަމަޔަށް ތަބަޢަ ވުމެވެ. ދެވަނަ ކަމަކަށް، ޤާނޫނުއަސާސީގެ ޖުމުލަ އަދި ޢާއްމު މާއްދާތަކާއި ޤާނޫނުއަސާސީގެ ރޫޙާއި މަޤްޞަދުތަކަށް ވެސް ތަބަޢަ ވުމެވެ. ތިންވަނަ ކަމަކަށް، ޤާނޫނުއަސާސީ މާނަ ކުރުމާ ބެހޭގޮތުން، ދުސްތޫރީ ފިޤްހު (constitutional jurisprudence) ގެ ގޮތުގައި ރާއްޖޭގައި ހުރި ދުސްތޫރީ ކޯޓެއްގެ ގޮތުގައި ބަލާން ޖެހޭ ކޯޓުން އެކަށައަޅައިފައި ވާ ހަމަތަކަށް ތަބަޢަ ވުމެވެ. ހަތަރުވަނަ ކަމަކަށް، މަބްދައުއް ދުސްތޫރިއްޔާ (doctrine of constitutionalism) ގެ މައިގަނޑު ޤާޢިދާތަކަށް ބޯލެނބުމެވެ. ފަސްވަނަ ކަމަކަށް، އެ އަސާސްތަކެއްގެ މައްޗަށް ދުސްތޫރު ބައްޓަން ކުރެވިފައި ވާ އަސާސްތަކަށް (supra-constitutional foundations of the constitution) އަދި ދުސްތޫރުގެ އަސާސީ އޮނިގަނޑު ކަނޑައަޅާ އުޞޫލުތަކަށް (basic structure of the constitution) ބޯ ލަނބައި ޙުރުމަތްތެރިކޮށް ހިތުމެވެ.
މި ދެންނެވި އުޞޫލުގެ ބުންޔާދުގެ މައްޗަށް، ޤާނޫނުއަސާސީއަށް ޙުރުމަތްތެރިކޮށް ހިތާ ކޮންމެ މީހަކު މެ އިޢުތިރާފު ވާން ޖެހޭ ކަމަކީ، މަޖިލިހުގެ ޤަވާޢިދަށް ގެނައުމަށް އެމްޑީޕީން މަސައްކަތް ކުރަމުންދާ އިޞްލާޙުތަކަކީ ޖުމުލަ ގޮތެއްގައި ވަރަށް ބޮޑެތި ގޯސްތަކެއް ކަމެވެ. ހަމައެފަދައިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު މަޤާމުން ވަކި ކުރުމަށް ކުރާ ކޮންމެ މަސައްކަތެއް ވެސް ބެލެވޭނީ އުޞޫލެއް ހަމައެއް ނެތި، ގޯސްކޮށް ކުރާ ކަމަކަށް ކަމެވެ. ދުސްތޫރީ އަދި ޤާނޫނީ ނަޒަރަކުން ބެލިޔަސް، ސިޔާސީ ޢިލްމާއި ޤައުމުގެ ސިޔާސީ މަޞްލަޙަތުތަކުގެ ނަޒަރުން ބެލިޔަސް، އަޚްލާޤީ ނަޒަރަކުން ބެލިޔަސް، ދީމިޤްރާޠިއްޔަތާއި ޖުމްހޫރިއްޔަތުގެ ނަޒަރުން ވިސްނިޔަސް ވެހެވެ. މި ލިޔުމުގައި ދެން މި ބަޔާން ކުރަނީ، މި ބަހުގެ މައްޗަށް އަޅުގަނޑު ހުށައަޅައިލާން ބޭނުންވާ ޙުއްޖަތްތަކެވެ. މައިގަނޑު ދިހަ ވަރަކަށް ނުކުތާގެ އަލީގައެވެ.
(ނުނިމޭ)
ކޮލަމް މަލަސް
ކޮލަމް މަލަސް
ކޮލަމް މަލަސް