މި ހަފުތާގައި މީސްމީޑިއާއިން ފެނުނު ލިޔުމެއްގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތާ ބެހޭގޮތުން ބަޔަކު އަންތަރީސް ވާން ޖެހޭ ވަރުގެ ދަޢުވާތަކެއް ކޮށްފައި ވާތީ ފެނުނެވެ. އެ ލިޔުމުގައި އޮތް ގޮތުން، އަމިއްލަ ފަރުދުންތަކެއް އެ ސިނާޢަތު އުފައްދައި ތަރައްޤީ ކުރީ، ދިވެހި ސަރުކާރުގެ އެއްވެސް އެހީތެރިކަމެއް ނެތިއެވެ. ތިޔަ ކަމެއް ނުވާނެޔޭ ސަރުކާރުން ބުނަމުން ގެންދަނިކޮށް، ވަރަށް ޙާލުގައި އެމީހުންކޮޅު އެކަނި މަސައްކަތް ކޮށްގެނެވެ. އެކަމުގެ ތެރޭގައި އެމީހުން އެތައް ފަހަރަކު ޖަލަށް ވަންނާން ޖެހުނު ކަމަށް ވެސް އެ ލިޔުމުގައި އޮތެވެ. އެމީހުން ކުރި މަސައްކަތާއި ވީ ޤުރުބާނީއާ ގާތަށް ވެސް ޢާއްމު ދިވެއްސަކަށް ދިވެހި ޤައުމުގެ ޙައްޤުގައި ކަމެއް ކުރެވިފައި ނުވާނެޔޭ ވެސް ބުނެފައި އޮތެވެ. ފާއިތު ވި ސާޅީހަކަށް އަހަރުގެ ތެރޭގައި ދިވެހި ސަރުކާރުގެ މުއައްޒަފުންނަށް ދިންހައި މުސާރަޔަކާއި، ސަރުކާރުން އެޅިހައި ބަނދަރަކާއި، އެޅިހައި އެއާޕޯޓަކާއި، އެޅިހައި ނަރުދަމާއަކާއި، އެޅިހައި ހަސްފަތާލަކާއި، ދިންހައި ބޭސްފަރުވާއެއްގެ ދެބައިކުޅަ އެއް ބައި އައީ ފަތުރުވެރިކަމުގެ ސިނާއަތް އުފައްދައި ދެމެހެއްޓި މީހުންގެ އަތުން ކަމަށް ވެސް ބުނެފައި އޮތެވެ. ހަމަ އެހެންމެ، ސަރުކާރުން ފަތުރުވެރިކަމުގެ ސިނާޢަތު ހިންގި ނަމަ، އެ ސިނާޢަތު ފޭލި ވެ، ޤައުމު ވެސް މިއަދު އޮތީހީ ބަނގުރޫޓު ވެފައި ކަމަށް ބުނެފައި އޮތެވެ. ވީމާ، ލިޔުންތެރިޔާގެ ނަޒަރުގައި ދިވެހި ފަތުރުވެރިކަން ވުޖޫދަށް ގެނެސް ތަރައްޤީ ކުރުމުގެ ހުރިހައި މަސައްކަތެއް ކުޅައީ އެ ސިނާޢަތުގެ ބޮޑެތި ރައުސްމާލީންގެ މަދު މީހުންކޮޅެކެވެ. ދިވެހި ރައްޔިތުންނާއި ސަރުކާރުން ކުރި ކަމެއް ނެތެވެ.
މި ވާހަކަތަކަށް ވަރަށް ރަނގަޅު ޖަވާބަކަށް ވާނޭ ލިޔުންކޮޅެއް، ގިނަ ދުވަސްތަކަކު ދިވެހި ދައުލަތަށް ޚިދުމަތް ކުރެއްވި ޢިއްޒަތްތެރި ބެއިފުޅެއް ކަމަށް ވާ އަލްފާޟިލް މުޙައްމަދު މުފީދު އޭނާގެ ފޭސްބުކް ޞަފުޙާގައި ލިޔުއްވައިފައި އެބައޮތެވެ. އެ ލިޔުންކޮޅު މި ތަނުގައި އަޅުގަނޑު ނަކަލު ކޮށްލާނަމެވެ.
"ނާ ހަމަ ތެދެއް ހެއްޔެވެ؟ ... ޓޫރިޒަމް ތަރައްޤީ ކުރާން ދިވެހި ރައްޔިތުން އެއްވެސް ކަމެއް ނުކުރޭ ހެއްޔެވެ؟ ... ހަނދުމަ ނެތް ނަމަ އައު ކޮށްލަމާ ހިނގާށެވެ! ... ޓޫރިޒަމަށް ރަށްތައް ދިވެހި ރައްޔިތުން ފުރަތަމަ ދީފައި ހުރީ ވަރުވާޔަށެވެ. ވަރުވާޔަށް ދިން ބައެއް ރަށްރަށުން ހަތަރުވަރަކަށް ރުފިޔާ ލިބުނު އިރު، ބައެއް ރަށްރަށުން ލިބުނީ ދެތިން ސަތޭކަ ރުފިޔާއެވެ. އަށެއްކަ އަހަރު ވާންދެން ރައްޔިތުން ހެޔޮ ހިތުން، މުއްސަނދި ވާން ފުރުޞަތު ދިނެވެ. ... އެއިގެ ފަހުން، ރައްޔިތުން ކުޑަކުޑަ ބިމު ކުއްޔެއް އަތުލީ ރަށް ހަދާން ގެންނަ ހުރިހައި މުދަލެއްގެ ޑިޔުޓީ ދީލަތިކަމާ އެކު މަޢާފު ކޮށްދީގެންނެވެ. ދިހަ އަހަރު ވާންދެން، ދީލަތިކަމާ އެކު މި ފުރުޞަތު ވެސް ދިނެވެ. އަދި އޭގެ ފަހުން ވެސް، ގެންނަ މުދަލުގެ 50 އިންސައްތަ ޑިޔުޓީ އެތައް އަހަރެއް ވާންދެން މަޢާފު ކޮށްދިނެވެ. ... އެޔަށްފަހު، ރިސޯޓު ހަދާން ލޯނު ނަގާން ސޮވްރިން ގެރެންޓީ ދިނީ ވެސް ދިވެހި ރައްޔިތުންނެވެ."
މި ވާހަކަތަކާ އެކު، އަލްފާޟިލް މުފީދުގެ ޕޯސްޓުގައި އަލިފުދާލުގެ ކަމާބެހޭ ފަރާތްތަކުން 1973 ވަނަ އަހަރު ތައްޔާރު ކުރި ލިޔުމެއްގެ ފޮޓޯ ވެސް ޙިއްޞާ ކުރައްވައިފައި ވެއެވެ. އެ ލިޔުންކޮޅުގައި، އެއިރު އޮތް ރައީސް އިބްރާހީމް ނާޞިރާއި ބޮޑުވަޒީރު އަޙްމަދު ޒަކީގެ ސަރުކާރުން ރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ވަރަށް ބޮޑު ޝައުޤުވެރިކަމަކާއި އިސްކަމެއް ދެމުން ދިޔަ ވާހަކަ އޮތެވެ. އެކަމަށް ޓަކައި ޔޫއެންޑީޕީގެ އެހީތެރިކަން ސަރުކާރުން ހޯދި ވާހަކަ އާއި، އެ އެހީތެރިކަމުގެ ތެރެއިން ރާއްޖެއިން ބޭރުގެ ތަޖުރިބާކާރަކު ގެނައި ވާހަކަ ވެސް އޮތެވެ. އެ ތަޖުރިބާކާރުގެ ފަރާތުން، ފަތުރުވެރިކަމުގެ ސިނާޢަތު ބިނާ ކުރުމުގެ މަސައްކަތް ކުރާނޭ މުއައްސަސީ އޮނިގަނޑެއް ބިނާ ކުރުމާ މެދު، އަދި ފަތުރުވެރިކަމުގެ ސިނާޢަތު އުފައްދައި ތަރައްޤީ ކުރާނޭ ގޮތްތަކާއި މަންހަޖާ ބެހޭ ލަފަޔާއި މަޝްވަރާ ވެސް ސަރުކާރަށް ހޯދި ވާހަކަ އޮތެވެ.
ފަތުރުވެރިކަމުގެ ސިނާޢަތުގެ މަހުޖަނުންނަށް ދިވެހި ޤައުމު މުޅީން ދަރަނިވެރި ވެފައި ވާ ކަމަށާއި އެމީހުންނަށް ފާޑު ކިޔައިގެން ވެސް ނުވާނޭ ކަމުގެ މާނަ ދޭހަ ވާ ވާހަކަތަކެއް މީސްމީޑިއާގައި ލިޔުނު ލިޔުންތެރިޔަކީ އަޅުގަނޑު ވެސް ދަންނަ ދިވެހި ޒުވާނެއް ކަމަށް ވާ މިދުޢަމް ސަޢުދެވެ. ޤައުމީ މައްސަލަތަކުގައި ބިނާ ކުރަނިވި ގިނަ ޚިޔާލުތަކެއް ފައުޅު ކޮށްފައި ވާ، ހަރުދަނާ އަދި ތަޢުލީމީ ޒުވާނެކެވެ. އަޅުގަނޑާ ވެސް ގާތްކަމެއް އޮންނަ، ޚުދު އަޅުގަނޑު ވެސް ވަރަށް އިޙުތިރާމު ކުރާ ޒުވާނެކެވެ. ނަމަވެސް މި ފަހަރު އޭނާއަށް ވާހަކަ ދެކެވިފައި ވަނީ ފުރިހަމަ ޙަޤީޤަތުގެ މައްޗަށް ބުރަ ވެ، ހަމަޔާއި އިންޞާފުގެ މަގުން ކަމަކަށް ނުފެނެއެވެ. ވީމާ، ހެޔޮ ހިތަކާ އެކު، މަޢާފަށް އެދެމުން، އެކަމަކު ވެސް ޖެހެނީ މިދުޢަމްގެ ވާހަކަޔާ މެދު ވަރަށް ބޮޑަށް އިޢުތިރާޟު ކުރާށެވެ.
އަލްފާޟިލް މުފީދުގެ އަގުހުރި ވާހަކަކޮޅުގެ އިތުރުން، އަޅުގަނޑު ވެސް މިދުޢަމާ ބައެއް ސުވާލުތައް ކޮށްލާނަމެވެ.
* * * *
ފަތުރުވެރިކަމުގެ ސިނާޢަތު ހިންގުމަށް ކުރަމުން ދިޔަ މަސައްކަތާ ގުޅިގެން އެކަން ހުއްޓުވުމަށް ނުވަތަ އެކަމަށް ހުރަސް އެޅުމަށް ޓަކައި ސަރުކާރުން ޖަލަށް ލީ މީހަކީ ކާކުތޯއެވެ؟ އިބްރާހީމް ނާޞިރާއި މައުމޫން ޢަބްދުލްޤައްޔޫމް ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވީ ޚުދުމުޚްތާރު ވެރީންނަށް ލިބިފައި އޮންނަ ފަދަ އާރާއި ބާރު ލިބިވަޑައިގެން ތިއްބަވައި ކަމުގައި ވާއިރު، އަދި ފަތުރުވެރިކަމުގެ ސިނާޢަތު ތަރައްޤީ ކުރެވި ދުނިޔޭގެ ފެންވަރަށް ގެންދެވުނީ އެ ދެ ބެއިފުޅުންގެ ރިޔާސީ ދައުރުތަކުގެ ތެރޭގައި ކަމުގައި ވާއިރު، އެ ދެ ބެއިފުޅުން އެ ސިނާޢަތަށް ހުރަސް އަޅުއްވަވަނިކޮށް އެ ސިނާޢަތު އެ ހިސާބަށް ގެންދެވުނު ގޮތަކީ ކޮބައިތޯއެވެ؟ ހުރަސް އެޅުއްވުމަށް އެ ބެއިފުޅުން ކުރެއްވި ކަންތައްތަކަކީ ކޮބައިތޯއެވެ؟
ދުނިޔޭގެ އެއްވެސް ޤައުމެއްގައި، ހަރުދަނާ ދައުލީ ނިޒާމަކުން ޤާނޫނީ އަދި އިދާރީ ކަންކަން ބަލަހައްޓަމުން ސަޕޯޓު ދެމުން ނުދާ ޙާލަތެއްގައި އަމިއްލަ ވިޔަފާރިތަކާއި ސިނާޢަތްތައް ކުރިއަރައިގެން ދިޔުމަކީ މުސްތަޙީލު ކަމެއް ކަމުގައި ވާއިރު، ދިވެހި ދައުލަތުގެ ފަތުރުވެރިކަމާ ބެހޭ ވުޒާރާތަކާއި ޑިޕާޓްމަންޓްތަކުގެ އެހީތެރިކަމެއް، ތަންޒީމީ ޒިންމާއެއް ނެތި، ރާއްޖޭގައި ފަތުރުވެރިކަން 2008 ވަނަ އަހަރާ ހަމަޔަށް ތަރައްޤީ ވި މިންވަރަށް ތަރައްޤީ ވުން އެއީ ކޮން ގޮތަކުން މުމްކިން ކަމެއްތޯއެވެ؟ ފަތުރުވެރިކަމުގެ ޚިޔާލާއި އެ ސިނާޢަތުގެ މުޅި ތަޞައްވުރާއި ވިސްނުންތައް ނެރުއްވީ، އަދި އެ ސިނާޢަތުގެ ބިންގާ އެޅުމުގެ މައިގަނޑު ދައުރު އަދާ ކުރެއްވީ ތިޔަ ވިދާޅުވާ ސިނާޢަތްތެރީން ނޫން ކަމާއި، އެއީ ދިވެހި ދައުލަތުގެ ބޮޑުވަޒީރެއްގެ މަޤާމުގައި 1972 އިން 1975 އަށް ހުންނެވި އަލްފާޟިލް އަޙްމަދު ޒަކީގެ ޚިދުމަތެއްކަން މިއީ ޙަޤީޤަތަކަށް ވިޔަސް، ދޫލަދަށަށް ލައި ފޮރުވައިލާން ޖެހޭ ވާހަކަޔަކީތޯއެވެ؟ ދިވެހި ދައުލަތުގެ މިނިސްޓްރީ އޮފް ޓޫރިޒަމުގައި، 1970 އިން ފެށުނު ދަހަރުގެ ކުރީކޮޅުން ފެށިގެން ސާޅީހަކަށް އަހަރުގެ މުއްދަތުގައި ޚިދުމަތް ކުރެއްވި އެތައް ސަތޭކަ ދިވެހި މުއައްޒަފުން އެ ސިނާޢަތަށް ކުރި އެއްވެސް ޚިދުމަތެއް ހަމަ ނެތީތޯއެވެ؟ ފަތުރުވެރިކަމުގެ ދާއިރާ ބޭރު ދުނިޔޭގައި މާކެޓު ކޮށްދޭން ދިވެހި ދައުލަތުގެ ޚަރަދުގައި، ދިވެހި ދައުލަތުގެ މުއައްޒަފުންގެ ވަގުތާއި ހަކަތައިން ހޭދަ ކޮށްގެން، ކުރި އެއްވެސް މަސައްކަތެއްގެ އެއްވެސް އަގެއް ނެތީތޯއެވެ؟ ފަތުރުވެރިކަމުގެ ސިނާޢަތަށް މި ދަންނަވާ މުއްދަތުގައި ބޭނުންވާ މުއައްޒަފުން ތަމްރީނު ކޮށްދީ، ކޮންމެ އަހަރަކު އެތައް މުއައްޒަފުންނެއް ސިނާޢަތަށް ލައިދޭން ޚަރަދާއި މަސައްކަތް ކުރީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ފަތުރުވެރީންތޯއެވެ؟ ނުވަތަ ދިވެހި ސަރުކާރުން ހަދައި، ދިވެހި ރައްޔިތުންގެ ފައިސާއިން ޚަރަދު ކޮށްގެން، ދިވެހި އެތައް ދަރީންނެއް އެ ތަނެއްގައި އެކިއެކި ވަޒީފާތަކުގައި ތިބެގެން، އަދިއަދާ ހަމަޔަށް ވެސް ހިންގަމުން އަންނަ، ދިވެހި ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް – ކުރީގެ ހޮޓެލް ސްކޫލް – އިންތޯއެވެ؟
ތިޔަ ވިދާޅުވާ ސިނާޢަތްތެރީން ކުރެއްވި މަސައްކަތް ވަރަށް ރަނގަޅެވެ. އެކަމަކަށް އިންކާރު ކުރާކަށް ނެތީމެވެ.
އެކަމަކު، 1970 ގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާޢަތު އުފެދުނީއްސުރެ މިއަދާ ހަމަޔަށް، އެތައް މިލިއަން ޓޫރިސްޓުން ދިވެހިރާއްޖެއަށް އައިސް ބަނދަރު ކޮށް ޚިދުމަތް ލިބިގަންނަ އެއާޕޯޓު ބިނާ ކުރީ ކޮން ބައެއްތޯއެވެ؟ ރެޔާއި ދުވާލު އެއް ކޮށްލައިގެން އެތަން ހިންގަނީ އަދި އެތަނުން ޚިދުމަތް ދެނީ ކޮން ބައެއްތޯއެވެ؟ ފަތުރުވެރީން އެއާޕޯޓުން ރިސޯޓުތަކަށް ދިޔުމުން، ރެއެއް ދުވާލެއް ވާރެއެއް އަތްވެއް ފަރަގު ނުކޮށް ރިސޯޓުތަކުގެ ފާލަންތަކުގައި އެމީހުންނަށް މަރުޙަބާ ކިޔާން ހިނިތުން ވެލައިގެން ތިބެނީ ސިނާޢަތްތެރި ރައުސްމާލީ ސައުދާގަރުންތޯއެވެ؟ ނުވަތަ ހޯރަފުށީން ނައިފަރުން ކުޑަހުވަދޫން ފުވައްމުލަކުން މަރަދޫން އަދި އެހެނިހެން ވެސް މި ރާއްޖޭގެ ރަށްތަކުން ގޮސް ތިބޭ މަސައްކަތްތެރި ދިވެހި ރައްޔިތުންތޯއެވެ؟ ފަތުރުވެރީންގެ ފޮށިތަންމަތި ބޯމަތީންނާއި ކޮނޑުމަތީންނަށް ދާންދެން ރިސޯޓު ރަށްތަކުގެ އެކި ދިމަދިމާޔަށް އުފުލައިހެދުމުގެ ބުރަ މަސައްކަތް މިއަދާ ހަމަޔަށް ވެސް ކުރަމުން އައީ ކޮން ބައެއްތޯއެވެ؟ ރިސޯޓުތަކުގެ ބަދިގެތަކުގައި ފަތުރުވެރީންނަށް ކައްކައި، ރެސްޓޯރެންޓުތަކުގައި އެމީހުންނަށް ކާއެއްޗެތި އުފުލައިދީ ތަށިމަތި ބަލަހައްޓައި، ކެއުމުން ތަށިތައް ނަގައި ދޮވެ ހަދަނީ ކޮން ބައެއްތޯއެވެ؟ ފަތުރުވެރީން ހިތްހަމަޖެހުމާ އެކު ނިދައި އުޅުމަށް ޓަކައި، ކޮޓަރިތަކުގެ ތަންމަތި އަޅައިދީ ކޮޓަރިތައް ރީތި ކޮށް ބަލަހައްޓައި ދެންވެސް ކުރާން ޖެހޭ މި ބާވަތުގެ ހުރިހައި ކަމެއް ގުދާރު ބިންދައިގެން ކުރަމުން އަންނަނީ ކޮން ބައެއްތޯއެވެ؟ ދޮވުނުހައި އެނދުފޮއްޗެއް، ދޮވުނުހައި ތުވާއްޔެއް، ދޮވުނުހައި އަންނައުނެއް ދޮވެ ހިއްކައި އިސްތިރި ކޮށް ހެދީ ކޮން ބައެއްތޯއެވެ؟ ރިސޯޓުތައް ދުވާލާއި ރެއިގަނޑު ސާފުޠާހިރުކަމުގެ ނަމޫނާތަކެއްގެ ގޮތުގައި ބޭއްވުމަށް، ހިކި ފަތެއް ވެސް ތާކު އޮތަނުދީ ކުނި ނަގައި ތާހިރު ކޮށް ހަދަމުން އައީ ކޮން ބައެއްތޯއެވެ؟ މި ހުރިހައި ކަމެއް ކުރަމުން އެއިރުއްސުރެ މިއަދާ ހަމަޔަށް އަންނަނީ، މައިންބަފައިންނާއި އަނބިދަރީންނާ ވަކި ވެގެން އައިސް، ބައެއް ފަހަރު ހައެއްކަ އަށެއްކަ މީހުން އެއް ކޮޓަރިއެއްގައި ނިދައިގެން، ކުޑަކުޑަ މުސާރަތަކުގައި، އެއްވެސް ޝަކުވާއެއް ނުކޮށް، ދުވާލުގެ ގިނަ ވަގުތު އިޚްލާޞްތެރިކަމާ އެކު މަސައްކަތް ކުރާ ދިވެހި މަސައްކަތްތެރީން ނޫންތޯއެވެ؟
1970 ވަނަ އަހަރުން ފެށުނު ދަހަރުގެ ކުރީކޮޅުން ފެށިގެން ދިވެހި ޤައުމުގައި ސަރުކާރުގެ މުއައްޒަފުންނަށް ދިންހައި މުސާރަޔަކާއި، ސަރުކާރުން އެޅިހައި ބަނދަރަކާއި، އެޅިހައި އެއާޕޯޓަކާއި، އެޅިހައި ނަރުދަމާއަކާއި، އެޅިހައި ހަސްފަތާލަކާއި، ދިންހައި ބޭސްފަރުވާއެއްގެ ދެބައިކުޅަ އެއް ބައި އައީ ފަތުރުވެރިކަމުގެ ސިނާއަތް އުފައްދައި ދެމެހެއްޓި މީހުންގެ އަތުން ލިބުނު ފައިސާއޭ ވިދާޅުވެ އެ ސިނާޢަތުގެ ލީޑަރުންނަށް ތަޢުރީފު ތިޔަ ކުރައްވަނީ، އެއީ އެމީހުންގެ ހެޔޮކަމުން ދިވެހި ޤައުމަށް ކުރި ޚައިރާތެއްތޯއެވެ؟ ނުވަތަ، ދިވެހި ރައްޔިތުންގެ އެންމެނަށް ހަމަހަމަ ގޮތުގައި މިލްކު ވެ ޙައްޤު ވެގެން ވާ، ދިވެހި ރައްޔިތުންގެ "ކޮމަން ވެލްތު" ކަމުގައި ވާ ރަށްތަކަކުން އެ މީހުންނަށް އިންތިހާ ދަރަޖައިގެ މުއްސަނދިކަން ލިބެމުން ދިޔަ އިރު، އޭގެ ތެރެއިން ދިވެހި ރައްޔިތުންގެ ޚަޒާނާއަށް ކުއްޔާއި ޓެކުހުގެ ގޮތުގައި ދިން ދާދި ކުޑަކުޑަ މިންވަރެއް ނޫންތޯއެވެ؟
ފަތުރުވެރިކަމުގެ ސިނާޢަތުގެ އެތައް ކުންފުންޏަކުން، ޓެކުހާއި ކުލި ފަދަ ގޮތްގޮތުން ދައްކާ އެއްޗަކީ، ދައްކާން ޖެހޭ އެއްޗަކަށް ވުރެ މާ ބޮޑުތަނުން ކުޑަ އެއްޗެއް ކަމުގައި އެތައް ބަޔަކު ބުނަމުން ދާ ދިޔުމާ މެދު ވިދާޅުވަނީ ކީކޭތޯއެވެ؟ ޙަޤީޤަތުގައި ޓެކުހުގެ ގޮތުގައި ދައުލަތަށް ދައްކާން ޖެހޭ މިންވަރު ނުދެއްކުމަށް އެތައް މަކަރެއް އެމީހުން ހަދަމުން ގެންދާ ކަމަށް ބުނެވޭ ބުނުމާ ވިދާޅުވަނީ ކީކޭތޯއެވެ؟ "ޓްރާންސްފަރ ޕްރައިސިންގ" އާއި އެހެނިހެން ގޮތްގޮތުން، ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް ރިސޯޓުތަކަށް ލިބޭ އެއްޗަކުން ޙައްޤު ވާ މިންވަރު ނުދިނުމަށް ހަދަމުންދާ ކަމަށް ބުނެވޭ މަކަރުތަކާ މެދު ވިދާޅުވަނީ ކީކޭތޯއެވެ؟ ދުނިޔޭގެ ކޮންމެ ޤައުމެއްގައި ވެސް، އެ ތަނެއްގެ ސަރުކާރުގެ ނިޒާމުތަކާއި ސަރުކާރުން ދޭ ޚިދުމަތްތަކުގެ ކަންކަމުގެ ޚަރަދު ބަލަހައްޓަނީ ރައްޔިތުންގެ އަތުން ނެގޭ ޓެކްސް ފަދަ ގޮތްގޮތުން ހޯދާ ފައިސާއިން ކަމުގައި ވާއިރު، އެއްވެސް ވިޔަފާރިއަކުން، އެއްވެސް ސިނާޢަތަކުން ސަރުކާރުގެ ޚަޒާނާއަށް ދައްކާ އެއްޗަކާ މެދު އެއީ ބަޔަކު ހެޔޮކަމުން ސަރުކާރަށް ދިއް ކޮށްލާ ޚައިރާތެއް ކަމުގައި ސިފަ ކުރުމަކީ ހަމަޖެހޭ ކަމެއްތޯއެވެ؟ ސަރުކާރަކީ ހުރިހައި ރައްޔިތުންގެ ފައިދާ އާއި މަންފާއަށް ޓަކައި، ރައްޔިތުން އެމީހުން ކުރެ ކޮންމެ މީހަކަށް ވެސް އާމުދަނީ ލިބޭ ނިސްބަތަކުން އެ ނިޒާމަކަށް ޚަރަދު ކޮށްގެން ހިންގާ، ރައްޔިތުންގެ އެއްޗެއް ނޫންތޯއެވެ؟ ސިޔާސީ ޕާޓީތަކުން ސަރުކާރުގެ ނިޒާމު އެމީހުންގެ އެކްޓިވިސްޓުންނަށް ބޮޑެތި މުސާރަ ދޭ ވަސީލަތަކަށް ހަދައިގެން ކޮރަޕްޝަން ހިންގަމުން ގެންދާ ދިޔުމުގެ ވާހަކަ ދައްކަވާ އިރު، 2008 އިން ފެށިގެން ދިވެހިރާއްޖޭގައި އެ ނިޒާމު ޤާއިމު ކުރުމުގައި ތިޔަ ވިދާޅުވާ "ރިސޯޓު މަހުޖަނުން" ގެ ދައުރެއް ނެތްތޯއެވެ؟ އެމީހުންނަށް ވިޔަފާރީގެ ފައިދާތައް ހޯދައިދޭމަތީން، އެއިރަކު އޮންނަ ސަރުކާރެއްގެ ޕާޓީއަށް ފައިސާ އާއި ހަދިޔާ ދިނުން ފަދަ ކަންކަން އެމީހުން ނުކުރޭތޯއެވެ؟ އެއީ އެމީހުން ހިންގާ ކޮރަޕްޝަން ކަމުގައި ނުވޭތޯއެވެ؟ ކޮރަޕްޓް ސިޔާސީ ޕާޓީތަކަށް އެމީހުން ދޭ މާލީ އެހީތެރިކަމާއި ސަޕޯޓަކީ، ޤައުމުގައި ފަސާދަ އާލާ ކުރުމަށް އެމީހުން ވާ ބައިވެރިވުމެއް ކަމުގައި ނުވޭތޯއެވެ؟
މި ކަހަލަ އެތައް ސުވާލެއް އަދިވެސް އެބަހުއްޓެވެ. ނަމަވެސް އިތުރު އެއް ސުވާލުން ނިންމައިލާނަމެވެ.
ފަތުރުވެރިކަމުގެ ސިނާޢަތުގެ ބޮޑެތި ވިޔަފާރިވެރީން ކަމުގައި ވި ފަރާތްތަކުން ޤައުމަށް ކުރި ޚިދުމަތާއި ކުރި މަސައްކަތަށް ވުރެ ބޮޑު ޚިދުމަތެއް މަސައްކަތެއް ޢާއްމު ދިވެއްސަކަށް ޤައުމަށް ނުކުރެވޭނެޔޭ، ކޮށްފައެއް ނުވެޔޭ ތިޔަ ވިދާޅުވަނީ، އެއީ ކޮން ގޮތަކުން ތަބްރީރު ކުރެވޭނޭ، ކިހިނެއް ތެދަކަށް ވާ ވާހަކައެއް ކަމަށް ވިސްނަވައިފައިތޯއެވެ؟
ދެނެވަޑައިގެން ހުންނެވީމުތޯއެވެ؟ މި ދިވެހިރާއްޖޭގައި ހިލޭ ސާބަހަށާއި ކުޑަކުޑަ މުސާރައަކަށް ދިވެހި ޤައުމުގެ މަދަރުސާތަކާއި ހަސްފަތާލުތަކުގައި މިދިޔަ ހަތްދިހަ ވަރަކަށް އަހަރު ދުވަހުގެ މުއްދަތުގައި، ވިހި ތިރީސް ސާޅީސް އަހަރުގެ ޚިދުމަތް ކުރި އެދުރުން މުދައްރިސުން ޞިއްޙީ އެހީތެރީން ފަދަ އެތައް ހާސް ދިވެހި ދަރީން އެބަތިއްބެވެ. ރާއްޖޭގެ ރަށްތަކުގައި، ކުޑަ ކުދީންނަށް ލިޔާންކިޔާން ދަސް ކޮށްދޭށާއި، ކީރިތި ޤުރްއާނާއި ދީނުގެ ތަޢުލީމު އުނގަންނައިދޭން ހިލޭ ސާބަހަށް، ފާއިތު ވި ސާޅީސް ފަންސާސް އަހަރުގެ ތެރޭގައި، ދުވާލަކު ހަ ގަޑި އަށް ގަޑި އިރު ހޭދަ ކުރި އެދުރުދައިތައިން އެދުރުބެއިން އެބަ ތިއްބެވެ. ދިވެހި ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކޮށްދިނުމުގައި ހަމަ އެފަދަ ދިގު މުއްދަތުތައް ހޭދަ ކުރި ބޭސްވެރީން ޤައުމުގެ އެކި ހިސާބުތަކުގައި އެބަ ތިއްބެވެ. މާބަނޑު އަންހެނުންނާއި ވިހޭގެޔާއި ޅަކުދީންގެ ކަންކަން ބެލެހެއްޓުމުގައި، ދަންވަރެއް މެންދުރެއް ވަކި ނުކޮށް ވިހި ތިރީސް ސާޅީސް އަހަރު ހިލޭސާބަހަށް މަސައްކަތް ކޮށްދިން އޯގާވެރި ބޭކެނބީން އަދިވެސް މި ފަސްގަނޑުގައި ދިރި އެބަތިއްބެވެ. އެމީހުންގެ އޯގާވެރިކަމާއި ކުލުނުވެރިކަމުން ދިވެހި އެތައް ޢާއިލާއަކަށް އުފާވެރިކަން ގެނެސްދީފައި ވަނީ ﷲ ގެ ރުހިވޮޑިގަތުން ހޯދުމާއި، ތިމާގެ މުސްލިމް ދިވެހި އަޚުން އުޚްތުންނާއި ތިމާގެ މުޖުތަމަޢަށް ޚިދުމަތް ކުރުން ފިޔަވައި އެހެން ބަދަލަކަށް ނޭދިއެވެ. މި ޤައުމުގައި ޢިލްމުގެ އަލިކަން ފަތުރުއްވާން، ހިލޭސާބަހަށް ކަހަލަ ގޮތަކަށް އެކިއެކި ދާއިރާތަކުން މަޒުމޫނުތަކާއި ފޮތްތައް ލިޔުއްވައި ޝާއިޢު ކުރެއްވުމުގައި ވިހި ތިރީސް ސާޅީސް އަހަރު ހޭދަ ކުރައްވައިފައި ތިއްބެވި ލިޔުންތެރީން އެބަ ތިއްބެވިއެވެ. މިހެން ގޮސް، ކިތަންމެ ކިތަންމެ މިސާލެއް ދެއްކިދާނެއެވެ.
ތިޔަ ވިދާޅުވާ ބަހުން މި ދެންނެވި ދިވެހި ދަރީންނަށް ރައްދު ވާ އިހާނާތާ މެދު އެއްވެސް ވަރަކަށް ވިސްނެވިމުތޯއެވެ؟ އެމީހުންގެ ޚިދުމަތް ތިޔަ ފަދައިން މިނެކިރުއްވާން ކެރިވަޑައިގަތީ ކިހިނެއްތޯއެވެ؟
* * * *
ފަހު ވާހަކަޔަކަށް، އަލްފާޟިލް މުޙައްމަދު މުފީދުގެ ފޭސްބުކްގައި ވާ ލިޔުންކޮޅު ނިންމަވައިލައްވަމުން ލިޔުއްވައިފައި ވާ ވާހަކައަކާ ގުޅުވައި އެއްޗެއް ދަންނަވައިލާނަމެވެ. މުފީދު ލިޔުއްވައިފައި ވަނީ، ފަތުރުވެރިކަމުގެ ސިނާޢަތު ތަރައްޤީ ކޮށް ކުރިއެރުވުމަށް ދިވެހި ރައްޔިތުންނާއި ސަރުކާރުން އެތައް ކަންތައްތަކެއް ކޮށްދިނުމަށް ފަހު، އެ ސިނާޢަތުގެ ވެރީންގެ ދަރީންގެ ދަރީންނަށް ވެސް މުއްސަނދިކަން ވާރުތަ ވާނޭހެން 99 އަހަރަށް ރިސޯޓުތައް ޢާއިލީ ވާރުތައެއްގެ ގޮތުގައި ދީފައި ވާ ވާހަކައެވެ. އޭނާ ލިޔުއްވައެވެ. "އަދި މި ވަރަކުން ވެސް ނިންމައެއްނުލައެވެ! ދަރީންގެ ދަރީންނަށް ވެސް ލިބޭ ގޮތަށް 99 އަހަރަށް ވެސް ރަށް ދިނެވެ. މި ހުރިހައި ކަމެއް ނުހަނު ދީލަތިކަމާ އެކު ކޮށްދިނުމަށް ފަހު، މި އެދެނީ ކުޑަކުޑަ ކަމަކަށެވެ. ޑޮލަރަށް ސަލާން ޖެހުން ނިމުމަކަށް ގެނެސްދެއްވުމަށެވެ. ހަމަ އަގުގައި ޑޮލަރު ދިނުމަށެވެ. ހިލެޔަކު ނޫނެވެ. އަގު ވެސް ދޭ ގޮތަށެވެ."
ދެން ވިދާޅުވެބައްލަވާށެވެ!
ދިވެހި ރައްޔިތުންގެ ރަށްތައް ފަތުރުވެރިކަމުގެ ސިނާޢަތުގެ ބޮޑެތި ވިޔަފާރިވެރީންނަށް ދީ، އެއީ ޢާއިލީ ވާރުތަތަކަކަށް ވެސް ހަދައިދީ، އެ ތަންތަން ތަރައްޤީ ކުރުމަށް ޓަކައި އެތައް ޒަމާނެއް ވާންދެން ގާތްގަނޑަކަށް ކުލި މަޢާފު ކޮށްދީ، އެތަންތަން ބިނާ ކުރުމަށް ޓަކައި ގެންނަ ތަކެތީން ޑިޔުޓީ މަޢާފު ކޮށްދީ، އެ ތަންތަން ބިނާ ކުރުމަށް ޓަކައި ރައްޔިތުން ސޮވްރިން ގެރެންޓީ ދީގެން ލޯނު ހޯދައިދީ، އެ ތަންތަނުގައި ދިވެހި ރައްޔިތުން ގުދާރު ބިންދައިގެން އިޚްލާޞްތެރިކަމާ އެކު މުއައްޒަފުންގެ ގޮތުގައި ހުރިހައި ކަމެއް ކޮށްދިނުމުން، އެ ތަންތަނުން ލިބޭ ފައިދާގެ 80 ނުވަތަ 90 އިންސައްތަ ރާއްޖެއިން ބޭރުގައި ފޮރުވައިގެން ގެންގުޅުމަކީ ހަމަ އިންޞާފުތޯއެވެ؟ އެ 80 ނުވަތަ 90 އިންސައްތަ ބޭރުގައި ފޮރުވައިފައި، ބާކީ އެތިކޮޅު ޤައުމަށް ގެނެސް، އެ އެތިކޮޅުން ދައްކާ ޓެކުހެއް ކުއްޔެއް ދައުލަތުގެ ޚަޒާނާއަށް ލައިދިނުމުން، އަޅުގަނޑުމެން ވީ އެމީހުންނަށް ތަޢުރީފު ކޮށް ޝުކުރު އަދާ ކުރާން ގުދު ވާންތޯއެވެ؟ ރިސޯޓުތަކަށް ލިބޭ ބޭރުފައިސާގެ ތެރެއިން ޤައުމަށް އެތެރެ ކުރާ މަދު މިންވަރުގެ ބޮޑު ބައި ވެސް ދިވެހި ބޭންކަށް ލައިދިނުމުގެ ބަދަލުގައި އެއިން ޤައުމުގެ ޤާނޫނާ ޚިލާފަށް ކަޅު ބާޒާރު އުފައްދައި، ކަޅު ބާޒާރުން ލިބޭ އިތުރު ފައިދާގެ ދަހިވެތިކަމުގައި މުޅި ޤައުމުގެ މާލިއްޔަތާއި އިޤްތިޞާދީ މަޞްލަޙަތުތައް ޤުރުބާން ކުރުމަކީ ހަމަ ބަޔަކު ނުކުމެ ދިފާޢު ކުރާން ޖެހޭ ވަރުގެ ކަންކަންތޯއެވެ؟ ބޭރު ފައިސާގެ ތާށިކަމާއި، އޭގެ ސަބަބުން އެކިއެކި ފެންވަރުގައި މުޅި ޤައުމަށް ދިމާ ވެފައި ވާ އިޤްތިޞާދީ ނިކަމެތިކަމާއި ދެރަތަކަކީ ފަތުރުވެރިކަމުގެ ސިނާޢަތުން "ކޯރޕޮރޭޓް ގްރީޑް" ގެ ގޮތުގައި ހިންގަމުންދާ ކަންތައްގަނޑެއްގެ ނަތީޖާ ކަން ރީތިކޮށް، އެނގޭ އިރު، މި ކަންކަން ދިފާޢު ކުރާ ބަޔަކު އެކަން އެ ކުރަނީ ޤައުމާއި ރައްޔިތުންނާ މެދު އެއްވެސް ރަޙުމެއް ހިތުގައި ނެތީ ބާވައެވެ! ކަންކަމުގެ ޙަޤީޤަތް ހޯދައި އިންޞާފަށް ވާހަކަ ދެއްކުމުގެ އެއްވެސް ޝައުޤުވެރިކަމެއް އެމީހުންގެ ކިބައިގައި ހަމަ ނެތީ ބާވައެވެ!
މިދުޢަމް ވިދާޅުވެފައި ވާ އެއް ވާހަކަ ވަރަށް ރަނގަޅެވެ! ފޮތް ކިޔައި، ތާރީޚު ދެނެގަންނާން ޖެހެއެވެ. އަލްފާޟިލް މުޙައްމަދު މުފީދާއި، ދެންވެސް ކަންކަން ހިނގައިދިޔަ ގޮތުގެ ޙަޤީޤަތް ދެނެވަޑައިގެން ތިއްބެވި ބެއިފުޅުންގެ ފަރާތްޕުޅުން އެ ޙަޤީޤަތް އޮޅުން ފިލުވާން ޖެހެއެވެ. ވީމާ އެކަން ކުރައްވާށެވެ! މުފީދުމެން ފަދަ ބެއިފުޅުންގެ އެހީތެރިކަމާ އެކު، 1973 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ޝާއިޢު ކުރެވުނު "ޔުނައިޓެޑް ނޭޝަންސް ލެޓަރ" ފަދަ ލިޔުންތަކާއި ރިކޯޑުތައް ވެސް ބައްލަވާށެވެ! އެއިރުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަކީ ދިވެހި ސަރުކާރުގައި ތިއްބެވި ބޮޑުވަޒީރު އަޙްމަދު ޒަކީ ފަދަ ވިޜަނަރީންގެ ވިސްނުންފުޅުގެ ތެރެއިން ވުޖޫދަށް ގެންނެވި އެއްޗެއްކަން ވެސް އެނގިވަޑައިގަންނަވާނެއެވެ.
އަލް އުސްތާޛް އަޙްމަދު މާޖިދު
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް
ކުށް