ބައިނަލްއަޤްވާމީ ޖިނާއީ ޤާނޫނުތަކަކާއި އެ ޤާނޫނުތައް ތަޠުބީޤު ކުރާނޭ ބައިނަލްއަޤްވާމީ ޖިނާއީ ޢަދުލުގެ ނިޒާމެއް އޮންނާން ޖެހޭ މައިގަނޑު ދެތިން ސަބަބެއް ވެއެވެ. އެއް ސަބަބަކީ، ބައެއް ކަހަލަ ކުށްތައް ހުއްޓުވުމާއި އެ ކުށްތައް ކުރާ ފަރާތްތަކަށް އަދަބު ދިނުމަކީ މުޅި އިންސާނިއްޔަތުގެ މަޞްލަޙަތާ ގުޅިފައި ވާ، ހުރިހައި ޤައުމުތަކެއް ގުޅިގެން އެއްބާރުލައިގެން ބައިނަލްއަޤްވާމީ ނިޒާމަކުން ކުރާން ވީ ކަމެއް ކަމަށް ވުމެވެ. ދެވަނަ ސަބަބަކީ، މި ދަންނަވާ ޒާތުގެ ކުށްތަކަކީ ޢާއްމު ގޮތެއްގައި އެއް ޤައުމެއްގެ ޢަސްކަރިއްޔާ އާއި ހަތިޔާރު އެޅި ފައުޖުތަކާއި ޖަމާޢަތްތައް ފަދަ ފަރާތްތަކުން އެހެން ޤައުމެއްގެ ސަރަޙައްދުގައި ކުރާ ކުށްތަކަކަށް ވުމުން، މައްސަލައިގައި ޝާމިލު ވާ އެކިއެކި ފަރާތްތަކާއި ހިމެނޭ އެކިއެކި އުންސުރުތަކަކީ ވަކި ޤައުމެއްގެ ސަރަޙައްދުގެ ތެރޭގައި ހިފެހެއްޓިފައި ނުހުންނަ، "ބައިނަލްއަޤްވާމީ" ވުމުގެ ސިފަ ލިބިގެން ވާ ކަންތައްތަކަކަށް ވުމެވެ. ތިންވަނަ ސަބަބަކީ، މި ދަންނަވާ ކުށްތައް ޢާއްމު ގޮތެއްގައި ކުރަނީ ޤައުމެއްގެ ސިޔާސީ ލީޑަރުންނާއި ޢަސްކަރިއްޔާ އާއި ހަތިޔާރު އެޅި ބާޣީންގެ ޖަމާޢަތްތައް ފަދަ، އެ ޤައުމެއްގައި ސިޔާސީ ނުވަތަ އެހެނިހެން ގޮތްގޮތުން ނިކަން ބާރުގަދަ ފަރާތްތަކުން ކަމަށް ވުމުން، އެ ޤައުމެއްގެ ދާޚިލީ ޤާނޫނީ ނިޒާމުން މައްސަލަ ބަލައި ކުށްވެރި ވާ ފަރާތްތަކާ މެދު އިންޞާފުވެރި ފިޔަވަޅުތައް އެޅުމަކީ އުނދަގޫ އަދި ނާދިރު ކަމަކަށް ވުމެވެ.
ދެންނެވުނު ފަދަ ސަބަބުތަކާ ހުރެ، ބައިނަލްއަޤްވާމީ ޖިނާއީ ޢަދުލުގެ ނިޒާމެއް އޮތުން ޟަރޫރަތްތެރި ވާ ގޮތުގެ އެތައް މިސާލެއް، ފާއިތު ވި ފަންސާހަކަށް އަހަރުގެ ތާރީޚުން އެކަނި ވެސް ދެއްކިދާނެއެވެ.
އެއް މިސާލަކީ، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ހަތިޔާރު އެޅި ފައުޖުތަކުން ވިއެޓްނާމުގައި ހިންގި އެތައް ޖަރީމާތަކެއްގެ ތެރެއިން މަޝްހޫރު "މެއި ލައި ޤަތުލުޢާއްމު" ގެ ޙާދިސާއެވެ. މި ޤަތުލުޢާއްމުގައި، އެމެރިކާގެ ސިފައިން ދެކުނު ވިއެޓްނާމުގެ "ސޯން މެއި" އަވަށަކަށް އަރައި 500 ވަރަކަށް ޢާއްމުންގެ މިނިކަތިލުމެއް ހިންގިއެވެ. މި ހާދިސާގައި އަންހެނުންނާއި އަންހެން ކުދީން ރޭޕު ކޮށް، ގޭންގު ރޭޕު ކޮށްފައި ވެއެވެ. އެތައް ބަޔަކު މަރައިފައި ވަނީ ހަށިގަނޑުގެ ގުނަވަންތައް ކޮށައި ކަނޑައި ބުރިބުރި ކޮށް، ވޭންދެނިވި އެތައް ހާނީއްކައެއް ދިނުމުގެ ތެރެއިންނެވެ. ބައެއް އަންހެނުންނާއި އަންހެން ކުދީން ގޭންގު ރޭޕު ކުރުމުގެ ތެރޭގައި މަރު ވުމަށް ފަހު ވެސް، ހަށިގަނޑުތައް ކޮށައި ބުރިބުރި ކޮށް ހަދައިފައި ހުއްޓެވެ. ރޭޕު ކޮށް މަރައިފައި ވާ އަންހެން ކުދީންގެ ތެރޭގައި ޢުމުރުން 12 އަހަރުގެ ކުދީން ވެސް ހިމެނެއެވެ. އެންމެ ފުރަތަމަ އެމެރިކާގެ ޢަސްކަރިއްޔާއިން މި ޙާދިސާގެ ވާހަކަތައް ސިއްރު ކޮށް މަތި ޖަހައި ފޮރުވީއެވެ. ކަމާ ބެހޭގޮތުން ފުރަތަމަ ނެރުނު ބަޔާންތަކާއި ލިޔެކިޔުންތަކުގައި ހަދައިފައި ހުރީ ބޮޑެތި ދޮގެވެ. އެ ދޮގުތައް ބޭޒާރު ވެ ޙަޤީޤަތް މުޅި ދުނިޔެއަށް ހާމަ ވުމުން، އެމެރިކާ ޢަސްކަރިއްޔާއިން ތިރީހަކަށް އޮފިސަރުންނާ ދެކޮޅަށް އެކި ކަހަލަ ތަޙުޤީޤުތައް ހިންގައި ދަޢުވާތައް އުފުލިއެވެ. ނަމަވެސް އޭގެ ތެރެއިން ކުށް ސާބިތު ވީ އެންމެ މީހެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް ވެސް ފުރަތަމަ އިއްވުނު ޢުމުރު ދުވަހުގެ ޖަލު ޙުކުމް ފަހުން ވިހި އަހަރުގެ ޙުކުމަކަށް ބަދަލު ކުރެވި، އެ ޙުކުމް ވެސް ތަންފީޒު ނުކޮށް އޭނާ އާޚިރުގައި ސަލާމަތް ވީއެވެ.
ދެވަނަ މިސާލަކީ އިސްރާއީލުގެ ސިފައިންނާއި ލުބުނާނުގެ ނަޞާރާ ހަނގުރާމަވެރީންގެ ޖަމާޢަތެއް ގުޅިގެން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް، ލުބުނާނުގެ ބައިރޫތުގެ ސަރަޙައްދުގައި ހިންގި މަޝްހޫރު "ޞަބްރާ އާއި ޝަތީލާގެ ޤަތުލުޢާއްމު" އެވެ. މި ޤަތުލުޢާއްމު ހިންގައިފައި ވަނީ 1982 ވަނަ އަހަރު އިސްރާއީލުން ލުބުނާނަށް އަރައިގަނެ އެ ޤައުމުގައި ހިންގަމުން ގެންދިޔަ ޢުދުވާނީ ހަނގުރާމައިގެ ތެރޭގައެވެ. ފަލަސްޠީނީ ރެފިޔުޖީން ދިރިއުޅެމުން ދިޔަ ޞަބްރާ އާއި ޝަތީލާ ރެފިޔުޖީ ކޭންޕު ސަރަޙައްދަށް އިސްރާއީލު ސިފައިންނާއި ނަޞާރާ ހަނގުރާމަވެރީން ގޮސް، 16 ސެޕްޓެންބަރުން 18 ސެޕްޓެންބަރާ ހަމަޔަށް، ޖުމުލަ 43 ގަޑި އިރު ވާންދެން، އެ ސަރަޙައްދު ޙިޞާރު ކޮށް ބަންދު ކޮށްގެން ހިންގި ޤަތުލުޢާއްމަކީ މި ޒަމާނުގެ ތާރީޚު ދެކެފައި ވާ އެންމެ ބޭރަޙުމުވެރި، އެންމެ އަނިޔާވެރި އެއް ޤަތުލުޢާއްމެވެ. ޝަހީދު ކޮށްލެވުނު ފަލަސްޠީނީންގެ ޢަދަދަކީ ގާތްގަނޑަކަށް 3500 އެވެ. މި ޤަތުލުޢާއްމުގެ ތެރޭގައި ވެސް އަންހެނުންނާއި ޅަވަރުގެ އަންހެން ކުދީން ރޭޕު ކުރުމާއި އެތައް ބައެއްގެ ގުނަވަންތައް ކަނޑައި ބުރިބުރި ކޮށް ހާނީއްކަ ކުރުން ފަދަ ލާއިންސާނީ އެތައް ޢަމަލުތަކެއް ހިންގައިފައި ވެއެވެ. މި ޤަތުލުޢާއްމުގެ ވާހަކަ ޢާއްމު ވުމުން، އިސްރާއީލުން "ކޮމިޝަން އޮފް އިންކުއަރީ އިންޓު ދި އިވެންޓްސް އެޓް ދަ ރެފިޔުޖީ ކޭމްޕްސް އިން ބެއިރޫތު" ގެ ނަމުގައި ތަޙުޤީޤު ކޮމިޝަނެއް ހެދިއެވެ. ނަމަވެސް އެ ކޮމިޝަނުގެ ނިންމުމުގައި އިސްރާއީލުގެ ސިފައިންގެ އެއްވެސް ޒިންމާއެއް އޮތް ކަމަކަށް ނުހެދިއެވެ. އެއިރު އިސްރާއީލުގެ ދިފާޢީ ވަޒީރުގެ މަޤާމުގައި ހުރި އެރިއަލް ޝެރޯން، "ޤަތުލުޢާއްމު ހުއްޓުވުމަށް އެކަށީގެންވާ ވަރަށް މަސައްކަތް ކޮށްފައި ނުވާތީ އޭނާ މަޤާމުން އިސްތިޢުފާ ދޭން ވާނެޔޭ" ބުނި ބުނުމެއް ފިޔަވައެވެ. އޭނާ 14 ފެބުރުވަރީ 1983 ގައި މަޤާމުން އިސްތިޢުފާ ދިނެވެ. ނަމަވެސް 2001 އިން ފެށިގެން އޭނާ ވަނީ އެތައް އަހަރަކު އިސްރާއީލުގެ ބޮޑުވަޒީރުކަން ކޮށްފައެވެ.
މި މިސާލުތަކުން ފެންނަނީ، ޤައުމުތަކުގެ ލީޑަރުންނާއި ޢަސްކަރީން ހިންގާ ޖަރީމާތަކަށް އެ ޤައުމެއްގެ ޤާނޫނީ ނިޒާމުތަކުން އަދަބު ނުދެވޭ ތަނެވެ. އަދަބު ދިނުމުގެ ނަމުގައި ކުރާ ކަންތައްތަކަކީ ވެސް ދުނިޔެއަށް ދަޅަ ދައްކައިލާން ކުޅޭ ތަމްސީލެއް ކަމެވެ. ދައުލަތަކުން އެ ދައުލަތެއްގެ ޢަސްކަރިއްޔާއިން އެހެން ޤައުމެއްގެ ބަޔަކާ މެދު ހިންގާ ޖަރީމާއަކާ މެދު ޙަޤީޤީ މާނައިގައި އިންޞާފުވެރި ފިޔަވަޅެއް އެޅުމުގެ މިސާލެއް ފެނިފައި ވަނީ ވަރަށް ވެސް މަދު ފަހަރަކުއެވެ. އެއް މިސާލަކީ، ބަޔަފްރާގެ ޤައިދީއެއްގެ ގަޔަށް ބަޑި ޖަހައި މަރައިލިކަމުގެ ކުށުގައި ނައިޖީރިއާއިން އެ ޤައުމުގެ ސިފައިންގެ މީހަކަށް 1968 ވަނަ އަހަރުގެ ނޮވެންބަރު މަހު މަރުގެ އަދަބު ދިން ހާދިސާއެވެ. އެކަމަކު މިއީ ނާދިރު ކަމެކެވެ. ގިނަ ފަހަރު ކަންކަން ވަނީ މެއި ލައި ޤަތުލުޢާއްމާއި ޞަބްރާ ޝަތީލާގެ ޤަތުލުޢާއްމުގެ ޙާދިސާތަކުގައި ކަން ހިނގި ގޮތަށެވެ. ވީމާ، ބައިނަލްއަޤްވާމީ ޤާނޫނުތަކުގައި ކުށް ކަމުގައި ކަނޑައަޅާ ޢަމަލުތައް ހިންގާ މީހުންނާ މެދު ޖިނާއީ ތަޙްޤީޤު ހިންގުމާއި ޝަރީޢަތް ކުރުމާއި އަދަބު ދިނުމުގެ މަންސައެއް، ބައިނަލްއަޤްވާމީ ޤާނޫނުގެ ނިޒާމުގެ ތެރޭގައި ވެސް ބޭއްވުން މުހިއްމު ވަނީއެވެ. އެއީ މުހިއްމު ކަމެއް ކަމަށް ޤައުމުތަކުގެ ސިޔާސީ އަދި ޢިލްމީ ލީޑަރުންނަށް ފެންނަނީއެވެ.
ދެން އޮތީ، ބައިނަލްއަޤްވާމީ ޖިނާއީ ޢަދުލުގެ ނިޒާމަކުން ވަކިވަކި ފަރުދުންނަށް އަދަބު ދިނުން، ނުވަތަ ބައިނަލްއަޤްވާމީ ޤާނޫނުގައި ފަރުދީ ޖިނާއީ ޒިންމާ (individual criminal responsibility) އިސްތިޤްރާރު ކުރުމުގެ ސުވާލެވެ. މި ސުވާލު ކުރާން ޖެހެނީ، ޒަމާނުއްސުރެ ބަލައިގަނެވިފައި ވާ އުޞޫލުތަކުގެ ދަށުން، ވަކިވަކި ފަރުދުންނަކީ ބައިނަލްއަޤްވާމީ ޤާނޫނަށް "ސަބްޖެކްޓް" ވާ، ނުވަތަ ބައިނަލްއަޤްވާމީ ޤާނޫނުން ތަންޒީމު ކުރެވޭ ފަރާތަކަށް ނުވާތީއެވެ. ބައިނަލްއަޤްވާމީ ޤާނޫނަކީ ޤައުމުތަކާއި، ޤައުމުތަކާ އެއް ކަހަލަ ބީދަޔަކުން ބައިނަލްއަޤްވާމީ މުޖުތަމަޢާއި ބައިނަލްއަޤްވާމީ މަންސަތަކުގައި ބައިވެރި ވެ ޙަރަކާތްތެރި ވާ ފަރާތްތަކުގެ ކަންކަން ތަންޒީމު ކުރާ ޤާނޫނުތަކަކަށް ވާތީއެވެ.
ފަހެ، 1914 އާއި 1945 އާ ދެމެދު ޔޫރަޕާއި ދުނިޔޭގެ އެހެން ބައެއް ސަރަޙައްދުތަކުގައި ކުރެވުނު ބޮޑު ދެ ހަނގުރާމަޔާ ހަމަޔަށް ވެސް، ބައިނަލްއަޤްވާމީ ޤާނޫނުގެ "ސަބްޖެކްޓްސް" ގެ ގޮތުގައި ބަލައިގަނެވިފައި ވަނީ ދައުލަތްތަކާއި، ދައުލަތްވަންތަކަން ފުރިހަމަ ނުވާ ސުއި ޖެނެރިސް ސަރަޙައްދީ ކިޔާންތަކާއި، ދަ ހޯލީ ސީ އަދި ވެޓިކަނާއި، ދައުލަތެއް ނުވަތަ ޤައުމެއްގެ ސަރަޙައްދުގައި އަމިއްލަ މިނިވަންކަން ނުވަތަ އަމިއްލަ ދައުލަތަކަށް ޓަކައި ހަނގުރާމަ ކުރާ ޖަމާޢަތްތަކާއި، ބައިނަލްއަޤްވާމީ ޕަބްލިކް ކުންފުނިތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތައް ފަދަ ޤާނޫނީ ޝަޚްޞުތައް ނުވަތަ ކިޔާންތަކެވެ. ވަކިވަކި ފަރުދުންނަކީ، ޝަޚްޞީ ގޮތުން އަދި ޝަޚްޞީ ޙައްޤުތަކާއި ވާޖިބުތައް އެކަށައެޅުމާއި ތަންފީޛު ކުރުމުގައި ބައިނަލްއަޤްވާމީ ޤާނޫނުގެ އިޚްތިޞާޞުގެ ދަށަށް ވަންނަ އެއްޗެއް ނޫނެވެ. އެހައިތަނަށް، ވަކިވަކި ފަރުދުން ކުރާ ކުށްތަކުގެ މައްސަލަތަކުގައި ތަޙްޤީޤު ކުރުމާއި ޝަރީޢަތް ކުރުމާއި އަދަބު ދިނުމަކީ އެ މައްސަލައަކަށް އިޚްތިޞާޞް ލިބޭ ޤައުމެއްގެ ޝަރްޢީ-ޤާނޫނީ ނިޒާމުން މެނުވީ ކުރެވޭ ކަމެއް ނޫނެވެ.
އިނގިރޭސީންނާއި ފަރަންސޭސީންނާއި އެމީހުންގެ އެކުވެރީން ކަމުގައި ވި "އިއްތިޙާދީ ބާރުތަކަށް" (Allied Powers, Entente, Triple Entente) ނަޞުރު ލިބިގެން 1918 ވަނަ އަހަރު ފުރަތަމަ ބޮޑު ހަނގުރާމަ ނިމުމަށް ފަހު އެ ބާރުތަކުގެ ފަރާތުން އެކުލަވައިލި ކޮމިޝަނަކުން، ހަނގުރާމައިގައި ބަލި ވި ޖަރުމަނާއި އޮސްޓްރިޔާ-ހަންގޭރީ އާއި ޢުޘްމާނީ ޚިލާފަތާއި ބަލްގޭރިޔާގެ އިއްތިޙާދު (Quadruple Alliance, Central Powers) ގެ އިސް ބައެއް އޮފިޝަލުންގެ މައްޗަށް ޖިނާއީ ތަޙްޤީޤާއި ޝަރީޢަތް ހިންގާނޭ ބައިނަލްއަޤްވާމީ ނިޒާމަކާ މެދު މަޝްވަރާ ކުރިއެވެ. އެ ކޮމިޝަނުގެ ނަމަކީ (Commission on the Responsibility of the Authors of the War and on the Enforcement of Penalties) އެވެ. މި ކޮމިޝަނުން (Allied High Tribunal) ގެ ނަމުގައި ބައިނަލްއަޤްވާމީ ޖިނާއީ ޓްރައިބިޔުނަލެއް ހަދައިގެން އެ ކަން ކުރުމަށް ލަފާ ވެސް ދިނެވެ. ނަމަވެސް، ވަކިވަކި ފަރުދުންގެ މައްޗަށް ބައިނަލްއަޤްވާމީ ޖިނާއީ ޢަދުލުގެ ނިޒާމަކުން ފިޔަވަޅު އެޅުމަށް އަލަށް ކުރެވުނު މި މަސައްކަތަކުން އެދެވޭ ނަތީޖާއެއް ނުނުކުތެވެ. ކުރެވުނުހައި ވެސް ކަމަކީ ޖަރުމަނުގެ ދާޚިލީ ޤާނޫނީ ނިޒާމުގެ ދަށުން "ލެއިޕްޒިގް ޝަރީޢަތްތައް" (Leipzig Trials) މި ނަމުން މަޝްހޫރު ވެފައި ވާ މަދު ޢަދަދެއްގެ ޝަރީޢަތްތަކެއް ހިންގައި، މަދު ޢަދަދެއްގެ މީހުންނަށް ރަމްޒީ އަދަބުތަކެއް ދިނުމެވެ. ފުރަތަމަ ބޮޑު ހަނގުރާމަޔަށް ފަހު، ދުނިޔޭގައި ޞުލްޙަ ބަލަހައްޓާ ޖަމްޢިއްޔާއެއްގެ ގޮތުގައި ޤާއިމު ކުރެވުނު "ލީގް އޮފް ނޭޝަންސް" އިން ބައިނަލްއަޤްވާމީ ޖިނާއީ ކޯޓެއް އުފެއްދުމަށް ޓަކައި މުޢާހަދާއެއް ވެސް އެކުލަވައިލިއެވެ. ނަމަވެސް، 1937 ވަނަ އަހަރު ލީގުން ފާސް ކުރި މި މުޢާހަދާ ތަޞްދީޤު ކުރީ އެންމެ ޤައުމަކުންނެވެ. އެއީ އިނގިރޭސި އިންޑިއާއެވެ. އިތުރު ޤައުމަކުން މި މުޢާހަދާ ތަޞްދީޤު ކުރުމަށް ބޭނުން ނުވުމުން، އާޚިރުގައި އެ މަސައްކަތް ވެސް ވަޅު ޖެހުނީއެވެ.
1939 ވަނަ އަހަރުން ފެށިގެން 1945 ވަނަ އަހަރާ ހަމަޔަށް ހިނގި ދެވަނަ ބޮޑު ހަނގުރާމަ ނިމިގެން ދިޔަ އިރު ކުރިމަތި ވި ޤާނޫނީ އެންމެ ބޮޑު އެއް މައްސަލައަކީ، ނާޒީ ޖަރުމަނުގެ ހަނގުރާމައިގެ ލީޑަރުންނާއި ޢަސްކަރިއްޔާއިން އެކިއެކި ޤައުމުތަކުގެ ސަރަޙައްދުތަކުގައި ހިންގި ބޮޑެތި ޖަރީމާތަކާއި، ޖަރުމަނުގެ ސަރަޙައްދުގެ ތެރޭގައި ވެސް އެކިއެކި ޤައުމުތަކުގެ ފަރުދުންނާއި ޤައުމީ ނުވަތަ ނަސްލީ ވަކިވަކި ޖަމާޢަތްތަކާ ދެކޮޅަށް ހިންގި ބައެއް ކަހަލަ ޖަރީމާތަކަށް އިންޞާފުވެރި ގޮތެއްގައި އަދަބު ދޭނޭ ގޮތުގެ މައްސަލައެވެ. މި މައްސަލައާ ގުޅޭ އެކިއެކި ސުވާލުތައް ފެންމަތި ކުރެވި ބަޙުޘް ކުރެވުނެވެ. މިސާލަކަށް، ނާޒީން ރޫސީ ވިލާތަށް އަރައި ސްޓަލިންގްރޭޑުގައި ހިންގި ޖަރީމާތަކާ ގުޅޭ ތަޙްޤީޤުތަކާއި ޝަރީޢަތްތަކުގެ ކަންކަން ޖަރުމަނާ ޙަވާލު ކޮށްފިއްޔާ، ޖަރުމަނުން އިންޞާފުވެރި ގޮތެއްގައި އެކަން ކުރާނެ ހެއްޔެވެ؟ އެކަން ރޫސީންނާ ޙަވާލު ކޮށް، ތުހުމަތު ކުރެވޭ ޖަރުމަނުގެ އެތައް ބަޔަކު ރޫސީ ވިލާތަށް ފޮނުވުމުން، ރޫސީން އެމީހުންނާ މެދު ޢަމަލު ކުރާނީ އިންޞާފުވެރިކަމާ އެކު ހެއްޔެވެ؟ ނުވަތަ ރުޅިވެރިކަމާއި ނަފްރަތާއި ތަޢައްޞުބާ އެކު، ބަދަލު ހިފުމުގެ ރޫޙެއްގައި ހެއްޔެވެ؟ މިއިން ކޮންމެ ޤައުމަކުން ޖިނާއީ އިޖުރާއާތުތައް ކުރިޔަށް ގެންދިޔަޔަސް، ތުހުމަތު ކުރެވޭ މީހުންނާއި އަނިޔާ ލިބުނު ފަރާތްތަކަށް އިންޞާފު ލިބުނު ކަމަށް އަނެއް ޤައުމަށް އިތުބާރު ކުރެވޭނެ ހެއްޔެވެ؟
މި ބާވަތުން ކުރިމަތި ވި އެތައް ސުވާލުތަކަކާ މެދު ކުރެވުނު މަޝްވަރާތަކާއި ބަޙުޘްތަކަށް ފަހު، 08 އޯގަސްޓް 1945 ގައި އިނގިރޭސީންނާއި ފަރަންސޭސީންނާއި ރޫސީންނާއި އެމެރިކާގެ މަސްއޫލުވެރީން، ލަންޑަނުގައި ބޭއްވި ކޮންފަރެންސެއްގެ ތެރޭގައި އެއްބަސްވުމެއްގައި ސޮއި ކުރިއެވެ. ކުރު ނަމުން "އެގްރީމެންޓް ފޯރ ދަ ޕްރޮސިކިޔުޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ މޭޖަރ ވޯރ ކްރިމިނަލްސް އޮފް ދަ ޔޫރަޕިއަން އެކްސިސް" ގެ ނަމުގައި ސޮއި ކުރެވުނު މި އެއްބަސްވުމުގެ ދަށުން "އިންޓަރނޭޝަނަލް މިލިޓަރީ ޓްރައިބިޔުނަލް" ގެ ނަމުގައި ބައިނަލްއަޤްވާމީ ޖިނާއީ ޓްރައިބިޔުނަލެއް ވުޖޫދަށް ގެނެވުނެވެ. އެއްބަސްވުމުގެ އެއް ބަޔަކީ މި ޓްރައިބިޔުނަލުގެ ޗާޓަރެވެ. ޓްރައިބިޔުނަލުގެ ޝަރީޢަތްތައް ހިންގުނީ ޖަރުމަނުގެ "ނިޔުރެމްބާރގް" ގައެވެ. އެހެންކަމުން، މި ޓްރައިބިޔުނަލަށް ޢާއްމު ނަމެއްގެ ގޮތުގައި "ނިޔުރެމްބާރގް ޓްރައިބިޔުނަލް" (Nuremberg Tribunal)، އަދި މި ޓްރައިބިޔުނަލުގެ ޝަރީޢަތްތަކަށް "ނިޔުރެމްބާރގް ޝަރީޢަތްތައް" (Nuremberg Trials) މި ނަން ދެވިފައި ވެއެވެ. 20 ނޮވެންބަރު 1945 ގައި ފެށުނު ޝަރީޢަތްތަކުގެ ފުރަތަމަ ބުރުގައި ޝަރީޢަތް ހިންގުނީ 24 މީހެއްގެ މައްޗަށެވެ.
"ނިޔުރެމްބާރގް ޝަރީޢަތްތަކަކީ" ބައެއް ކަހަލަ ކުށްތައް ބައިނަލްއަޤްވާމީ ޤާނޫނުގެ ނިޒާމުގެ ތެރެއިން ތަޖުރީމު ކޮށް، އެ ކުށްތަކުގެ މައްސަލަތަކުގައި ތަޙްޤީޤު ކުރުމާއި ޝަރީޢަތް ކުރުމާއި ޙުކުމް ކުރުމާއި ޙުކުމް ތަންފީޛު ކުރުމުގެ ކަންކަން ބައިނަލްއަޤްވާމީ ޖިނާއީ ޢަދުލުގެ ނިޒާމަކުން ހިންގައި، އެ ނިޒާމުގެ ދަށުން ވަކިވަކި ފަރުދުން ވެސް ބައިނަލްއަޤްވާމީ ޖިނާއީ ޤާނޫނަށް ފަރުދީ ގޮތުން ޖަވާބުދާރީ ކުރުވުމުގެ ނިޒާމާއި އުޞޫލުތަކުގެ ފެށުމެވެ. އޭގެ ކުރީގައި، ހަނގުރާމައެއްގައި ދައުލަތަކުން ހިންގާ ޖަރީމާތައް ފަދަ ޢަމަލުތަކާ ގުޅިގެން އަޅާ ކޮންމެ ފިޔަވަޅެއް ވެސް އެޅެނީ އެ ދައުލަތަކާ ދެކޮޅަށެވެ.
"ނިޔުރެމްބާރގް ޓްރައިބިޔުނަލް" ގެ ޗާޓަރާއި، ޓްރައިބިޔުނަލުގެ ނިންމުންތައް 1946 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 11 ވަނަ ދުވަހު އަލިފުދާލު ޖަމްޢިއްޔާގެ ޢާއްމު މަޖިލިހުން ފާސް ކުރި ޤަރާރު ނަންބަރު 95(I) އިން ބަލައިގަތުމާ ގުޅިގެން، އެއީ ބައިނަލްއަޤްވާމީ ޤާނޫނުގެ ބަޔަކަށް ވަނީ ވެފައެވެ. އޭގެ ފަހުން، 21 ނޮވެންބަރު 1947 ގައި ޢާއްމު މަޖިލިހުން ފާސް ކުރި ޤަރާރު ނަންބަރު 177 (II) ގެ ދަށުން، "ނިޔުރެމްބާރގް ޓްރައިބިޔުނަލް" ގެ ޗާޓަރުގައި ހިމެނޭ އުޞޫލުތައް ބައިނަލްއަޤްވާމީ ޤާނޫނުގެ އުޞޫލުތަކެއްގެ ގޮތުގައި ލިޔެ އެކަށައެޅުމުގެ މަސައްކަތް، އަލިފުދާލުގެ ދަށުން ހިނގަމުން ދިޔަ "އިންޓަރނޭޝަނަލް ލޯވ ކޮމިޝަން" އާ ޙަވާލު ކުރެވުނެވެ. ކޮމިޝަނުގެ މަސައްކަތުން އެކުލަވައިލި ވަޘީޤާގައި ބައިނަލްއަޤްވާމީ ޖިނާއީ ކުށްތަކާއި، އެ ކުށްތައް ކުރާ ވަކިވަކި ފަރުދުންނަށް ބައިނަލްއަޤްވާމީ ޖިނާއީ ޢަދުލުގެ ނިޒާމަކުން އަދަބު ދިނުމާ ބެހޭ އަސާސީ އުޞޫލުތައް ބަޔާން ކުރެވުނެވެ. އެ ވަޘީޤާ މަޝްހޫރު ވެފައި ވަނީ "ނިޔުރެމްބާރގް އުޞޫލުތައް" (Nuremberg Principles) މި ނަމުންނެވެ.
ދެން އައި އަހަރުތަކުގައި، ބައިނަލްއަޤްވާމީ ޤާނޫނުގެ އިތުރު ވަޘީޤާތަކުން (instruments of international law) ބައިނަލްއަޤްވާމީ ޖިނާއީ ކުށްތަކާ ބެހޭ އެކިއެކި އުޞޫލުތަކާއި ހަމަތައް، އަދި އެ ކުށްތަކަށް ވަކިވަކި ފަރުދުން ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ޖަވާބުދާރީ ކުރުވޭނޭ ގޮތުގެ ހަމަތަކާއި އުޞޫލުތައް ތަފްޞީލުތަކާ އެކު އިސްތިޤްރާރު ކުރެވެމުން ދިޔައެވެ. ބައެއް މިސާލުތަކަކީ "ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް 1948" އާއި، "ޖެނީވާ ކޮންވެންޝަންސް 1949" ނަން ދެވިފައި ވާ ހަތަރު މުޢާހަދާ އާއި އެ ހަތަރު މުޢާހަދާއަށް 1977 ވަނަ އަހަރު އިތުރު ކުރެވުނު ދެ ޕްރޮޓޮކޯލާއި، އިންޓަރނޭޝަނަލް ލޯވ ކޮމިޝަނުގެ "ޑްރާފްޓް ކޯޑް އޮފް އޮފެންސަސް އެގެންސްޓް ދަ ޕީސް އެންޑް ސެކިޔުރިޓީ އޮފް މޭންކައިންޑް 1954" އެވެ. މި ވަޘީޤާތަކުން ފެށިގެން، ބައިނަލްއަޤްވާމީ ޖިނާއީ ޤާނޫނު މަޑުމަޑުން ތަރައްޤީ ވަމުން އައިސް، "ރޯމް ސްޓެޓިޔުޓް އޮފް ދި އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް" އާ ހަމަޔަށް އައުދެވުނީ 1998 ވަނަ އަހަރުއެވެ. އެ މުޢާހަދާއިން ބައިނަލްއަޤްވާމީ ބައެއް ކުށްތަކާ ބެހޭ އުޞޫލުތަކާއި ހަމަތައް ތައުކީދު ކުރެވި، ބައިނަލްއަޤްވާމީ ޖިނާއީ ކޯޓު (International Criminal Court) ވުޖޫދަށް ގެނެވުނެވެ.
ދުނިޔޭގެ ތާރީޚުގައި، ބައިނަލްއަޤްވާމީ ޖިނާއީ ކޯޓެއް އުފެއްދުމުގެ ޚިޔާލު އެންމެ ފުރަތަމަ ފަހަރަށް ފައުޅު ކުރެވުނީ 1872 ވަނަ އަހަރު ކަމަށް ބެލެވެއެވެ. އެ އަހަރު، އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސްގެ ބާނީންގެ ތެރެއިން ބެއިފުޅެއް ކަމަށް ވާ ގުސްޓާފް މޮއިނިއަރ އެ ޚިޔާލު ހުށައެޅުއްވިއެވެ. ނަމަވެސް އެއީ ކުރެވިދާނޭ ކަމެއް ކަމަށް އެއިރު ޤައުމުތަކުގެ ކަމާ ބެހޭ ފަރާތްތަކަކުން ނުދެކުނެވެ. ގިނަ ބަޔަކު ދުށީ މޮއިނިއަރގެ ޚިޔާލުފުޅަކީ "ހުވަފެނީ ވާހަކަތަކެއް" ކަމުގައެވެ.
1945 ވަނަ އަހަރު ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ ނިމުމަށް ފަހު، ނިޔުރެމްބާރގް ޓްރައިބިޔުނަލާއި، އެ ޓްރައިބިޔުނަލް އުފެއްދުނުތާ ކުޑަ ދުވަސްކޮޅެއް ފަހުން، ބޮޑު ހަނގުރާމައިގައި ޖަޕާނުން ހިންގި ޖަރީމާތަކުގެ މައްސަލަ ބެލުމަށް ޓަކައި، އުފެއްދުނު ޓޯކިއޯ ވޯރ ކްރައިމްސް ޓްރައިބިޔުނަލުގެ މަސައްކަތް ފެށުނުތާ މާކަ ގިނަ ދުވަސްތަކެއް ނުވަނީސް، ބައިނަލްއަޤްވާމީ ޖިނާއީ ކޯޓެއް އުފެއްދުމުގެ ޚިޔާލު އަލިފުދާލުގެ ޢާއްމު މަޖިލިހުގެ ތެރެއިން ފެންމަތި ވިއެވެ. އެއީ 1950 ވަނަ އަހަރުއެވެ. އެފަދަ ކޯޓެއް އުފެއްދުމާ ބެހޭގޮތުން ދިރާސާތަކެއް ކުރުމުގެ މަސައްކަތް ޢާއްމު މަޖިލިހުގެ ޤަރާރަކުން "އިންޓަރނޭޝަނަލް ލޯވ ކޮމިޝަން" އާ ޙަވާލު ވެސް ކުރިއެވެ. އެ ކޮމިޝަނުގެ ދިރާސާގެ ނަތީޖާ ޢާއްމު މަޖިލިހަށް ހުށައެޅި، ބައިނަލްއަޤްވާމީ ޖިނާއީ ކޯޓެއްގެ އަސާސީ ޤަވާޢިދު ނުވަތަ "ސްޓެޓިޔުޓް" ގެ ދެލިކޮޕީއެއް ވެސް ތައްޔާރު ކުރެވުނެވެ. ނަމަވެސް އެ މަސައްކަތް މަޑު ޖައްސައިލެވުނީ "ޢުދުވާނުގެ ޖަރީމާ" އަށް ޤައުމުތަކަށް އެއްބަސް ވެވޭ ތަޢުރީފަކާ ހަމަޔަށް ވާޞިލު ވެވި، ބައިނަލްއަޤްވާމީ ޖިނާއީ ކުށްތަކުގެ ވަކި ކޯޑެއްގެ ދެލިކޮޕީ ތައްޔާރު ކުރެވިއްޖައުމަށް ދާންދެނެވެ. ނަމަވެސް މި ކަންކަން ޙާޞިލު ނުކުރެވި، ބައިނަލްއަޤްވާމީ ސިޔާސީ މަސްރަޙުގެ ތެރެއިން ކުރިމަތި ވަމުން ދިޔަ ހުރަސްތަކާއި ގޮންޖެހުންތަކާ ހުރެ މަސައްކަތް ލަސް ކުރެވެމުން ފަސް ކުރެވެމުން އައީއެވެ.
ބައިނަލްއަޤްވާމީ ޖިނާއީ ކޯޓެއް ވުޖޫދަށް ގެނައުމުގެ މަސައްކަތުގެ ފަހު މަރުޙަލާ ފެށުނީ 1989 ވަނަ އަހަރު، ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ދައުލަތުން އަލިފުދާލަށް ހުށައެޅި ހުށައެޅުމަކާ އެކުއެވެ. އެ ހުށައެޅުމަކީ، ޤައުމުތަކުގެ ސަރަޙައްދީ ރޮނގުތައް ހުރަސް ކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް މަސްތު ވާ ތަކެތި ޓްރެފިކް ކުރުމުގެ ބޮޑު ކުށަށް ބައިނަލްއަޤްވާމީ ޖިނާއީ ޢަދުލުގެ ނިޒާމަކުން އަދަބު ދެވޭނެ ގޮތް ހެދުމުގެ މަޤްޞަދުގައި ހުށައެޅި ހުށައެޅުމެކެވެ. މި ހުށައެޅުމާ މެދު އަލިފުދާލުގެ އެކިއެކި ކިޔާންތަކުގެ މަޖިލިސްތަކުގައި މަޝްވަރާ ކުރެވެމުން ދަނިކޮށް، ކުރީގެ ޔޫގޯސްލާވިއާ ބައިބައި ވެގެން އުފެދުނު ޖުމްހޫރިއްޔާތަކުގެ މެދުގައި 1991 ވަނަ އަހަރު ވަރުގަދަ ހަނގުރާމަތަކެއް ފެށި، ބަލްކަން ސަރަޙައްދުގައި ޖެނޮސައިޑާއި ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅު ޖަރީމާތަކުގެ ބިރުވެރި ސިލްސިލާއެއް ފެށުނެވެ. އެޔާއެކު، ބައިނަލްއަޤްވާމީ ޖިނާއީ ކޯޓެއްގެ މުހިއްމުކަން ބޮޑު މިންވަރު ގިނަ ބަޔަކަށް ޤަބޫލު ކުރެވި، އިންޓަރނޭޝަނަލް ލޯވ ކޮމިޝަނުން އެފަދަ ކޯޓެއްގެ އަސާސީ ޤަވާޢިދުގެ ދެލިކޮޕީ އެކުލަވައިލުމުގެ މަސައްކަތް އަވަސް ކުރިއެވެ. އެއީ އަލިފުދާލުގެ ޢާއްމު މަޖިލިހުން 1992 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 25 ވަނަ ދުވަހު ފާސް ކުރި ޤަރާރު ނަންބަރު 33/47 އިން އެ ކޮމިޝަނާ މި މަސައްކަތް ޙަވާލު ކުރުމާ އެކުއެވެ. އެ މަސައްކަތް ނިންމައި، ދެލިކޮޕީ ފާސް ކުޅައީ 1994 ވަނަ އަހަރު، ކޮމިޝަނުގެ 46 ވަނަ ސެޝަނުގައެވެ. ދެލިކޮޕީ ފާސް ކުރުމާ އެކު، ބައިނަލްއަޤްވާމީ ޖިނާއީ ކޯޓެއް އުފެއްދުމަށް ޓަކައި ދައުލަތްތަކުގެ ޚާއްޞަ ކޮންފަރެންސެއް ބޭއްވުމުގެ ރިކޮމެންޑޭޝަނެއް ވެސް ކޮމިޝަނުން ފާސް ކުރިއެވެ.
އިންޓަރނޭޝަނަލް ލޯވ ކޮމިޝަނުން ތައްޔާރު ކުރި ދެލިކޮޕީ އާއި ދިން ރިކޮމެންޑޭޝަނަށް ގިނަ ބައެއްގެ ރުހުން ލިބި، އެ ދެލިކޮޕީގެ މައްޗަށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓު ވުޖޫދަށް ގެނައުމުގެ މަސައްކަތް ކުރާނޭ "ޕްރެޕަރޭޓްރީ ކޮމިޓީ" އެއް 1995 ވަނަ އަހަރުގެ ޑިސެންބަރު މަހު އުފެއްދުނެވެ. އެއީ އަލިފުދާލުގެ ޢާއްމު މަޖިލިހުގެ ޤަރާރު ނަންބަރު 46/50 އިންނެވެ. މި ކޮމިޓީން ކުރި މަސައްކަތްތަކުގެ ނަތީޖާ އަކީ އިޓަލީ ވިލާތުގެ ވެރިރަށް ރޯމުގައި 1998 ވަނަ އަހަރުގެ ޖޫން މަހުގެ 15 އިން ފެށިގެން ބޭއްވުނު ޚާއްޞަ ކޮންފަރެންސެވެ. 161 ޤައުމަކާއި ބައިނަލްއަޤްވާމީ އެތައް ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މަންދޫބުން ބައިވެރި ވެވަޑައިގަތް މި ކޮންފަރެންސްގައި ފަސް ހަފުތާގެ މުއްދަތަށް ކުރެވުނު މަސައްކަތުގެ ނަތީޖާ އަކީ، 17 ޖުލައި 1998 ގައި "ރޯމް ސްޓެޓިޔުޓް އޮން ދި އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް" މުޢާހަދާ ފާސް ކުރެވުމެވެ. އެއީ 120 ޤައުމުގެ ވޯޓުންނެވެ. މުޢާހަދާ ފާސް ކުރުމާ ދެކޮޅަށް ވޯޓު ދިނީ 7 ޤައުމުންނެވެ. އޭގެ ތެރޭގައި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ، އިސްރާއީލް، އަދި ޗައިނާ ހިމެނެއެވެ. "ރޯމް ސްޓެޓިޔުޓް" މުޢާހަދާ ބައިނަލްއަޤްވާމީ ޤާނޫނުގެ ގޮތުގައި ހިނގާން ފަށައި، އެ ސްޓެޓިޔުޓްގެ ދަށުން އުފައްދާ ކޯޓު ވުޖޫދަށް އަންނާނޭ ކަމަށް ކަނޑައަޅައިފައި އޮތީ، 60 ޤައުމަކުން މުޢާހަދާ ތަޞްދީޤު ކުރުމުންނެވެ. މި އަމާޒާ ހަމަޔަށް ވާޞިލު ވެވި، ބައިނަލްއަޤްވާމީ ޖިނާއީ ކޯޓު (International Criminal Court) ޤާނޫނީ ގޮތުން އުފެދި އެ ކޯޓުގެ މަސައްކަތް ހިނގާން ފެށީ 1 ޖުލައި 2002 ގައެވެ.
ތިރީގައި މި ދަންނަވައިލަނީ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓު (އައިސީސީ) އާ ބެހޭ ބައެއް މުހިއްމު މަޢުލޫމާތުތައް ނުކުތާތަކެއްގެ ގޮތުގައެވެ.
1.މަތީގައި ބަޔާނުން ވެސް ކޮންމެވެސް ވަރަކަށް އެނގޭނޭ ފަދައިން، އައިސީސީ އަކީ އަލިފުދާލުގެ ޗާޓަރުގެ ދަށުން، އަލިފުދާލުގެ ނިޒާމުގެ ގުނަނެއްގެ ގޮތުގައި ޤާއިމު ކުރެވުނު މުއައްސަސާއެއް ނޫންކަމެވެ. އެއީ "އަލިފުދާލުގެ ކިޔާނެއް" (a UN body) ނޫނެވެ. އަލިފުދާލުގެ ތެރެއިން ކުރެވުނު މަސައްކަތުން ވުޖޫދަށް ގެނެވުނު މުއައްސަސާއެއް ކަމުގައި ވިޔަސް، އެ ތަން ވުޖޫދު ކުރި ޤާނޫނީ ވަޘީޤާ އަކީ ވަކި ބައިނަލްއަޤްވާމީ މުޢާހަދާއެކެވެ – އާދެ، "ރޯމް ސްޓެޓިޔުޓް އޮން ދި އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް" މުޢާހަދާއެވެ. ވީމާ އެއީ "މުޢާހަދާ ކިޔާނެއް" (treaty body) އެވެ. މި ގޮތަށް އައިސީސީ ވުޖޫދަށް ގެންނާން ޖެހުނީ، އަލިފުދާލުގެ ސަލާމަތީ މަޖިލިހުގެ ނިޒާމުގެ ތެރެއިން، އަލިފުދާލުގެ ގުނަނެއްގެ ގޮތުގައި އެ މުއައްސަސާ އުފައްދައިފިއްޔާ، އަލިފުދާލުގެ ހުރިހައި މެންބަރުން އެ ކޯޓުގެ އިޚްތިޞާޞުގެ ތެރެޔަށް ވަންނާނޭތީ، އެފަދަ ގޮތަކަށް އެ ކޯޓު އުފައްދާން ބައެއް ޤައުމުތައް ބޭނުން ނުވުމެވެ. މި ދެންނެވި ގޮތުގެ މަތީން އައިސިސީ ވުޖޫދަށް ގެނައުމަށް ފަހު، 2004 ވަނަ އަހަރު އެ ކޯޓާއި އަލިފުދާލާ ދެމެދުގައި ގުޅިގެން އެކުގައި މަސައްކަތް ކުރުމާ ބެހޭ އެއްބަސްވުމެއްގައި ވަނީ ސޮއި ކުރެވިފައެވެ.
2. އައިސީސީ އެކުލެވިގެން ވަނީ ހަތަރު ގުނަނެއްގެ މައްޗަށެވެ. އޭގެ ތެރެއިން ފުރަތަމަ ގުނަނަކީ "ކޯޓުގެ ރިޔާސަތު" (Presidency) އެވެ. ދެވަނަ ގުނަނުގައި ހިމެނެނީ ކޯޓުގައި ކުރެވޭ ޝަރީޢަތްތަކުގެ މަސައްކަތް ހިނގާ ތިން ޑިވިޜަނެވެ. އެއީ "އިބްތިދާއީ މަރުޙަލާއާ ބެހޭ ޑިވިޜަން" (Pre-Trial Division) އާއި، "ޝަރީޢަތް ކުރާ ޑިވިޜަން" (Trial Division) އާއި، "އިސްތިއުނާފު ޑިވިޜަން" (Appeals Division) އެވެ. ތިންވަނަ ގުނަނަކީ "ކޯޓުގެ ޕްރޮސިކިޔުޓަރުގެ އޮފީސް" (Office of the Prosecutor) އެވެ. ހަތަރުވަނަ ގުނަނަކީ "ރެޖިސްޓަރީ" (Registry) އެވެ.
3. އައިސިސީގައި ތިއްބަވަނީ ޖުމުލަ އަށާރަ ފަނޑިޔާރުންނެވެ. އެއީ މިނިވަންކަމާ އެކު، ވަކި ފަރާތަކަށް ނުޖެހި ޝަރީޢަތް ކުރުމުގެ ވާޖިބު ކޮނޑުގައި އެޅިގެން ވާ، ކޯޓުގެ ފުލް-ޓައިމް މުއައްޒަފުންނެވެ. ކޯޓުގެ ސްޓެޓިޔުޓްގެ ދަށުން، އެ ފަނޑިޔާރުންނަކީ ޖިނާއީ ޤާނޫނު ނުވަތަ ބައިނަލްއަޤްވާމީ ޤާނޫނުގެ، ކޯޓުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ޢިލްމާއި ތަޖުރިބާ ހުރި ފަނޑިޔާރުން ކަމުގައި ވާން ޖެހެއެވެ. ފަނޑިޔާރުން ޢައްޔަން ކުރެވޭން ޖެހެނީ ދުނިޔޭގެ މައިގަނޑު ޤާނޫނީ ނިޒާމުތަކާއި، ދުނިޔޭގެ އެކި ޖުޣްރާފީ ސަރަޙައްދުތައް ކޯޓުގެ ބެންޗުގައި ތަމްސީލު ކުރެވޭނޭ ގޮތަށެވެ. އަދި އަންހެނުންނާއި ފިރިހެނުން އިންޞާފުވެރި ގޮތެއްގައި ތަމްސީލު ކުރެވޭނޭ ފަދައިންނެވެ. ފަނޑިޔާރުން ޢައްޔަން ކުރަނީ އެއިރަކު ރޯމް ސްޓެޓިޔުޓް ތަޞްދީޤު ކޮށްފައި ވާ، މުޢާހަދާގެ މެންބަރު ދައުލަތްތަކުގެ މަޖިލިސް (Assembly of State Parties to the Rome Statute) އިންނެވެ. މި މަޖިލިހަކީ އަހަރަކު އެއްފަހަރު ޖަލްސާ ކުރާ މަޖިލިހެކެވެ.
4. އައިސީސީގެ ޢާއްމު އިދާރީ ހިންގުމާއި، ޝަރީޢަތުގެ ނިޒާމުގެ ކަންކަން އިދާރީ ގޮތުން ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތު އަދާ ކުރައްވަނީ ފަނޑިޔާރުންގެ ތެރެއިން ޢައްޔަން ކުރެވޭ ކޯޓުގެ ރައީސް، ފުރަތަމަ ނާއިބު ރައީސް، އަދި ދެވަނަ ނާއިބު ރައީސް ހިމެނިވަޑައިގަންނަވާ "ކޯޓުގެ ރިޔާސަތު" ގުނަނުންނެވެ. އެހެން ނަމަވެސް، ކޯޓުގެ ޕްރޮސިކިޔުޓަރުގެ އޮފީހުގެ ކަންކަން ހިންގެވުމުގެ މަސްއޫލިއްޔަތު އަދާ ކުރައްވާނީ ޕްރޮސިކިޔުޓަރެވެ. އެ ގުނަނަކާ ފަނޑިޔާރުން ވެސް އަދި އިދާރީ އެހެން ބަޔަކު ވެސް ނުބެހެއެވެ.
5. އައިސީސީގެ ޕްރޮސިކިޔުޓަރުގެ އޮފީސް ހިނގަމުން ދަނީ ކޯޓުގެ ނިޒާމުގައި ހިމެނޭ، އެކަމަކު މުސްތަޤިއްލުކަމާއި މިނިވަންކަމާ އެކު ހިނގާ ގުނަނެއްގެ ގޮތުގައެވެ. ކޯޓަށް ހުށައެޅޭ ބައިނަލްއަޤްވާމީ ޖިނާއީ ޢަމަލުތަކުގެ ޝަކުވާތައް (referrals) އިދާރީ ގޮތުން ބަލައިގަނެ، އެ ޝަކުވާގައި އަސާސެއް އޮތްތޯ ބަލައި، އެއީ ކޯޓުގެ އިޚްތިޞާޞުގެ ތެރެޔަށް ވަންނަ ކަމެއްތޯ ވެސް އިބްތިދާއީ ގޮތުން ބަލައި، ކޯޓުގެ އިޖުރާއާތުގެ ނިޒާމުން އެ މައްސަލަ ބެލުމުގެ މަރުޙަލާ ފަށާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަކީ ޕްރޮސިކިޔުޓަރުގެ މަސްއޫލިއްޔަތެކެވެ. ޝަކުވާއެއް ނައި ކަމުގައި ވިޔަސް، ބައިނަލްއަޤްވާމީ ޖިނާއީ ޢަމަލުތަކެއް ހިނގާކަމުގެ މަޢުލޫމާތު ލިބިއްޖެ ހިނދެއްގައި ވެސް މި ދެންނެވި ގޮތަށް ޢަމަލު ކުރުމަކީ ޕްރޮސިކިޔުޓަރުގެ ބާރެއް އަދި ޒިންމާއެކެވެ. މި ގޮތުން ޕްރޮސިކިޔުޓަރު ހިންގާ އިޖުރާއާތުތަކުގެ ތެރޭގައި އިބްތިދާއީ ތަޙްޤީޤު ހިންގުމާއި، ހައްޔަރު ކުރުމުގެ އަމުރު ނެރެދިނުމަށް ޝަރީޢަތް ކުރާ ޑިވިޜަންތަކަށް ހުށައެޅުން ފަދަ ކަންކަން ހިމެނޭނެއެވެ. ޕްރޮސިކިޔުޓަރަށް އޭނާގެ އިޚްތިޔާރުގައި ނިންމާ ނިންމުމަކުން ވެސް ތަޙްޤީޤެއް ފެށުމަށް ކަނޑައެޅިދާނެއެވެ. ނަމަވެސް އެ ކަނޑައެޅުމަށް ޢަމަލީ ސިފަ ގެނެސް ތަޙްޤީޤު ފެށޭނީ ޕްރީޓްރަޔަލް ޑިވިޜަނުގެ ފަނޑިޔާރުންގެ ޕެނަލަކަށް ހުށައަޅައި އެ ހުއްދަ ލިބުމުންނެވެ. އޕްރޮސިކިޔުޓަރު ޢައްޔަން ކުރަނީ، މުޢާހަދާގެ މެންބަރު ދައުލަތްތަކުގެ މަޖިލިހުގެ އަހަރީ ޖަލްސާގައި، ސިއްރު ވޯޓަކުންނެވެ. އޭނާގެ ދަށުން ޑެޕިޔުޓީ ޕްރޮސިކިޔުޓަރުން ވެސް އެއިރަކު ކަނޑައެޅިފައި ވާ ޢަދަދަކަށް މަސައްކަތް ކުރެއެވެ.
6. އައިސީސީގެ ރެޖިސްޓަރީގެ މަސްއޫލިއްޔަތަކީ ކޯޓުގެ ޤަޟާއީ މަސައްކަތްތައް ފިޔަވައި އެހެން ހުރިހައި ކަންކަން އިންތިޒާމު ކޮށް ހިންގުމާއި، ފަނޑިޔާރުންނާއި ޝަރުޢީ މަސައްކަތްތަކަށް ބޭނުން ވާ އިދާރީ ސަޕޯޓު ދިނުމެވެ. އެހެން ގޮތަކަށް ދަންނަވަންޏާ، މިއީ ކޯޓުގެ ޢާއްމު އިދާރީ ނިޒާމެވެ. ޕްރޮސިކިޔުޓަރުގެ އޮފީސް ފިޔަވައި ކޯޓުގެ އެހެން ޑިވިޜަންތަކުގެ އިދާރީ ހުރިހައި ކަމެއް ބަލަހައްޓާނީ މި ގުނަނުންނެވެ.
7. އައިސީސީއަށް މައްސަލައެއް ހުށައެޅޭނީ ތިން ގޮތަކުންނެވެ. -- ފުރަތަމަ ގޮތަކީ، އައިސީސީގެ މުޢާހަދާގެ މެންބަރު ދައުލަތަކުން ކޯޓުގެ ޕްރޮސިކިޔުޓަރަށް މައްސަލައެއްގެ ޝަކުވާ ހުށައެޅުމުން، ޕްރޮސިކިޔުޓަރު އެ މައްސަލައަކާއިގެން ކުރިޔަށް ދާން ނިންމުމެވެ. މީގެ އެއް މިސާލަކީ، އެފްރިކާގައި ޙަރަކާތްތެރި ވާ ކްރިސްޓިއަން ޓެރަރިސްޓް ޖަމާޢަތެއް ކަމަށް ވާ "ލޯރޑްސް ރެޒިސްޓެންސް އާރމީ" ގެ މެންބަރުން ހިންގާ ޖަރީމާތަކުގެ މައްސަލަ ޔުގާންޑާއިން އައިސީސީއަށް ހުށައެޅިހުށައެޅުމެވެ. -- ދެވަނަ ގޮތަކީ، އަލިފުދާލުގެ ސަލާމަތީ މަޖިލިހުން، ކޯޓުގެ ޕްރޮސިކިޔުޓަރަށް މައްސަލައެއްގެ ޝަކުވާ ހުށައެޅުމުން، ޕްރޮސިކިޔުޓަރު އެ މައްސަލައަކާއިގެން ކުރިޔަށް ދާން ނިންމުމެވެ. މީގެ މިސާލަކީ، ސޫދާނުގެ ދާރްފޫރުގައި ބައިނަލްއަޤްވާމީ ޖަރީމާތަކެއް ހިނގަމުން ދިޔަ މައްސަލަ ސަލާމަތީ މަޖިލިހުގެ ނިންމުމަކުން 2005 ވަނަ އަހަރު އައިސީސީއަށް ހުށައެޅި ހުށައެޅުމެވެ. -- ތިންވަނަ ގޮތަކީ، ޕްރޮސިކިޔުޓަރަށް ލިބޭ މަޢުލޫމާތަކާ ގުޅިގެން އޭނާގެ މިނިވަން އަދި އަމިއްލަ ނިންމުމަކުން، މައްސަލައެއް ފެށުމަށް ކަނޑައެޅުމެވެ. ބައިނަލްއަޤްވާމީ ޖަރީމާއެއް ހިނގާ ކަމުގެ މަޢުލޫމާތު އެނގޭ ހެއްކަކަށް، ނުވަތަ އެފަދަ ޢަމަލެއްގެ އަނިޔާ ލިބިފައި ވާ މަޒުލޫމަކަށް ކޯޓުގެ ޕްރޮސިކިޔުޓަރަށް މަޢުލޫމާތު ދީގެން މައްސަލައެއް ފެށުމަށް އެދެވިދާނެއެވެ. މިއިން ކޮންމެ ގޮތަކުން މައްސަލައެއް ފެށުމަށް ޕްރޮސިކިޔުޓަރު ކަނޑައެޅިޔަސް، އެ މައްސަލައަކާއިގެން ކުރިޔަށް ދެވޭނީ އޭނާ އެކަމަށް އެދި ކޯޓުގެ ޕްރީ-ޓްރަޔަލް ޑިވިޜަނަށް ހުށައަޅައި، އެ ޑިވިޜަނުގެ ފަނޑިޔާރުންގެ ޕެނަލަކުން އިބްތިދާއީ އަޑުއެހުމެއްގައި އެކަމަށް ހުއްދަ ދިނުމުންނެވެ.
8. "އިބްތިދާއީ މަރުޙަލާއާ ބެހޭ ޑިވިޜަން" ގެ ދައުރަކީ އައިސީސީން ފަށާ ތަޙްޤީޤަކާ ގުޅިގެން، ނުވަތަ މައްސަލައެއް ކޯޓުގެ އިޚްތިޞާޞުގެ ތެރެޔަށް ވަދޭތޯ މި ސުވާލާ ގުޅިގެން، ޕްރޮސިކިޔުޓަރު ނިންމާ ނިންމުންތަކުގެ ޞައްޙަކަން ކަނޑައެޅުމާއި ދެންވެސް އިބްތިދާއީ މަރުޙަލާގައި ކުރާ ބައެއް ކަންކަމެވެ. ޕްރޮސިކިޔުޓަރުގެ އަމުރަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމުގެ އަމުރުތައް (Arrest Warrants) ނެރުމާއި، ކޯޓަށް ޙާޟިރު ވުމުގެ އަމުރުތައް (Summons to Appear before the Court) ނެރުމާއި، ޝަރީޢަތުގެ މަރުޙަލާގެ ތެރޭގައި މުއްތަހަމުންގެ ޙައްޤުތައް ރައްކައުތެރި ކުރުމުގެ އަމުރުތައް ނެރުމާއި، ހެކީންނާއި މަޒުލޫމުންގެ ރައްކައުތެރިކަމަށް ޓަކައި ނެރޭން ޖެހޭ އަމުރުތައް ނެރުމާއި، ހެކި ރައްކައުތެރި ކުރުމަށް ޓަކައި ނެރޭން ޖެހޭ އަމުރުތަކާއި ކަނޑައަޅާން ޖެހޭ ކަންކަން ކަނޑައެޅުން، މިއީ މި ޑިވިޜަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ މައިގަނޑު ކަންކަމެވެ. ކޯޓުގައި އެއްވެސް މައްސަލައެއްގެ ޝަރީޢަތް ފެށޭނީ، އުފުލިފައި ވާ ދަޢުވާތަކާއި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ޝަރީޢަތް ކުރުމާ މެދު މި ޑިވިޜަނުން ގޮތެއް ކަނޑައަޅައި، ޝަރީޢަތް ކުރިޔަށް ގެންދިޔުމަށް ނިންމުމުންނެވެ.
9. "ޝަރީޢަތް ކުރާ ޑިވިޜަން" އަކީ އައިސީސީން ހިންގާ ހުރިހައި ޝަރީޢަތްތަކެއް ފުރަތަމަ މަރުޙަލާގައި ހިންގާ ޑިވިޜަނެވެ. ދަޢުވާ ލިބޭ ފަރާތް ކުށްވެރި ވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅޭނީ، އަދި އޭނާގެ މައްޗަށް އަދަބު ކަނޑައެޅޭނީ މި ޑިވިޜަނުން ހިންގާ ޝަރީޢަތުގެ ޙުކުމުންނެވެ.
10. އައިސީސީގެ ޝަރީޢަތަކުން ކުށްވެރި ވާ މީހެއްގެ މައްޗަށް ދެވޭނީ ދެ ބާވަތެއްގެ އަދަބެކެވެ. އޭގެ ތެރެއިން އެއް ބާވަތަކީ ޖަލުޙުކުމެވެ. އަނެއް އަދަބަކީ މާލީ އަދަބުތަކެވެ. ޖަލުޙުކުމެއް އިއްވޭނީ ގިނަ ވެގެން 30 އަހަރު ދުވަހުގެ މުއްދަތަށް، ނުވަތަ ޢުމުރު ދުވަހުގެ ޖަލުޙުކުމެއްގެ ގޮތުގައެވެ. މާލީ އަދަބެއް ކަނޑައެޅުމަކީ، ކުށްވެރި ވާ މީހާގެ އަތުން ފައިސާގެ މިންވަރެއް ނެގުމެވެ. މި އަދަބު ދެނީ އޭނާ ކުރި ކުށުން އަނިޔާ ލިބުނު ފަރާތަށް ގެއްލުމުގެ ބަދަލު (compensation) ދިނުމަށް ޓަކައި، ނުވަތަ އަނިޔާ ލިބުނު ފަރާތުގެ އަތުން އަތުލެވިފައިވާ އެއްޗެއް އަނބުރައި ލިބިދިނުމަށް (restitution) ޓަކައި، ނުވަތަ އަނިޔާ ލިބުނު ފަރާތަށް ފަރުވާ ދިނުމަށް ކުރާ މަސައްކަތްތަކާއި ހިންގާ ނިޒާމުތަކަށް (rehabilitation) ހިނގާ ޚަރަދުގެ ގޮތުގައެވެ.
11. އައިސީސީގެ "އިސްތިއުނާފު ޑިވިޜަން" އަކީ، ކޯޓުގެ ޝަރީޢަތުގައި ދަޢުވާ ލިބޭ މީހެއްގެ މައްޗަށް އިއްވޭ ޙުކުމާ މެދު އޭނާ ހިތްހަމަނުޖެހުމުން، އެ ޙުކުމް އިސްތިއުނާފު ކުރުމަށް ޓަކައި އޮންނަ ޑިވިޜަނެވެ. ކޮށްފައި އޮތް ޙުކުމެއް ނުވަތަ ދީފައި އޮންނަ އަދަބެއް ބަދަލު ކުރުމަށް، ނުވަތަ އިޞްލާޙު ކުރުމަށް، ނުވަތަ ފުރަތަމަ މައްސަލަ ބެލި ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުންގެ ޕެނަލަކުން އާ ޝަރީޢަތެއް ކުރުމަށް މި ޑިވިޜަނަށް ނިންމިދާނެއެވެ.
12. އައިސީސީ އަކީ ބައިނަލްއަޤްވާމީ ޤާނޫނުގެ ނިޒާމުގައި، ބައިނަލްއަޤްވާމީ ޖިނާއީ ޢަމަލުތަކަށް ވަކިވަކި ފަރުދުން ފަރުދީ ގޮތުން ޒިންމާދާރު ކޮށް ޖަވާބުދާރީ ކުރުވުމުގެ މަޤްޞަދުގައި ޤާއިމު ކުރެވިފައި ވާ ކޯޓަކަށް ވާތީ، އެ ކޯޓަށް ބެލޭނީ ފަރުދުންގެ މައްސަލަތަކެވެ. ދައުލަތެއް ނުވަތަ ޖަމާޢަތެއްގެ މައްޗަކަށް ކޯޓުގެ އިޚްތިޞާޞެއް ނުހިނގައެވެ. ކޯޓުގެ އިޚްތިޞާޞްގެ ތެރެޔަށް ކުށެއްގެ ތުހުމަތު ކުރެވިފައި ވާ މީހަކު ވަންނަނީ، އެ މީހާ ނިސްބަތް ވާ ޤައުމަކީ ރޯމް ސްޓެޓިޔުޓްގެ މެންބަރު ދައުލަތަކަށް ވާ ޙާލަތުގައެވެ. ނުވަތަ، އެ މީހަކު ކުރި ކަމަށް ތުހުމަތު ކުރެވޭ ކުށުގެ ޢަމަލުތައް ހިންގައިފައި ވަނީ މެންބަރު ދައުލަތެއްގެ ސަރަޙައްދުގައި ކަމުގައި ވާ ޙާލަތުގައެވެ. މިސާލެއްގެ ގޮތުން، ފަލަސްޠީނުގެ ބިމުގައި އުފައްދައިފައި ވާ ޣައިރުޤާނޫނީ ދައުލަތް އިސްރާއީލަކީ އައިސީސީގެ މުޢާހަދާގައި ސޮއި ކޮށްފައި ވާ، އެ މުޢާހަދާގެ މެންބަރު ދައުލަތެއް ނޫނެވެ. ނަމަވެސް ފަލަސްޠީނަކީ އައިސީސީ މުޢާހަދާގެ މެންބަރެކެވެ. ވީމާ، އައިސީސީން މި ހިނގާ ނޮވެންބަރު މަހުގެ 22 ވަނަ ދުވަހު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ސަރުކާރުގެ ކުރީގެ ބޮޑުވަޒީރު ޔޮއާވް ގަލާންޓުގެ މައްޗަށް ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައި ވަނީ، އިސްރާއީލު އައިސީސީގެ މެންބަރަކަށް ނުވާތީ އެ ގޮތުން ނަތަންޔާހޫ އާއި ގަލާންޓުގެ މައްޗަށް ކޯޓުގެ އިޚްތިޞާޞް ނުހިނގި ކަމުގައި ވިޔަސް، އެ ދެމީހުންގެ ބެލުމުގެ ދަށުން އެ ސަރަޙައްދެއްގައި ބައިނަލްއަޤްވާމީ ޖިނާއީ ޢަމަލުތަކެއް ފާއިތު ވި އެއް އަހަރުގެ ތެރޭގައި ހިންގިފައި ވާ ސަރަޙައްދަކީ އައިސީސީގެ މެންބަރެއްގެ ސަރަޙައްދު ކަމަށް ވާތީއެވެ.
13. ރޯމް ސްޓެޓިޔުޓްގެ މެންބަރު ދައުލަތްތަކުގެ މަޖިލިސް (Assembly of State Parties to the Rome Statute) މަދު ވެގެން އަހަރަކު އެއްފަހަރު ބައްދަލު ވެއެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އޮންނަނީ އައިސީސީގެ އިދާރީ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރުމާއި، ކޯޓުގެ އަހަރީ ބަޖެޓު ފާސް ކުރުމެވެ. ކޯޓުގެ ޚަރަދުތައް ބަލަހައްޓަނީ މެންބަރު ދައުލަތްތަކުން ޗަންދާގެ ގޮތުގައި ބަޖެޓަށް ދޭ ފައިސާ އާއި، ދައުލަތްތަކުން އަމިއްލަ އިޚްތިޔާރުގައި ޑޮނޭޝަނުގެ ގޮތުގައި ދޭ ފައިސާ އާއި، ބައިނަލްއަޤްވާމީ ޖިނާއީ ޢަމަލުތަކުގެ ޝިކާރައަށް ވާ މީހުންނަށް އިންޞާފު ހޯދައިދިނުމަށް ޓަކައި އުފެއްދޭ ޚާއްޞަ ފަންޑުތަކުން ކޯޓަށް ދޭ ޑޮނޭޝަން ފައިސާއިންނެވެ.
މުހިއްމު ސުވާލެކެވެ! ބައިނަލްއަޤްވާމީ ޖިނާއީ ކޯޓެއް ހަދައި، ބައިނަލްއަޤްވާމީ ޖިނާއީ ޢަމަލުތައް ހިންގާ ފަރުދުންނަށް އެ ކޯޓުގެ ނިޒާމުން އަދަބު ދެވޭނޭ ނިޒާމެއް އޮތުމުން، އެ ބާވަތުގެ ކުށްތަކަށް ޤައުމުތަކުގެ އެތެރޭގެ ޖިނާއީ ޢަދުލުގެ ނިޒާމުން (domestic legal systems of states) އަދަބު ނުދެވޭނީ ހެއްޔެވެ؟
ޖަވާބަކީ ނޫނެކޭއެވެ! ބައިނަލްއަޤްވާމީ ޖިނާއީ ކޯޓު ނުވަތަ އައިސީސީގެ އަސާސީ އުޞޫލުތަކުގެ ތެރެއިން އެއް އުޞޫލަކީ މަބްދައުއް ތަކާމުލް (Principle of Complementarity) އެވެ. ރޯމް ސްޓެޓިޔުޓުގެ މުޤައްދިމާ (Preamble) އާއި އެއްވަނަ މާއްދާގައި މި އުޞޫލު ބަޔާން ކުރެވި އިސްތިޤްރާރު ކުރެވިފައި ވެއެވެ. މި އުޞޫލުގެ މާނައަކީ، އައިސީސީ އަކީ ދައުލަތްތަކުގެ އެތެރޭގެ ޖިނާއީ ޢަދުލުގެ ނިޒާމުތަކާ އެކު ހިނގާ ނިޒާމަކަށް ވުމެވެ. ބައިނަލްއަޤްވާމީ ޖިނާއީ ޢަމަލުތަކަށް، ކަމާބެހޭ ދައުލަތްތަކުގެ ދާޚިލީ ނިޒާމުން އަދަބު ނުދެވިއްޖެ ހިނދެއްގައި، އުނިކަން ފޫ ބައްދައި އެ މަސްއޫލިއްޔަތު ބޮލަރުވާ ކޯޓަކަށް އައިސީސީ ވުމެވެ. ވީމާ، ބައިނަލްއަޤްވާމީ ޖިނާއީ ޢަމަލުތަކަށް އަދަބު ދިނުމުގެ އަސާސީ ވާޖިބު (primary obligation / first responsibility) އަދިވެސް އޮންނަނީ، އެ ޢަމަލުތަކަކަށް އިޚްތިޞާޞް ލިބޭ ދައުލަތްތަކުގެ ބޮލުގައެވެ. އިޚްތިޞާޞް ލިބިގެން ވާ ދައުލަތްތަކުން އެ ވާޖިބު އަދާ ނުކުރުމުން، ނުވަތަ އެ ދައުލަތްތަކަށް އެ ވާޖިބު އަދާ ނުކުރެވޭކަން، ނުވަތަ ނުކުރެވޭނެކަން ކަށަވަރު ވުމުން މެނުވީ އައިސީސީގެ ދައުރެއް ނުފެށޭނެއެވެ. މި ސަބަބަށް ޓަކައި، އައިސީސީ އަކީ ބައިނަލްއަޤްވާމީ ޖިނާއީ ޢަމަލުތަކަށް އަދަބު ދިނުމުގެ "އެންމެ ފަހު ކޯޓު" (court of last resort) ގެ ގޮތުގައި ސިފަ ކުރެވެއެވެ.
މަބްދައުއް ތަކާމުލްގެ އުޞޫލު ޢަމަލީ ގޮތުން ހިނގާނޭ ގޮތުގެ އަސާސީ ހަމަތައް އެކަށައަޅައިފައި ވަނީ ރޯމް ސްޓެޓިޔުޓުގެ 17 ވަނަ މާއްދާގައެވެ. އެ މާއްދާ ބުނާ ގޮތުން:
1. ބައިނަލްއަޤްވާމީ ޖިނާއީ ޢަމަލެއް ބެލުމުގެ އިޚްތިޞާޞް އޮތް ދައުލަތަކުން އެ މައްސަލައިގެ ތަޙްޤީޤެއް ފަށައިފައި އޮއްވައި، ނުވަތަ މައްސަލަ ޝަރީޢަތަށް ހުށައަޅައިފައި އޮއްވައި، ތަޙްޤީޤު ނުވަތަ ޝަރީޢަތް އިޚްލާޞްތެރިކަމާ އެކު ކުރިޔަށް ގެންގޮސް ފުރިހަމަ ކުރުމުގެ އިރާދާ (will) ނުވަތަ ޤާބިލިއްޔަތު (capability) އެ ދައުލަތުގައި ނެތްކަމަށް ޤަބޫލު ކުރެވޭ ޙާލަތުގައި މެނުވީ އައިސީސީއަކަށް އެ މައްސަލައެއް ނުބެލޭނެއެވެ.
2. ބައިނަލްއަޤްވާމީ ޖިނާއީ ޢަމަލެއް ބެލުމުގެ އިޚްތިޞާޞް އޮތް ދައުލަތަކުން މައްސަލައިގެ ތަޙްޤީޤު ނިންމުމަށް ފަހު، ތުހުމަތު ކުރެވުނު މީހާގެ މައްޗަށް ދަޢުވާ ނުކުރުމަށް ނިންމައިފިއްޔާ، އެ ނިންމުމަކީ އިޚްލާޞްތެރި ގޮތެއްގައި މައްސަލައިގެ ޝަރީޢަތް ހިންގައި އިންޞާފު ޤާއިމު ކުރުމުގެ އިރާދާ ނުވަތަ ޤާބިލިއްޔަތު އެ ދައުލަތުގައި ނެތުމުގެ ނަތީޖާއެއްގެ ގޮތުން ނިންމި ނިންމުމެއް ކަމުގައި ނުވާހައި ހިނދަކު، އައިސީސީއަކަށް އެ މައްސަލައެއް ނުބެލޭނެއެވެ.
3. ޢާއްމު އުޞޫލެއްގެ ގޮތުން، ތުހުމަތު ކުރެވޭ މީހާ ހިންގި ކަމަށް ބުނެވޭ ޢަމަލުން ވުޖޫދު ވާ ކުށެއްގެ ދަޢުވާ ކޯޓެއްގައި އޭނާގެ މައްޗަށް އުފުލައި ޝަރީޢަތް ހިންގައިފައި ވާ ޙާލަތުގައި، ދެން އެ ޢަމަލުން ވުޖޫދު ވާ އެއްވެސް ކުށެއްގެ ދަޢުވާ އޭނާގެ މައްޗަކަށް އައިސީސީގައެއް ނުއުފުލޭނެއެވެ. ނަމަވެސް މިހެން ކަން ވާނީ، ދައުލީ ކޯޓެއްގައި އޭނާގެ މައްޗަށް ހިންގި ޝަރީޢަތަކީ، އައިސީސީގެ ނިޒާމުން އޭނާގެ މައްޗަށް ބައިނަލްއަޤްވާމީ ޖިނާއީ ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ މަޤްޞަދުގައި، އައިސީސީގެ އިޚްތިޞާޞުން އޭނާ ދަފަޢަ ކޮށްދިނުމުގެ ގޮތުން ހިންގި ޝަރީޢަތެއް ކަމަށް ނުވާ ޙާލަތުގައެވެ. ނުވަތަ އޭނާގެ މައްޗަށް ކުރީން ހިންގި ޝަރީޢަތަކީ މިނިވަންކަމާ އެކު ވަކި ފަރާތަކަށް ނުޖެހި ހިންގައިފައި ވާ ޢަދުލުވެރި ޝަރީޢަތަކަށް ނުވާ ޙާލަތުގައެވެ.
ދެން ބަލައިލާނީ، ބައިނަލްއަޤްވާމީ ކުށްތަކޭ ނުވަތަ ބައިނަލްއަޤްވާމީ ޖަރީމާތަކޭ ބުނެވޭ ކުށްތަކަކީ ކޮބައިތޯއެވެ.
ވިހިވަނަ ޤަރުނާ ހަމަޔަށް – ވިހިވަނަ ޤަރުނަކީ 1901 ވަނަ އަހަރުން ފެށުނު ޤަރުނެވެ – އައި އިރު، ބައިނަލްއަޤްވާމީ ޖިނާއީ ޤާނޫނޭ ބުނެވޭ ކަހަލަ ޤާނޫނީ އެއްވެސް ވަޘީޤާތަކެއް ވުޖޫދު ވެފައެއް ނުވެއެވެ. އެއިރު، ބައިނަލްއަޤްވާމީ ޢުރުފީ ޤާނޫނުތަކާއި ބައެއް ބައެއް މުޢާހަދާތަކުގައި އެކަށައެޅިފައި ހުރި ހަމަތަކުގެ ދަށުން، ބައިނަލްއަޤްވާމީ ޖިނާއީ ޢަމަލެކޭ ބުނެވޭނެ އޮތީ ދެ ކަމެކެވެ. އެއް ކަމަކީ ބައިނަލްއަޤްވާމީ ކަނޑުތަކުގައި ކަނޑުފޭރުމުގެ ޢަމަލު (piracy jure gentium) ހިންގުމާއި، އަޅުން ގަނެވިއްކުމެވެ. ނަމަވެސް މި ކުށްތައް ކުރާ މީހުންގެ މައްސަލަތައް ވެސް ތަޙްޤީޤު ކުރުމާއި ޝަރީޢަތް ކުރުމާއި އަދަބު ދިނުމުގެ ހުރިހައި ކަމެއް ދޫ ކޮށްލެވިފައި އޮތީ ޤައުމުތަކުގެ ދާޚިލީ ޤާނޫނީ ނިޒާމުތަކަށެވެ. މި ދެ ކަންތައް ފިޔަވައި، ބައިނަލްއަޤްވާމީ ޖިނާއީ ޢަމަލުތަކުގެ ގޮތުގައި މިހާރު ބަލައިގަނެވޭ ކުށްތަކުގެ ޢަމަލުތައް، ދުނިޔޭގެ ބޮޑު ދެ ހަނގުރާމަޔާ ހަމަޔަށް އައި އިރު ވެސް ތަޖުރީމު ކުރެވިފައި އޮންނަނީ ޤައުމުތަކުގެ ދާޚިލީ ޤާނޫނުތަކުގައެވެ. އެއީ ވެސް ބައެއް ޤައުމުތަކުގައެވެ. ބައެއް ޤާނޫނީ ނިޒާމުތަކުގައެވެ.
މަތީގައި ދެންނެވިފައި ވާ ފަދައިން، ފުރަތަމަ ބޮޑު ހަނގުރާމަޔަށް ފަހު ވެވުނު ޞުލްޙައިގެ މުޢާހަދާތަކުގެ ތެރެއިންނާއި، ފުރަތަމަ ބޮޑު ހަނގުރާމަޔަށް ފަހު 1920 ވަނަ އަހަރު ވުޖޫދަށް ގެނެވުނު ބައިނަލްއަޤްވާމީ ޖަމްޢިއްޔާ "ލީގް އޮފް ނޭޝަންސް" ގެ ނިޒާމުގެ ތެރެއިން، ބައެއް ބައެއް ކުށްތަކަކީ ބައިނަލްއަޤްވާމީ ކުށްތަކެއް ކަމަށް ކަނޑައަޅައި، އެ ކުށްތައް ކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ޖިނާއީ ޤާނޫނުތަކަކާއި ނިޒާމެއްގެ ތެރެއިން އަދަބު ދިނުމަށް ކުރެވުނު މަސައްކަތް ވެސް ކާމިޔާބެއް ނުވިއެވެ.
ބައިނަލްއަޤްވާމީ ޖިނާއީ ކުށްތައް އެކަށައެޅި، އެ ކުށްތަކުގެ އުންސުރުތައް ބަޔާން ކުރެވި، އެ ކުށްތަކަށް ތަޢުރީފުތައް ދެވި، އެ ކުށްތަކާ ބެހޭ ތަފްޞީލީ އުޞޫލުތައް ބައިނަލްއަޤްވާމީ ޖިނާއީ ޤާނޫނުގެ ވަޘީޤާތަކުގައި އެކަށައެޅުމާއި ތަދުވީނު ކުރުމުގެ މަސައްކަތް ހިނގައިގަތީ ދެވަނަ ބޮޑު ހަނގުރާމަ ނިމުމަށް ފަހުގައެވެ. މަތީގައި ދެންނެވުނު ފަދައިން، އެކަމަށް ޓަކައި ފުރަތަމަ އެޅުނު ފިޔަވަޅަކީ "ނިޔުރެމްބާރގް ޓްރައިބިޔުނަލް" ގެ ޗާޓަރުގައި، އެ ޓްރައިބިޔުނަލުން ބަލާނޭ ކުށްތަކެއް ކަނޑައެޅި ކަނޑައެޅުމެވެ. އެގޮތުން، މައިގަނޑު ތިން ބާވަތެއްގެ ކުށްތައް ތަޖުރީމު ކުރެވުނެވެ. އެއީ ބައިނަލްއަޤްވާމީ "ޞުލްޙަޔާ ދެކޮޅު ކުށްތައް" (crimes against peace) އާއި، "ހަނގުރާމައިގެ ޖަރީމާތައް" (war crimes) އާއި، "އިންސާނިއްޔަތާ ދެކޮޅު ޖަރީމާތައް" (crimes against humanity) އެވެ. މި ތިން ބާވަތުގެ އިތުރުން، ނިޔުރެމްބާރގް ޓްރައިބިޔުނަލުގެ ޗާޓަރުގެ ދަށުން ތަޖުރީމު ކުރެވިފައި ވާ އަނެއް ކުށަކީ މި ތިން ގިންތީގެ ދަށަށް ވަންނަ ކުށެއް ކުރުމަށް މުއާމަރާ (conspiracy) ކުރުމެވެ.
ނިޔުރެމްބާރގް ޗާޓަރަށް ފަހު އެކަށައެޅިގެން ދިޔަ ބައިނަލްއަޤްވާމީ ޤާނޫނީ ވަޘީޤާތަކުން، ބައިނަލްއަޤްވާމީ ކުށްތަކާ ބެހޭ ހަމަތަކާއި އުޞޫލުތައް ތަފްޞީލުތަކާ އެކު އިސްތިޤްރާރު ކުރެވެމުން ދިޔަ ވާހަކަ މަތީގައި ވާނީ ދެންނެވިފައެވެ. އެގޮތުގެ މަތީން އެކަށައެޅުނު އެކިއެކި ވަޘީޤާތަކުގެ – ޖެނޮސައިޑް ކޮންވެންޝަން 1948 އާއި، ޖެނީވާ ކޮންވެންޝަންސް 1949 އާއި، ރޯމް ސްޓެޓިޔުޓް 1998 ފަދަ – ދަށުން، ބައިނަލްއަޤްވާމީ ޖިނާއީ ކުށުގެ މައިގަނޑު ހަތަރު ބާވަތެއް ފާހަގަ ކުރެވެއެވެ. އެއީ ނަސްލެއް ނެއްތައިލުމަށް އަމާޒު ކޮށް އެ ނަސްލަކާ ދެކޮޅަށް ހިންގާ ޖަރީމާތައް (crime of genocide) އާއި، ހަނގުރާމައިގެ ޖަރީމާތައް (war crimes) އާއި، އިންސާނިއްޔަތާ ދެކޮޅު ޖަރީމާތައް (crimes against humanity) އާއި، ޢުދުވާނުގެ ޖަރީމާ (crime of aggression) މިއެވެ. މި ކުށްތަކަށް ވަކިވަކީން ބަލައިލަމާ ހިންގަވާށެވެ!
"
ކޮލަމް
ކޮލަމް
ކޮލަމް
ކޮލަމް