ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބު އަންނަ ޖެނުއަރީ މަހުގެ 31ގައި ބާއްވާން ނިންމައި، އެކަން އިއުލާންކޮށްފިއެވެ.

އެފްއޭއެމް އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުން މިއަދު ނިންމާފައި ވަނީ މިއަދުން ފެށިގެން 45 ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް ކަމަށެވެ. އެހެންކަމުން އިންތިހާބު އޮންނާނީ އަންނަ ޖެނުއަރީ 31 ގައެވެ.

އެ އެސޯސިއޭޝަނުގެ ހިންގާ ގަވާއިދުގައިވާ ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.. އެގޮތުން ޑިސެމްބަރު 27 ވަނަ ދުވަހުގެ 13:00 ގެ ކުރިން ލިޔެކިޔުން ހުށަހެޅުމަށް އެފްއޭއެމުން ވަނީ އެދިފައެވެ.

ރާއްޖޭގެ ފުޓުބޯޅަ އިދާރާ އެފްއޭއެމް، ފައިސާގެ މައްސަލަތަކެއްގެ ތެރޭގައި ތާށިވެ، އެ އިދާރާގެ ވެރިންގެ މައްޗަށް ދަނީ ޖިނާއީ ތަހުގީގެއްވެސް ހިންގަމުންނެވެ. ދާދިފަހުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވިދާޅުވީ އެފްއޭއެމްގެ ވެރިންގެ މައްޗަށް މަނީ ލޯންޑަރިން ފަދަ މައްސަލަތަކަށް ތުހުމަތުކޮށް، ތަހުގީގު ހިންގަމުން އަންނަ ކަމަށާއި، ހެކި ލިބުނުހާ އަވަހަކަށް ދައުވާކުރަން ފޮނުވާނެ ކަމަށެވެ. އެ މައްސަލައިގެ ޕްރައިމް ސަސްޕެކްޓަރީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކަމަށްވެސް ޕީޖީން ވަނީ ބުނެފައެވެ.

އެފްއޭއެމްގެ ތެރޭގައި ތިބި ކްލަބުތަކުގެ އިސް ފަރާތްތައްވެސް ދާދިފަހުން މަގާމުތައް ދޫކޮށްލާފައިވާ އިރު، އެ އިދާރާގެ މިހާރު އޮތް އެކްސްކޯއަށް އިތުބާރު ގެއްލިދާނެ ކަމަށް އޮތީ ބެލެވިފައެވެ.