ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޓިކެޓުގައި ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފިއެވެ.
ޖޭޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓްގައި ކުރިމަތިލުމުގެ ފުރުސަތު، ކަމުގެ ގާބިލުކަން ހުރި އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުގެ ޝަރުތު ފުރިހަމަވާ އެ ޕާޓީގެ މެންބަރުންނަށް ހުޅުވާލާފައިވާ ކަމަށެވެ.
އެކަމަށް ޝައުގުވެރިވާ މީހުން މި މަހުގެ 26 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން އެކަމަށް ހާއްސަ ކޮށްފައިވާ ފޯމް ފުރުމަށްފަހު، އެ ފޯމާއެކު އެ ފަރާތްތަކުގެ ވަނަވަރާއި ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ އާއެކު މ.ކުނޫޒަށް ސިޓީއަކުން ނުވަތަ އީމެއިލްގެ ޒަރީއާއިން ހުށަހެޅުމަށް އެދޭ ކަމަށްވެސް ބުނެފައިވެއެވެ.
ޖޭޕީން ބުނީ، މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ މައުލޫމާތު ސައްހަކަމާއި ގާބިލުކަން ބެލުމަށްފަހު، އެ ފަރާތްތަކުގެ ކެނޑިޑެންސީ ކަށަވަރު ވާނީ ޕާޓިގެ ކައުންސިލުން ނުވަތަ އެކަމަށްޓަކާ ކައުންސިލުން ކަނޑައަޅާ ކޮމިޓީއަކުން ވަޒަންކޮށް ބެލުމަށްފަހުގައި ކަމަށެވެ.
ޖޭޕީގެ އިސް ތަރުޖަމާނު އަލީ ސޯލިހު މިއަދު "ވަން" އަށް ވިދާޅުވީ، މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ޖޭޕީގެ ޓިކެޓަށް ކުރިމަތިލާ މީހުންނަށް ޓިކެޓް ދިނުމާމެދު ގޮތެއް ނިންމާނީ ކޮމިޓީން ކަމަށާއި ޕްރައިމަރީއެއް ބާއްވަން ޖެހިއްޖެ ނަމަ އެކަމާގުޅެ ގޮތުން ގޮތް ނިންމާނީވެސް ކަމާބެހޭ ކޮމިޓީން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު