އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ކްރިސްޓަލް ޕެލެސް ކުޅުނު މެޗު އެއްވަރުވެގެން ނިމުނު އިރު، ޗެލްސީން ޝެފީލްޑް ޔުނައިޓެޑް ކައިރިން މުހިއްމު މޮޅެއް ހޯދައިފިއެވެ.
ސިޓީން ރޭ އަމިއްލަ ދަނޑުގައި ޕެލެސް ކައިރިން 2-2 ގެ ނަތީޖާއަކުން އެއްވަރުވި އިރު، ޗެލްސީން ރޭ އަމިއްލަ ދަނޑުގައި ޝެފީލްޑް ޔުނައިޓެޑް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.
ރޭގެ ނަތީޖާއިން ލިބުނު ޕޮއިންޓާއެކު ސިޓީ އޮތީ ހަތަރު ވަނައިގައެވެ. އެއީ 17 މެޗުން 34 ޕޮއިންޓާއެކުގައެވެ. އާލިން ހާލަންޑް ނުލައި ރޭގެ މެޗުވެސް ކުޅުނު ސިޓީއަށް މިއީ އުނދަގޫ ދުވަސްތަކެކެވެ. އެންމެފަހުން ލީގުގައި ކުޅުނު ހަ މެޗުން އެޓީމަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ. ދަށް ފޯމެއްގައި އޮވެ، ލީގުގެ މި ހަފުތާ ސިޓީން ނިންމާލި އިރު، ދެން އެޓީމުން ފުރާނީ ސައުދީ އަރަބިއާ އަށެވެ. އެއީ ކްލަބު ވޯލްޑް ކަޕްގެ މެޗުތަކަށެވެ.
ރޭގެ މެޗުގެ ފުރަތަމަ ދެ ގޯލުވެސް ފެނުނީ ސިޓީގެ ފަރާތުންނެވެ. ފުރަތަމަ ހާފުގައި ޖެކް ގްރީލިޝް ޖެހި ގޯލުން ސިޓީން ލީޑު ނެގި އިރު، ދެވަނަ ހާފަށް ނުކުތް ގޮތަށް، ރިކޯ ލެވިސް ޖެހި ގޯލުން ސިޓީ ލީޑު ފުޅާވެސް ކުރިއެވެ.
ދެ ގޯލުގެ ލީޑަކާއެކު ސިޓީއަށް މޮޅު ޔަގީންވި ކަމަށް ބެލެވުނު ނަމަވެސް، މެޗު ނިމެން 14 މިނެޓަށްވެފައި ވަނިކޮށް، ޖެއާން-ފިލިޕް މަޓޭޓާ ވަނީ ޕެލެސްއަށް ގޯލު ޖަހައިދީ، އުންމީދެއް ހޯދައިދީފައެވެ. ފަހު ވަގުތު ފޯރިގަދަކޮށް ދިޔަ އިރު، ފިލް ފޮޑެން މަޓޭޓާއަށް ކުރި ފައުލަކަށް، ފަހު މިނެޓުގައި ރެފްރީ ޕެނަލްޓީއެއް ދިނެވެ. އެ ޕެނަލްޓީ ވައްދާލައި ޕެލެސްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މިޝޭލް އޮލީސޭއެވެ.
ޗެލްސީން ރޭ ޝެފީލްޑް ކައިރިން މޮޅުވީ ދެވަނަ ހާފުގައި ޖެހި ދެ ގޯލާއެކުގައެވެ. ފުރަތަމަ ގޯލު، 54 ވަނަ މިނެޓުގައި ކޯލް ޕާމާ ޖެހި އިރު، އޭނާގެ ޕާހަކުން ދެވަނަ ގޯލު ޖެހީ ނިކޮލަސް ޖެކްސަންއެވެ. ރޭ ޗެލްސީގެ ސްކޮޑުގައި ކްރިސްޓޮފާ އެންކުންކޫ ހިމަނާފައިވާ އިރު، އޭނާ ބަދަލެއްގެ ގޮތުގައި ފެނިފައެއް ނުވެއެވެ. އެންކުންކޫ ސްކޮޑަށް ނެގީ ސީޒަން ފެށުމުގެ ކުރިން ލިބުނު އަނިޔާގެ ފަހުން އަލަށެވެ.
ރޭގެ މެޗުން މޮޅުވެ، ޗެލްސީ އޮތީ 10 ވަނައިގައެވެ. އެއީ 17 މެޗުން 22 ޕޮއިންޓާއެކުގައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު