ގާނޫނީ ސަރުކާރަކަށް ލޮޅުން އަރުވާލަން އަދި ވަކިން ހާއްސަކޮށް ތިމާމެންގެ އާރާބާރު ދައްކާލަން ބޭނުންވީމާ ރައްޔިތުންނަށާއި ރާއްޖެއަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަމަށް ނިންމުމަކީ ދިވެހި ދައުލަތަށާއި ދިވެހިންނަށް ކަނޑައެޅިގެން ޣައްދާރުވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ހުރަވީ ދުވަހުގެ ގައުމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް އެހެން ވިދާޅުވި އިރު، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރުންގެ ވޯޓުން އެކަނި ރައީސްއާއި ނައިބު ރައީސް އަޒުލު ކުރެވޭ ގޮތް ހެދުމުގެ މަސައްކަތް އެ ޕާޓީން ވަނީ ފަށައިފައެވެ.

ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ބައެއްގެ އާރާއި ބާރު ދައްކާލަން ބޭނުންވުމުން ގައުމަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަމަށް ނިންމުމަކީ ޣައްދާރުވުން ކަމަށެވެ. ގައުމަށް ދެރަ ލިބޭނެހެން ކަންކަން ރާވައި ހިންގައި، ގައުމަށް ޣައްދާރުވާ މީހުންނަކީ ފިނޑި ނިކަމެތި ބައެއް ކަމަށްވެސް ވިދާޅުވިއެވެ.

"ގާނޫނީ ސަރުކާރަކަށް ލޮޅުން އަރުވާލަން، އަދި ވަކިން ހާއްސަކޮށް ތިމާމެންގެ އާރާބާރު ދައްކާލާން ބޭނުންވީމާ ރައްޔިތުންނަށާއި މި ލޮބުވެތި ދިވެހިރާއްޖެއަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަމަށް ނިންމުމަކީ ދިވެހި ދައުލަތަށާއި މި ލޮބުވެތި ދިވެހި އާއިލާއަށް ކަނޑައެޅިގެން ޣައްދާރުވުން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދިވެހި ގައުމަކީ އެކަކު އަނެކަކުގެ މައްޗަށް ކުލުނާ އަގަލު ހުންނަ، ދުވަސްވީ މީހުންނަށް ކަމޭ ހިތާ، ތިމާއަށްވުރެ އިސް މީހާއަށް ގަދަރުކުރާ ގައުމަކަށް ހެދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އެކަންކަން ކުރިއަށް ގެންދެވޭނީ ދިވެހި ގައުމިއްޔަތު އިޔާދަކުރެވިގެން ކަމަށާއި މި ސަރުކާރުން ބޭނުންވަނީ ގާނޫނު ނަގަހައްޓަން ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.