މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި މިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް އެ އިންތިހާބުގައި މަސައްކަތް ކުރި އެމްޑީޕީ މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް އެ ޕާޓީގެ ޓިކެޓު ނުދޭނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީއަށް ހުޅުވާލުމާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލުތަކަކަށް ޖަވާބު ދެއްވަމުން، އެ ޕާޓީގެ ޗެއާޕާސަން އިދާރީ އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވީ، އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ތިބި ބައެއް ބޭފުޅުން ޕާޓީގެ ލީޑާޝިޕަށް އެނގުމަކާ ނުލައި އެހެން ޕާޓިތަކާ އެކު މަސައްކަތް ކޮށްފައިވާ ކަމަށެެވެ. އެހެންކަމުން އެއީ މަޖިލިސް ޓިކެޓް ލިބުމަށް ހަމަވާންޖެހޭ ޝަރުތެއް އުނިވުން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓާ ދެކޮޅަށް ކެމްޕެއިން ކުރައްވާފައި ތިބި ބޭފުޅުން، އެ ބޭފުޅުން ޕްރައިމަރީގައި ވާދަކުރުމަށް ޝަރުތު އުނިވާނެ،" އިބްރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކާ ދެކޮޅަށް އެއްވެސް މެންބަރަކަށް އަމަލެއް ނުކުރެވޭނެއެވެ. އެފަދަ މެންބަރުން ޕާޓީން ވަކިކުރުމުގެ ޖާގަ، އަސާސީ ގަވައިދުން ލިބިދޭ ކަމަށްވެސް ވިދާޅުވިއެވެ.