ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗްގައި ރޭ ބެލްޖިއަމްގެ ރޯޔަލް އަންޓްވާޕް އަތުން ބާސެލޯނާ ބަލިވެއްޖެއެވެ.
ބާސާއިން ރޭ ރަށުން ބޭރުގައި އަންޓްވާޕް އަތުން ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. އެއީ އަންޓްވާޕުން ޗެމްޕިއަންސް ލީގުގައި ހޯދި ފުރަތަމަ މޮޅެވެ. އެންޓްވާޕް މިފަހަރުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވީ ބެލްޖިއަމް ޗެމްޕިއަނުން ގޮތުގައެވެ. އެޓީމުން މިދިޔަ އަހަރު ލީގު ތަށި ހޯދީ 1957 ވަނަ އަހަރަށްފަހު ކުރި ދިގު އިންތިޒާރަށް ނިމުން ގެނެސްފައެވެ.
ރޭގެ މެޗަށް ނުކުތްއިރުވެސް ބާސާއަށް ގްރޫޕްގެ އެއްވަނަ ޔަގީންވެފައި އޮތުމާއެކު ކޯޗު ޒަވީ ވަނީ ބައެއް މުހިއްމު ކުޅުންތެރިންނަށް ރެސްޓް ދީފައެވެ. އެގޮތުން އިލްކޭ ގުންޑޮގަންއާއި ޕެޑްރީ، ޖައޯ ކާންސެލޯ އަދި ޖާއޯ ފެލިކްސް ހިމެނެއެވެ.
އަންޓްވާޕުން ރޭގެ މެޗު ފެށީ ރަނގަޅަށެވެ. އަރުތޫރް ވާމީރެން ޖެހި ގޯލުން އެޓީމު ލީޑު ނަގާފައިވާ އިރު، ފުރަތަމަ ހާފު ނިމުނީ އެއްވަރުވެގެންނެވެ. ބާސާއިން 35 ވަނަ މިނެޓުގައި އެއްވަރުކުރި އިރު، އެ ގޯލު ޖެހީ ފެރާން ޓޮރޭސްއެވެ.
ދެވަނަ ހާފުވެސް އަންޓްވާޕުން ރަނގަޅަށް ފެށި އިރު، ވިންސެންޓް ޖެންސެންގެ ގޯލުން ދެވަނަ ފަހަރަށް ލީޑު ނަގައި، ކުޅުން ރަނގަޅުކުރިއެވެ. އަންޓްވާޕުން މޮޅެއް ހޯދަން ކުރި މަސައްކަތަށް މެޗުގައި ދެވަނަ ފަހަރަކަށްވެސް ހިޔަނި އެޅުނެވެ. އެއީ މާކް ގޫއީ މެޗު ނިމެން ދަނިކޮށް ބާސާއަށް އެއްވަރުކޮށްދިނުމުންނެވެ. \
އެގޯލާއެކު ބާސާއިން އެއްވަރުކުރި ނަމަވެސް، ޖޯޖު އިލެނެހޭނާ ޖެހި ގޯލުން އަންޓްވާޕް ވަނީ ތިން ޕޮއިންޓް ހޯދައިފައެވެ.
ބާސާ ގްރޫޕްގެ އެއްވަނަ ހޯދީ ހަ މެޗުން 12 ޕޮއިންޓާއެކުގައެވެ. ޕޯޓޯއަށް ހަ މެޗުން 12 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު ވަނީ ދެވަނައިގައި ގަދަ 16 ޔަގީންކޮށްފައެވެ. އެ ގްރޫޕުން ޔޫރޮޕާ އަށް ދިޔައީ ހަ މެޗުން ނުވަ ޕޮއިންޓާއެކު ތިންވަނަ ހޯދި ޝަކްތާ ޑޮނެސްކެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު