ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ އަދި އެ އޮފީހުގެ ތަރުޖަމާނު ޝަފީއު އަހުމަދަށް، ތުހުމަތުވާ އެއް ޖިންސުން ގުޅުން ހިންގި ކަމުގެ މައްސަލަ ބަލަން ފަށައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން "ވަން" އަށް މިއަދު ބުނީ ޕީޖީ އޮފީހުގެ ވަކީލެއް އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކޮށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތު ވަނީ ފުލުހުންގެ ސަމާލުކަމަށް އައިސްފައި ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށެވެ.

ޝަފީއު، އެހެން ފިރިހެނަކާއެކު ނަގާފައިވާ ވީޑިއޯތަކެއް ސޯޝަލް މީޑީއާއަށް ލީކްކޮށް ވަނީ އޭނާ އެ އެއްޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތުކޮށްފައެވެ. މީގެ ކުރިން ވެސް ޝަފީއުގެ އެފަދަ ފޯސްޓެއް އެކްސްގައި ވަނީ ލީކްކޮށްފައެވެ. އެ ފަހަރު ޝަފީއު ވިދާޅުވެފައިވަނީ ފޮޓޯއިން ފެންނަނީ އޭނާ ނޫން ކަމަށާއި އޭނާގެ ފަސްބައި ސާފުވާނެ ކަމަށެވެ.

ޝަފީއުއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ދައުލަތް ތަމްސީލުކުރައްވާ ވަކީލެވެ. އޭނާ ވަނީ މާރާމާރީ އަދި މަރުގެ މައްސަލަތަކެއްގައި ވެސް ދައުލަތް ތަމްސީލުކުރައްވައިފައެވެ.