ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސް، ކޭ-ޕާކް ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި މައްސަލައިގައި ތުހުމަތުވާ އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ 100 އަށްވުރެ ގިނަ ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ މަންޑޭގެ މައްޗަށް ކޮށްފައިވަނީ ޓެކުމުގެ 50 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާ، އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އަދި މަނީ ލޯންޑްރިންގެ އެއް ދައުވާ ކަމަށެވެ.
މަންޑޭގެ މައްޗަށް މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާތައް ކޮށްފައިވަނީ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ 95 ޕަސަންޓު ހިއްސާދާރު، ޖިން ޝިހޫގެ ހުއްދަ ނެތި، އޭނާގެ ނަމުގައި ސައްހަނޫން ސޮއި ކޮށްފައިވާ ލިޔުންތަކެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ހުށަހަޅާފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޓެކުމާއި، ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާތައް މަންޑޭގެ މައްޗަށް ކޮށްފައިވަނީ ކޭ-ޕާކް ރެޒިޑެންސްގެ ނަމުގައި ހުޅުމާލޭގައި 110 އެޕާޓްމަންޓް ހިމެނޭ ރެޒިޑެންޝަލް ކޮމްޕްލެކްސްއެއް އިމާރާތްކުރުމަށް ފަށައި، އެ ޕްރޮޖެކެޓް ހިންގާކަން އާންމުކޮށް އިއުލާނުކޮށް، އާންމުންނަށް މި އެޕާޓްމަންޓްތައް ވިއްކި އިރު، އެއް އެޕާޓްމަންޓެއް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކައި، އެމީހުންގެ އަތުން ފައިސާ ޓަކައިގަނެފައިވާތީ ކަމަށް ޕީޖީން ބުންޏެވެ.
އަދި އޮޅުވާލުމުގެ ދަޢުވާކޮށްފައިވަނީ އެއް އެޕާޓްމަންޓެއް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކި އިރު، އެކަން އެޕާޓްމަންޓް ގަތް މީހުންނަށް އޮޅުވާލާފައިވާތީ ކަމަށެވެ.
މަނީ ލޯންޑްރިން އާއި މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ މަންޑޭގެ މައްޗަށް ކުރީ ކޭ-ޕާކް ރެޒިޑެންސްއިން އެޕާޓްމަންޓް ގަތުމަށް ބޭނުންވާ ފަރާތްތަކާއި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ސޮއިކުރާ އެއްބަސްވުންތަކުގައި އެ އެއްބަސްވުންތަކުގެ ދަށުން ފައިސާ ދައްކާނީ ނަގުދު ފައިސާއިން ނުވަތަ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބީއެމްއެލްގައި ހުޅުވި ބޭންކް އެކައުންޓަށްކަމަށް ބަޔާންކޮށް، ކޭ-ޕާކް ރެޒިޑެންސްގެ އެއް އެޕާޓްމަންޓް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކައި، އެ މީހުންގެ އަތުން އެޕާޓްމަންޓަށާއި، ކާރު-ޕާކިންއަށް ކަމަށް ބުނެ ގިނަ އަދަދެއްގެ ފައިސާ އަތުލައި، ކޭ-ޕާކް ރެޒިޑެންސްއިން އެޕާޓްމަންޓް ވިއްކާކަމަށް ބުނެ އެކި މީހުންނާއެކު އެއްބަސްވިގޮތަށް އެކަން ކޮށްނުދީ، ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް އެކި ފަރާތްތަކުން އެޕާޓްމަންޓް ގަތުމަށް ފޮނުވާފައިވާ ފައިސާއާއި، ގޮތް ނޭނގޭ އެކި ގޮތްގޮތަށާއި، ނަގުދު ފައިސާ ޑިޕޮސިޓް ކޮށްގެން އެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއާ އެއްކޮށްގެން އެ އެކައުންޓް މަންޑޭ ބޭނުންކުރަމުން އައިސް، އެ އެކައުންޓްގައިވާ ފައިސާއިން ހުޅުމާލޭގައި އެފް.ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ތަރައްގީކޮށްފައިވާ އެފް.ޑަބްލިއު ރެޒިޑެންސްގެ އެޕާޓްމަންޓެއް ގަނެފައިވުމުން ކަމަށް ޕީޖީން ބުންޏެވެ.
އެ ދައުވާތައް ސާބިތުވެއްޖެނަމަ މަންޑޭގެ މައްޗަށް 40 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އަންނާނެ ކަމަށް ޕީޖީން ބުންޏެވެ.
ޕީޖީ އޮފީހުން މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައިވަނ ވަކިވަކި މީހުންގެ މައްސަލަތަކުގައި މަންޑޭގެ މައްޗަށް 225 ދައުވާއެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ކޭ ޕާކުގެ މައްސަލައިގައި ވަނީ ރ. އަލިފުށީ ކިނާރާ ޖައިޝާން ސައީދުގެ މައްޗަށް 95 ދައުވާއެއް ކުރަން ފޮނުވާފައި ކަމަށް ޕީޖީން ބުންޏެވެ. އެ ދައުވާތަކަކީ ޓެކުމުގެ 20 ދައުވާ އާއި ޓެކުމުގައި ބައިވެރިވުމުގެ 27 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 47 ދައުވާގެ އިތުރުން މަނީ ލޯންޑާ ކުރަން އެހީތެރިވުމުގެ ދައުވާއެއް ކަމަށް ޕީޖީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު