އެފްއޭއެމްއާއި އާބަންކޯގެ އިތުރުން މާލޭ ސިޓީ ކައުންސިލާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ހާއްސަ އޮޑިޓެއް ހަަދަން ރައްޔިތުންގެ މަޖިލީހުން އޮޑީޓް އޮފީހަށް ހުށަހަޅަން، މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.

އޮޑިޓް އޮފީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެ ފަރާތްތަކުގެ ހާއްސަ އޮޑިޓެއްް ހެދުމަށް ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ)އެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެެއިން މުހައްމަދު ދިދީ އެވެ.

އެފްއޭއެމްގެ އޮޑިޓެއް ހަދަން ހުށަހަޅާފައި މިވަނީ، އެ އެސޯސިއޭޝަންގެ ވެރިން އެ ތަނުގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުތަކެއް ކުރެވިފައިވާ ދަނޑިވަޅެއްގައެވެ. އެ ތުހުމަތުތަކާ ގުޅިެގެން އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓައިފައެވެ.

ގާނޫނާ ހިލާފަށް ވިލިމާލޭގެ ބިންތަކެއް އަމިއްލަ ފަރާތްތަކަށް ދީފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލަށްވެސް ވަނީ ތުހުމަތުތަކެއް ކޮށްފައެވެ.