އިޓަލީ ލެޖެންޑް ޖޯޖިއޯ ކިއެލީނީ، ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާ، އެކަން އިއުލާނުކޮށްފިއެވެ.

އުމުރުން 39 އަހަރުގެ ކިއެލީނީ ކުޅުން ހުއްޓާލިކަން އިއުލާނުކޮށް ޕޯސްޓް ކުރި މެޗުގައި ބުނެފައި ވަނީ 23 އަހަރު ދުވަހުގެ ކެރިއަރަކީ އެންމެ އުފާވެރި، އަދި އެންމެ އިންޓެންސް ދަތުރު ކަމަށެވެ. އޭގެ އިތުރުން އޭނާ ބުނީ މިއީ ކެރިއަރުގައި ތަފާތު ތަޖުރިބާއެއް ކުރަން ޖެހޭ ވަގުތު ކަމަށާއި، އެ ތަޖުރިބާއަށް ތައްޔާރު ކަމަށެވެ.

އިޓަލީ ދުށް އެންމެ މޮޅު އެއް ޑިފެންޑަރު ކިއެލީނީ 2000 ވަނަ އަހަރު ކެރިއަރު ފެށީ ލިވޯނޯއިންނެވެ. އެފަހުން ޓުރިންގައި މޮޅަށް ކުޅެ ވިދާލި އިރު، އޭނާއަށް އެންމެ ބޮޑެތި ކާމިޔާބީތައް ލިބުނީ ޔުވެންޓަަސް ޖާޒީގައެވެ. ޔުވެންޓަސްއާއެކު ކިއެލީނީ ވަނީ ޖެހިޖެހިގެން ނުވަ ފަހަރަށް ލީގު ތަށި ހޯދައި، އިޓަލީގެ ކަޕް ފަސް ފަހަރު ހޯދައިފައެވެ.

ކިއެލީނީ މިދިޔަ އަހަރު ގައުމީ ޓީމުން ރިޓަޔާކޮށްފައިވާ އިރު، އޭނާ ވަނީ ގައުމީ ޓީމަށްވެސް 117 މެޗު ކުޅެދީފައެވެ. ހާއްސަކޮށް ޔޫރޯ 2020 އިޓަލީއަށް ކާމިޔާބުކޮށްދިނުމުގައި ކިއެލީނީގެ ދައުރު ބޮޑެވެ. އޭނާއަކީ އެ ޓީމުގެ ކެޕްޓަނެވެ.