އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕެއް ހެދުމަށް ތާއީދު ނުކުރާ ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.
ދާދި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން ވަނީ، އަހަރަކު ދެ ފަހަރު އާސަންދައިން ހުރިހާ ދިވެހިންގެ މެޑިކަލް ޗެކަޕް ހެދޭ ގޮތަށް ހަމަޖެއްސުމަށް ނިންމަވައިފައެވެ. އެކަމާ ގުޅޭގޮތުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީ ބައްދަލުވުމުގައި މެންބަރުން ވަނީ އާސަންދައިގެ ވެރިންނަށް ސުވާލުތައް ކުރިމަތިކުރުވައިފައެވެ.
އެސްއޯއީ ކޮމިޓީ ބައްދަލުވުމުގައި އެ ކޮމިޓީގެ ނައިބު މުގައްރިރު މުހައްމަދު ހުސެއިން ދީދީ ވަނީ، އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދުމަކީ އެހެން ގައުމުތަކުގައި ކުރާ ކަމެއްތޯ އާއި، އިންޝުއަރެންސް ސްކީމުތަކުގައި ވެސް އަހަރަކު އެއް ފަހަރު ހަދަން ޖެހޭ ގޮތަށް އޮންނަ އިރު، އަހަރަކު ދެ އަހަރު ހެދުން އެއީ ބޭނުން ކަމެއްތޯ ސުވާލު ކުރައްވައިފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވީ އެކަމުގައި އާސަންދައިން ބޭނުންވާ ގޮތް މިހާރު ހިއްސާކޮށްފައިވާނެ ކަމަށާއި އެކަމުގައި މުޅިން ނިމިގެންދާނެ ގޮތް އަދި ނޭނގޭ ކަމަށެވެ.
"އަޅުގަނޑަކަށް ވެސް ގަބޫލެއް ނުކުރެވޭ އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕެއްގެ ގޮތުގައި ޗެކަޕެއް ހަދަން ޖެހޭ ކަމަކަށް. އަޅުގަނޑުމެން މީގެ ކުރިން ތަންކޮޅެއް ކުރިންވެސް މެޑިކަލް ޗެކަޕް އިންޓްރޮޑިއުސް ކުރަން ވެގެން ޕެކޭޖުތަކެއް ހެދިން. އޭގައި ވެސް އަހަރަކު އެއްފަހަރު ނޫނީ ދެ އަހަރުން އެއް އަހަރު ހެދޭ ކަހަލަ ބައެއް ޓެސްޓުތައް ލާފައި ޗެކަޕްތައް ލާފައި ހުންނާނީ. އަޅުގަނޑުމެން މިހާރު އެ އެއްޗެހި ޝެއާކޮށްފައިވާނެ އެމްއެފްޑީއޭއާ. އެއަށް ބޭސްކޮށްފައި މަސައްކަތްކުރަމުން މިދަނީ،" އޭނާ ވިދާޅުވިއެވެ.
ޒީނިޔާ ވިދާޅުވީ މެޑިކަލް ޗެކަޕް އަހަރަކު ދެ ފަހަރު ކުރެވޭ ގޮތަށް އޮތް ނަމަވެސް، ވިސްނުމަކީ ސްކްރީނިންއެއްގެ ގޮތުގައި ފުރަތަމަ އެކަން ގެންގޮސް، މައްސަލައެއް އުޅޭ ކަމަށްވަންޏާ ފުލް މެޑިކަލް ޗެކަޕަކަށް ދާ ކަހަލަ ގޮތަކަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު