ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މީހަކު މަރުވެއްޖެއެވެ.

މަރުވެފައިވަނީ ސުވިޒަލޭންޑުގެ ރައްޔިތެއް ކަމަށްވާ ޕީޓާ ތޯމަސް ޑަސް (59އ)އެވެ. އޭނާ މަރުވެފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

"ޕީޓާ ކުއްލިއަކަށް ހޭނެތިގެން ގޮޅީގެ ތެރެއަށް ވެއްޓުމުން، އޭނާ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ވަނީ ސީޕީއާރް ދީފައެވެ. އަދި މާފުށި މެޑިކަލް ސެންޓަރަށް ގެންގޮސް ބެލުމަށްފަހު ވެސް ނޭވާ ނުލުމުން، ޑޮކްޓަރުން ވަނީ 16:01 ގައި އޭނާ ހިތް ހުއްޓިގެން ނިޔާވި ކަމަށް ކަނޑައަޅާފައެވެ.،" މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ބުންޏެވެ.

ކަރެކްޝަންސް އިން ބުނީ ޕީޓާ ނިޔާވުމުން، އެކަން ވަނީ އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް، ފުލުހުން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް އަންގާފައި ކަމަށެވެ.