އޭއެފްސީ ކަޕްގެ ގުރޫޕް ޑީގެ ފަހު މެޗުގައި ރޭ ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް ބަލިކޮށް، އިންޑިއާގެ އޮޑީޝާއިން ތާރީހީ ކާމިޔާބީއެއް ހޯދައިފިއެވެ.
ރޭ އިންޑިއާގެ ބުބަނޭޝްވަރާގައި ކުޅުނު މެޗުގައި އޮޑީޝާއިން ބަޝުންދަރާ ބަލިކުރީ 1-0ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު އޮޑީޝާއިން އިންޓަ ޒޯނަލް ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ އިރު، މިއީ އެޓީމުން އޭއެފްސީ ކަޕްގައި ވާދަކުރި ފުރަތަމަ ފަހަރުވެސް މެއެވެ.
އޮޑިޝާ މުބާރާތުގެ އިންޓަ ޒޯނަލް ސެމީ ފައިނަލަށް ދަތުރުކުރީ 12 ޕޮއިންޓާ އެކު ގުރޫޕް ޑީގެ އެއްވަނަ ހޯދައިގެނެވެ. ބަޝުންދަރާ ގުރޫޕް ނިންމާލީ 10 ޕޮއިންޓާއެކުއެވެ. އިންޑިއާގެ މޯހަން ބަގާން ހަތް ޕޮއިންޓާއެކު ތިން ވަނައިގައި މުބާރާތް ނިންމާލިއިރު، ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއަށް ލިބުނީ ހަ ޕޮއިންޓެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، އޮއިވަރު ބަދަލުވީ ފުރަތަމަ ހާފު ނިމެން ގާތްވެފައިވަނިކޮށް ބަޝުންދަރާގެ އުޒްބެކިސްތާން މިޑްފީލްޑަރު އަސޯރް ގަފުރޯފްއަށް ރަތް ކާޑު ދެއްކުމުންނެވެ.
އެ ރަތް ކާޑާއެކު ދެވަނަ ހާފުގެ ފެށުން އޮޑީޝާ ކޮޅަށް ބުރަވި އިރު، މެޗުގެ 61 ވަނަ މިނިޓުގައި އޮޑީޝާ ލީޑު ނެގިއެވެ. އެ ގޯލު ކާމިޔާބުކޮށްދިނީ ސެނެގާލްގެ ޑިފެންޑަރު މުރުތަޑާ ފޯލްއެވެ. ކޯނަރަކުން ބަޝުންދަރާގެ ޕެނަލްޓީ އޭރިޔާ ތެރެއަށް އޮޑީޝާގެ މިޑްފީލްޑަރު އަހްމަދު ޖަހޫހް ހުރަސްކޮށްލި ބޯޅަ ފޯލް ގޯލަށް އަމާޒުކޮށްލީ ބޮޮލުންނެވެ.
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް