ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާއަށް އެ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވާދަކުރައްވަން ނިންމާފައިވާކަން އިއުލާންކުރައްވައިފިއެވެ.

އަބްދުއްރަހީމް މިހާރު ހުންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގައެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ ސީނިއާ މިނިސްޓަރުންގެ ފެންވަރުގައެވެ.

އޭނާ މިއަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފޮނަދޫ ދާއިރާއަށް ވާދަކުރަން ނިންމާފައިވާތީ އެ ދާއިރާގެ ރައްޔިތުންގެ ތާއީދަށް އެދޭ ކަމަށެވެ.

"2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ލ. ފޮނަދޫ ދާއިރާއަށް ވާދަކުރުމަށް އަޅުގަނޑު ނިންމައިފީމެވެ. ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ތާއީދު އަޅުގަނޑަށް ދެއްވުމަށް ނުހަނު އިހުލާސްތެރިކަމާއެކު އެދެމެވެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވަނީ ފޮނަދޫ ދާއިރާގެ މެމްބަރުކަން ދެ ދައުރު އަދާކުރައްވައިފައެވެ. ތިންވަނަ ދައުރަކަށް އޭނާ އެ ދާއިރާއަށް ވާދަކުރެއްވި ނަމަވެސް އިންތިހާބުވެފައި ނުވެއެވެ. މީގެ އިތުރުން އަބްދުއްރަހީމްއަކީ ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގެ ޗެއާޕާސަންއެވެ.

ފޮނަދޫ ދާއިރާގެ މެމްބަރުކަމުގައި މިހާރު ހުންނެވީ މޫސާ ސިރާޖެވެ. ސިރާޖަކީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުގެ މަގާމު ވެސް ފުރުއްވަމުންދާ މެމްބަރެވެ. އޭނާ އިތުރު ދައުރަކަށް ވާދަކުރައްވާނެކަން އަދި އިއުލާންކޮށްފައެއް ނުވެއެވެ.