ޔޫރަޕްގެ ބޮޑެތި ލީގުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ހައިރާން ކުރަމުންދާ ޖިރޯނާއިން ރޭ ލަލީގާގައި ކުޅުނު މެޗުގައި ވަރުގަދަ ބާސެލޯނާ ބަލިކޮށްފިއެވެ.

ބާސާގެ އަމިއްލަ ދަނޑުގައި ޖިރޯނާއިން ރޭ އެޓީމު ބަލިކުރީ 4-2 ގެ ނަތީޖާއަކުންނެވެ. އެއީ ލީގު މެޗެއްގައި ޖިރޯނާއިން ބާސާ ބަލިކުރި ފުރަތަމަ ފަހަރެވެ. ރޭގެ މެޗުގެ ކުރިން ބާސާ ކައިރިން ޖިރޯނާއަށް ހަމައެކަނި މޮޅުވެވިފައިވަނީ 2019 ވަނަ އަހަރު ކޮޕަ ޑެލް ރޭގައެވެ.

ކަޓަލޫނިއާގެ ދެޓީމުގެ މެދުގައި ރޭ ކުޅުނު މެޗު ފޯރިގަދަވާނެ ކަމަށް މާ ކުރިންވެސް އޮތީ ބެލެވިފައެވެ. އެއީ އެ ދެޓީމަކީ ލަލީގާގެ ދެވަނަ އަދި ތިން ވަނައިގައި އޮތް ދެ ޓީމު ކަމަށްވާތީއެވެ. މި ހަފުތާގައި ރެއާލްއިން ކުޅުނު މެޗު އެއްވަރުވެފައި އޮތުމުން، ރޭގެ މެޗަށް ނުކުތްއިރުވެސް ޖިރޯނާއަށް މޮޅަކާއެކު އެއްވަނައަށް ޖެހިލެވެން އޮތެވެ.

އެ ފުރުސަތުގެ ބޭނުން ހިފައި، ޖިރޯނާ އެއްވަނައިގައި އޮތީ 16 މެޗުން 41 ޕޮއިންޓާއެކުގައެވެ. ރެއާލްއަށް 16 މެޗުން 39 ޕޮއިންޓް ލިބިފައިވާ އިރު، ބާސާއިން ވަނީ ހަތަރުވަނައަށް ވެއްޓިފައެވެ. އެއީ 16 މެޗުން 34 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށްވެސް 34 ޕޮއިންޓް ލިބިފައިވާ އިރު، އެ ދެޓީމުގެ ފަރަގަކީ މެޗުގެ އަދަދެވެ.

ރޭގެ މެޗުގައި މޮޅަށް ކުޅެ، ބުރަކޮށް މަސައްކަތް ކުރި ޖިރޯނާއަށް ގޯލުތައް ޖަހައިދިނީ އާތެމް ޑޮވްބީކާއި މިގޭލް ގުޓިއަރޭޒް އަދި ވަލޭރީ ފެނާންޑޭޒްއެވެ.

ފުރަތަމަ ހާފުގައި ރޮބާޓް ލެވަންޑޯސްކީ މެޗުގެ ކުރީކޮޅުގައި ގޯލެއް ޖެހިލި ނަމަވެސް، ޓީމަށް ބޮޑު ހިތްވަރަކަށް ނުވިއެވެ. ބާސާގެ ދެވަނަ ގޯލު ޖެހީ އިލްކޭ ގުންޑޮގަންއެވެ.