އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމްއިން ނިއުކާސަލް ކައިރިން ބޮޑު މޮޅެއް ހޯދައިފިއެވެ.

ޓޮޓެންހަމްގެ ދަނޑުގައި ރޭ އެޓީމުން ނިއުކާސަލް ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަށް ނުކުތް އިރު، އެންމެފަހުން ލީގުގައި ކުޅުނު ފަސް މެޗުންވެސް ޓޮޓެންހަމްއަށް މޮޅެއް ނުހޯދި އޮތް އިރު، އެޓީމު ވަނީ އޭގެ ތެރެއިން ހަތަރު މެޗުން ބަލިވެފައެވެ. އެހެންކަމުން ރޭގެ މެޗު އެޓީމަށް އޮތީ ވަރަށް މުހިންމު ވެފައެވެ. އެ ވަގުތު ތަފާތު ދައްކައި ހޯދި މޮޅާއެކު ޓޮޓެންހަމް މިވަގުތު އޮތީ ފަސްވަނައިގައެވެ.

އެއީ 16 މެޗުން 30 ޕޮއިންޓް ހޯދައިގެންނެވެ. ނިއުކާސަލްވެސް ފޯމު ދަށްކޮށް ފެންނަމުންދާ އިރު، އެޓީމު މިވަގުތު އޮތީ ހަތްވަނައިގައެވެ. އެއީ 16 މެޗުން 26 ޕޮއިންޓާއެކުގައެވެ.

ނިއުކާސަލްއިން ރޭގެ މެޗު ނުރައްކާކޮށް ފެށި އިރު، ފުރަތަމަ ކޮޅުގައި އެލެކްސެންޑްރާ އިސާކްގެ ނުރައްކާ ފެނުނެވެ. އޭގެ ފަހުން ޓޮޓެންހަމްއިން ކުޅުން ރަނގަޅުކޮށް، މެޗު ތެރެއަށް ވަދެފައިވާ އިރު، 25 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. އިޔެނޯމާ އުޑޯގީ ގޯލު ޖެހީ ހިއުން-މިން ސޮންގެ ހިތްގައިމު ކަނޑާލުމަކުންނެވެ. ނިއުކާސަލްގެ ގޯލު ބަލަހައްޓަމުންދިޔަ މާޓިން ޑުބްރާވްކާއަށް ކުރެވޭނެ ކަމެއް ނެތެވެ.

ހާފު ނިމުމުގެ ކުރިން ސޮން ތަނަވަސްކޮށްދިން އިތުރު ފުރުސަތެއްގައި ރިޗާލިސަން ވަނީ ޓޮޓެންހަމްގެ ލީޑު ފުޅާކޮށްދީފައެވެ. އަދި ދެވަނަ ހާފަށް ނުކުމެ ރިޗާލިސަން އިތުރު ގޯލެއް 60 ވަނަ މިނެޓުގައި ޖެހި އިރު، ޓޮޓެންހަމްގެ ހަތަރު ވަނަ ގޯލު 85 ވަނަ މިނެޓުގައި ޖެހީ ސޮންއެވެ.

ނިއުކާސަލްއިން މެޗުގައި ޖެހި ހަމައެކަނި ގޯލު، މެޗުގެ 91 ވަނަ މިނެޓުގައި ޖަހައިދިނީ ޖޮއެލިންޓަންއެވެ.