ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އުފެއްދި ކައުންސިލުތަކާ ބެހޭ މިނިސްޓްރީއާއެކު ލާމަރުކަޒީ އުސޫލު ނެތެމުންދާތީ އެކަމާ ބިރުގަންނަ ކަމަށާއި ނަމަވެސް ލަހެއް ނުވެ އުދަރެސްމަތިން އުޖާލާކަން ފެވިގެންދާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އާދަމް އާޒިމާއި މާލޭ ސިޓީ ކައުންސިލުގެ ހުސްވެފައިވާ ތިން ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް އެމްޑީޕީގެ ސޯސަން ޖަގަހައިގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުރުސަތުދެއްވި ނަމަވެސް، މިހާރު އެ ދޮރު ބަންދުވާތަން ފެނިގެންދާ ކަމަށެވެ.
"އެ ދޮރު ބަންދުވާން ދާތަން އަޅުގަނޑުމެންނަށް ފެންނާތީ އަޅުގަނޑުމެންނަށް މޮޅިކަން ލިބޭ، އަޅުގަނޑުމެންނަށް ހިތްދަތިކަން ލިބޭ، އަޅުގަނޑުމެން ބިރުގަނޭ. އެކަމަކު އުންމީދުގެ އަލިކަން އެ ގެނައި ކުޑަކުޑަ ސިއްރުން އަޅުގަނޑުމެން މިއަދު ބުނަމުން މިގެންދަނީ ﷲގެ ހެޔޮ ރަހުމަތްފުޅުން ލަހެއް ނުވެ އުދަރެސްމަތިން ރީނދޫ ކުލައިގެ ރަން ރީނދޫ އުޖާލާކަން ދިއްލާލާނެއޭ، ފެވިގެންދާނެއޭ މި އިންތިހާބު އަޅުގަނޑުމެން ކާމިޔާބުކޮށް މާލޭ ސިޓީ، މާލޭގެ ރައްޔިތުންނަށް ހޯދައިދޭނަމޭ. ރާއްޖެ އަނބުރާ ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑުމެން ހޯދައިދޭނަމޭ، އަޅުގަނޑުމެން މިތިބީ މިކަމުގައި ފަހަތަށް ޖެހޭ ގޮތަކަށް ނޫން. އަޅުގަނޑުމެން ދާނީ ވަރަށް ހިތްވަރާއެކު ކުރިއަށް،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ލާމަރުކަޒީ އުސޫލަކީ އެމްޑީޕީގެ ދަރިއެއް ކަމަށާއި ލާމަރުކަޒީ ނިޒާމު އުފެދުނީއްސުރެ އެ ނިޒާމު ހަލާކުކޮށްލަން އުޅޭ ބަޔަކަށް ލާމަރުކަޒީ ނިޒާމެއް ނުހިންގޭނެ ކަމަށެވެ. އަދި ގާނޫނުއަސާސީގައި ލާމަރުކަޒީ ނިޒާމު ހިމެނީ އެމްޑީޕީން އިސްނަގައިގެން ކަމަށް ވެސް ވިދާޅުވިއެވެ.
"އެއަށްފަހު ދިޔަ މަރުހަލާތައް އެނގިވަޑައިގަންނަވާނެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ފިޔަވައި އެހެން އެއްވެސް ސަރުކާރަކުން ލާމަރުކަޒީ ނިޒާމު އޭގެ ފުރިހަމަގޮތުގައި ހިންގުމުގެ ފުރުސަތު ދެއްވާފައެއް ނެތް. މިދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި ހުރިހާ ކައުންސިލަކަށް އެވަނީ އެ ފުރުސަތު ދެއްވާފައި. އެ ފުރުސަތުގެ ދަށުން އިންތިހާބީ މާލޭ ސިޓީ ކައުންސިލް ބޮޑުތަނުން ފެއިލްވެފައި އޮތް ތަން އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ. އަޅުގަނޑުމެންގެ އުންމީދަކީ އަޅުގަނޑުމެންގެ މި ކެންޑިޑޭޓުންނާއެކު ނުކުމެ، ލާމަރުކަޒީ އުސޫލުގެ ދަށުން މާލެއަށް ބޭނުންވާ ފެހި ފަހި ތަނަވަސް މާލެ ހޯދައިދިނުން،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ އަލުން އެޓޯލްސް މިނިސްޓްރީ އުފެދި، އެ މިނިސްޓްރީގެ ދަށުން ރާއްޖޭގެ ކައުންސިލުތައް ހިންގަން ފެށީމާ ސޮއްސާލައިގެން ދަނީ 1970ގެ، 1980ގެ އަހަރުތަކުގެ ތެރެއަށް ކަމަށާއި ކައުންސިލުތަކުން ކަންކަން ނިންމަން ޖެހޭނީ ޖަލްސާތައް ބާއްވައިގެން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު