މާލޭ ސިޓީ ކައުންސިލުން ހިދުމަތްތައް ހޯދުމަށް ރައްޔިތުން އާދޭސް ކުރަން ޖެހޭ ގޮތަށް އޮތް ނިޒާމު ބަދަލުކުރައްވާނެ ކަމަށް އެމްޑީޕީގެ ޓިކެޓުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އާޒިމާއި މާލޭ ސިޓީ ކައުންސިލުގެ ހުސްވެފައިވާ ތިން ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް އެމްޑީޕީގެ ސޯސަން ޖަގަހައިގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ކައުންސިލު ކުރިއެރުވޭނީ ރައްޔިތުންގެ ލަފާ ހޯދައިގެން ކަމަށާއި އެކަމަށްޓަކައި މަދުވެގެން ތިން މަހުން އެއްމަހު ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާރު މާލޭ ސިޓީ ކައުންސިލުގައި އާދޭސްކޮށްގެން ނޫނިއްޔާ ހިދުމަތެއް ލިބެނީކީ ނޫން. އަޅުގަނޑުމެން ރައްޔިތުން ނުޖެހޭ ހިދުމަތް ހޯދަން އާދޭސްކުރާކަށް. އަޅުގަނޑުމެން ކައުންސިލާ ހަވާލުވެ، ރައްޔިތުން އާދޭސްނުކޮށް ހިދުމަތް ލިބޭނެ އިންތިޒާމުތައް އަޅުގަނޑުމެން ހަމަޖައްސައިދޭނަން. ވަލު ދޮރާށިން ވަދެގެން ކަންތައް ކުރާ އުސޫލު އަޅުގަނޑުމެން ނައްތާލާނަން،" އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން ހިދުމަތެއް ހޯދުމަށް ވެރިންނަށް ގުޅައިގެން ނުވަތަ ވެރިންނަށް ކޮންމެވެސް އެއްޗެއް ދީގެން ނޫނީ ކަމެއް ނުކުރެވޭ ކަމަށާއި އޭނާގެ މޭޔަރުކަމުގައި އެކަމަށް ނިމުމެއް ގެންނަވާނެ ކަމަށެވެ. އަދި ސިޓީ ކައުންސިލަށް ޓްރާންސްޕޭރެންސީ ގެންނަވާނެކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

"މި ކައުންސިލުން މިހާތަނަށް، އެތަނަށް ލިބޭ އެއްޗެއް، ކުރާ ކަމެއް، ކުރާ ހަރަދެއް، އެތަނުގައި ހުރި ބިމެއް، އެކައްޗެއް ވެސް ރައްޔިތުންނަށް އެނގެނީކީ ނޫން. ރައްޔިތުންނަށް ރައްޔިތުންގެ އެއްޗެހި ހުރީ ކޮންތަނެއްގައިކަން އެނގެން ޖެހޭނެ، ކީއްތޯ ކުރަނީ އެނގެން ޖެހޭނެ، ލިބެނީ ކޮން އެއްޗެއްތޯ އެނގެން ޖެހޭނެ. އަޅުގަނޑު އާދަމް އާޒިމް ކައުންސިލާ ހަވާލުވެ، ފުރަތަމަ މަހުވެސް އެތަނަށް ލިބޭ އާމްދަނީއާއި އެތަނުގެ ހަރަދާއި އެތަނުގެ ބިމުގެ ތަފްސީލާއި އެގްރިމެންޓްތަކުގެ ތަފްސީލާއި މި ހުރިހާ އެއްޗެއް ރައްޔިތުންނަށް ހާމަކުރާނަން،" އޭނާ ވިދާޅުވިއެވެ.

މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އާޒިމްއަކީ ރައީސް ސޯލިހުގެ ސަރުކާރުގައި އެމްޓީސީސީގެ ސީއީއޯ ކަމުގެ މަގާމުގައި ހުންނަވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ހިންގެވި ބޭފުޅެކެވެ. މޭޔަރުކަމަށް އާޒިމް ވާދަކުރައްވަނީ "ފެހި ތަނަވަސް މާލެ"އަކަށް މާލެ ހެއްދެވުމުގެ އަޒުމާއެކުއެވެ.