މާލޭ ސިޓީ ކައުންސިލުގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމްގެ ކެމްޕޭން ރަސްމީކޮށް ފަށައިފިއެވެ.

މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އާޒިމާއި މާލޭ ސިޓީ ކައުންސިލުގެ ހުސްވެފައިވާ ތިން ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް އެމްޑީޕީގެ ސޯޝަން ޖަގަހައިގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކުރިއަށްއޮތް ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން އާޒިމްގެ އިތުރުން ހުސްވެފައިވާ އެހެން ދާއިރާތަކަށް ވާދަކުރައްވަނީ މެދުހެންވޭރު ދާއިރާއަށް އަހުމަދު ރިޝްވާން ރަޝީދާއި، ހެންވޭރު ދެކުނު ދާއިރާއަށް ހައްވާ ނިހާލް އަދި މާފަންނު ދެކުނު ދާއިރާއަށް އަހުމަދު އިމްރާނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން ކުރާ އެއްވެސް ހަރަދެއް ރައްޔިތުންނަށް މިހާރު ނޭނގޭ ކަމަށާއި އޭނާ އިންތިހާބުވެވަޑައިގެންފި ނަމަ، މަގާމާ ހަވާލުވާ ފުރަތަމަ މަހުވެސް ހުރިހާ ތަފްސީލެއް ހާމަކުރައްވާނެ ކަމަށެވެ. އަދި ކައުންސިލް ހިންގާނީ ރައްޔިތުންގެ ލަފާ ހޯދައިގެން، ރައްޔިތުން އާދޭސްކުރަން ނުޖެހޭނެ ގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އާޒިމްއަކީ ރައީސް ސޯލިހުގެ ސަރުކާރުގައި އެމްޓީސީސީގެ ސީއީއޯ ކަމުގެ މަގާމުގައި ހުންނަވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ހިންގެވި ބޭފުޅެކެވެ. މޭޔަރުކަމަށް އާޒިމް ވާދަކުރައްވަނީ "ފެހި ތަނަވަސް މާލެ"އަކަށް މާލެ ހެއްދެވުމުގެ އަޒުމާއެކުއެވެ.

މާލޭގެ މޭޔަރުކަމުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސުޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވުމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އަދި ކައުންސިލުގެ ތިން މެންބަރަކު ވެސް ވަނީ ސަރުކާރުގެ އެކި މަގާމުތަކަށް ވަޑައިގަތުމަށް އިސްތިއުފާދެއްވައިފައެވެ.