އާލިން ހާލަންޑަށް އަނިޔާވީ ފައިތިލައަށް ކަމަށާއި، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުންނަން ޖެހޭނީ ކިހާ ދުވަހަކަށް ކަމެއް ނޭނގޭ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ނޯވޭގެ ވަރުގަދަ ފޯވަޑް ހާލަންޑް، ލީގުގައި މިދިޔަ ހަފުތާ ކުޅުނު މެޗުގައިވެސް ފުރިހަމަ 90 މިނެޓް ކުޅުނު ނަމަވެސް، ރޭ ލުޓޮން މެޗުގެ ސްކޮޑުގައިވެސް އޭނާ ހިމަނާފައެއް ނުވެއެވެ. އެކަންވީ ކޮންމެވެސް ވަރެއްގެ ހައިރާންކަމެއްވެސް ގެނުވި ކަމަކަށެވެ.

"ހާލަންޑްގެ ފައިތިލައިގެ ކަށިގަނޑަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއްވެފައި ވަނީ. އެކަން އެނގުނީ އެންމެފަހުން އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗަށްފަހު. އަނިޔާގެ ސަބަބުން ނުކުޅެވޭނެ ކަން ޔަގީންވި ނަމަވެސް، ކިހާ ދުވަހަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭ ކަމެއް ނޭނގެ،" ގާޑިއޯލާ ބުންޏެވެ.

ހާލަންޑް، މިހާތަނަށް މި ސީޒަނުގައިވެސް ސިޓީއަށް 19 ގޯލު ޖަހައިދީފައިވާ އިރު، މިހާރު ސިޓީއަށް ހާލަތަށް އޭނާ މުހިންމުވެސް ވެއެވެ. ރޭ ލުޓޮންއާ ދެކޮޅަށް ސިޓީ ނުކުތީ، އެންމެފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން އެއްވަރުވެ، އެއް މެޗުން ބަލިވެފައި އޮވެގެންނެވެ.