ދަރިމައިވުމުގެ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ޕީސީއޯއެސް އާއި އެންޑޮމެޓްރިއޯސިސް ފަރުވާ އާސަދައިން ލިބޭނެ ގޮތް ހަމަޖައްސައިފިއެވެ.
ވަޒީރުންގެ މަޖިލީހުން މިއަދު ނިންމި ނިންމުންތަކާ ގުޅޭ މައުލޫމާތުދިނުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީ އަންޑަސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ އެ ފަރުވާތަކަކީ މީގެ ކުރިން އާސަންދަ މެދުވެރިކޮށް ކުރެވޭ ފަރުވާތަކެއް ނޫން ކަމަށާއި ނަމަވެސް މިހާރު އާސަންދައިގެ ފުލް ކަވަރޭޖް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
"އަންހެނުންނަށް ދިމާވާ އެންޑޮމެޓްރިއޯސިސް، ޕީސީއޯއެސް ފަދަ ސިއްހީ މައްސަލަތަކަށް ހާއްސަ ފަރުވާ އާސަންދަ މެދުވެރިކޮށް ހަމަޖައްސައިދިނުމާ ގުޅޭގޮތުން މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ކަރުދާސް ހުށަހެޅި މަޝްވަރާކުރެވިފައިވޭ. މި މަޝްވަރާގެ ތެރެއިން ނިންމިފައިވަނީ މި ދެންނެވި ބަލިތަކުގެ ފަރުވާތައް އާސަންދައިގެ ތެރެއިން ފުލް ކަވަރޭޖް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް،" އޭނާ ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ މިދިިޔަ ދެ އަހަރުގެ ތަފާސް ހިސާބަށް ބަލާއިރުވެސް ޕީސީއޯއެސް އާއި އެންޑޮމެޓްރިއޯސިސް އަކީ ގިނަ އަދަދަކަށް ފަރުވާ ހޯދާފައިވާ މައްސަލަތަކެއްކަން ފާހަގަކުރެވޭ ކަމަށެވެ. އަދި މިއީ މިދިޔަ ހަފުތާގެ ކެބިނެޓް ބައްދަލުވުމުގައި ދަރިމަތިވުމުގެ ފަރުވާ އާސަންދައިގެ ތެރެއިން އިތުރަށް ފަހިކޮށްދިނުމާއި އަދި އައިވީއެފް ފަރުވާ ހިމެނިގެންދާ ގޮތަށް އާސަންދައިގެ ކަވަރޭޖް ފުޅާކުރުމަށް ނިންމި ނިންމުމުގެ ތެރެއިން އެއަށް އިތުރުވެގެންދާ ބޮޅެއްގެ ގޮތުގައި އިތުރުވެގެން އަންނަ މުހިންމު ސިޔާސަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ކުރިން ވެސް މި ފާހަގަކޮށްލި ގޮތަށް މިއަދުގެ ހާލަތުގައި މި ފަރުވާތަކަށް ކޮންމެވެސް ވަރަކަށް ބައެއް ހާލަތްތަކުގައި އާސަންދައިގެ ތެރެއިން ކަވަރޭޖް ލިބިގެންދިޔަ ކަމުގައިވީ ނަމަވެސް، ކުރިން އޮތްގޮތުން އެއީ އާސަންދައިގެ ތެރެއިން ހިދުމަތްތަކަށް ކަވަރޭޖް ލިބިގެން ނުދާތީ މި ދެ މައްސަލަ، ޕީސީއޯއެސް އަދި އެންޑޮމެޓްރިއޯސިސް އަކީ އޭގެ ޒާތުގައި ޑައިގްނޯސްކުރެވޭ ގޮތުން ދަރިމައިވުމުގެ ސިއްހަތާ ގުޅިގެން ކުރިން އޮތް ގޮތުން ކަމަށްވާ ނަމަ، އާސަންދައިގެ ތެރެއިން އެ ފަރުވާގެ ހިދުމަތްތަކާ ބެހޭ ކަވަރޭޖް ލިބިގެންނެއް ނުދޭ. އެހެންނަމަވެސް މިއަދުގެ މި ނިންމުމާއެކު އިރާދަކުރެއްވިއްޔާ އާސަންދައިގެ ތެރެއިން މި މައްސަލަތަކަށް ފުރިހަމަ ކަވަރޭޖެއް ލިބިގެންދާނެ،" އޭނާ ވިދާޅުވިއެވެ.
ފިރުޒުލް އިތުރަށް ވިދާޅުވީ އެކަމާ ގުޅިގެން ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން ސިއްހީ ހިދުމަތްތެރިންނާއި އާންމުންގެ ތެރޭގައި ވެސް ސިއްހީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު