މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު، އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2024ގެ ފޮޓޯގްރަފީ ޕާޓްނަރަކަށް އިމޭޖަސް އެމްވީއާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2024، އަންނަ މަހުގެ 15 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ އިރު، ކުރީ އަހަރުތަކަށް ވުރެވެސް ފުރިހަމައަށް މިފަހަރު މުބާރާތް އިންތިޒާމުކުރުމަށް މިހާރުވެސް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. 15 ވަނަ ދުވަހު މުބާރާތުގެ ކުޅުން ފެށުމަށް ތައްޔާރުވެފައި އޮތް ނަމަވެސް، 14 ވަނަ ދުވަހުގެ ރޭ ހާއްސަ ޗެރިޓީ މެޗެއް މިފަހަރުވެސް ކުޅެވިގެން ދާނެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެރިޓީ ޝީލްޑް މެޗުގައި މިފަހަރު ވާދަކުރާނީ އެންމެފަހުގެ ޗެމްޕިއަން ލ. ގަމާއި އޭގެ ކުރީ އަހަރުގެ ޗެމްޕިއަން، ތ. ތިމަރަފުއްޓެވެ.
މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރަކަށް އިމޭޖަސް އެމްވީ ހަމަޖައްސައި، އެ އެއްބަސްވުމުގައި އިމޭޖަސް އެމްވީގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ ފޮޓޯގްރަފަރު އިސްމާއީލް ތޯރިގެވެ. ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ، އެ ޖަމިއްޔާގެ ރައީސް ރިލުވާން މޫސާއެވެ.
އިމޭޖަސް އެމްވީއަކީ ރާއްޖޭގެ އެންމެ ވަރުގަދަ، އަދި އެންމެ ތަޖުރިބާ ބޮޑު ސްޕޯޓްސް ފޮޓޯގްރަފީ އެޖެންސީއެވެ. އެ އެޖެންސީން ވަނީ ބައިނަލްއަގުވާމީ މައިދާނުގައިވެސް ފޮޓޯގްރަފީ އިވެންޓުތައްވެސް ކަވަރުކޮށްފައެވެ. އޭގެ ތެރޭގައި ސަރަހައްދީ ބޮޑެތި އިވެންޓްތަކުގެ ފޮޓޯގްރަފީ ޕާޓްނަރުކަންވެސް ހިމެނެއެވެ.
މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައިވެސް 102 ޓީމަކުން ބައިވެރިވެ ކުޅެފައިވާ އިރު، 250 އަށްވުރެ ގިނަ މެޗު ކުޅެވިގެންދިޔައެވެ. އެ ހުރިހާ މެޗެއްގެވެސް އިންތިޒާމު ފުރިހަމައަށް ގޯލްޑަން އެސޯސިއޭޝަނުން ކުރިއަށް ގެންގޮސްފައިވާ އިރު، މިފަހަރު މެޗުތައް އިތުރުވާނެއެވެ. އެގޮތުން، ކުރިއަށްއޮތް މުބާރާތުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅެވިގެންދާނެއެވެ.
ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް ގޯލްޑަން ފުޓްސަލް ޗެލެންޖްވެފައި އޮތް އިރު، އަންނަ އަހަރުގެ މުބާރާތުގެ ސްޕޮންސާޝިޕަށްވެސް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް