ސްޕެނިޝް ލީގުގައި ރެއާލް ބެޓިސްއިން ރެއާލް މެޑްރިޑާ އެއްވަރުކޮށްފިއެވެ.

ރޭ ރަށުން ބޭރުގައި ރެއާލްއިން ބެޓިސްއާ އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުން އެއްވަރުވި ނަމަވެސް ރެއާލް އޮތީ ލަލީގާ ތާވަލުގެ އެއްވަނައިގައެވެ. އެއީ 16 މެޗުން 39 ޕޮއިންޓް ހޯދައިގެންނެވެ. މިރޭ ދެވަނައިގައި އޮތް ޖިރޯނާއިން ތިންވަނައިގައި އޮތް ބާސެލޯނާއާ ދެކޮޅަށް ނުކުންނަ އިރު، ޖިރޯނާއަށް އެއްވަނައިގައި ފުރުސަތު އެބައޮތެވެ.

ޖިރޯނާ ދެވަނައިގައި އޮތީ 15 މެޗުން 38 ޕޮއިންޓާއެކުގައެވެ. ބާސާ ތިންވަނައިގައި 15 މެޗުން 34 ޕޮއިންޓާއެކު އޮތް އިރު، ބެޓިސް އޮތީ ހަތްވަނައިގައެވެ. އެއީ 16 މެޗުން 26 ޕޮއިންޓާއެކުގައެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައިނުވާ އިރު، ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ، ޖޫޑް ބެލިންހަމް ވަނީ ރެއާލްއަށް ލީޑު ނަގައިދީފައެވެ. ބްރަހީމް ޑިއާޒް އޭރިއާ ތެރެއަށް ދިން ބޯޅައަކަށް މަސައްކަތްކޮށް، މެއިން ޖައްސާ ބޯޅަ ކޮންޓްރޯލްކޮށްލާފައި ބެލިންހަމް ފޮނުވާލި ބޯޅަ ގޯލު ތެރެއަށް ވައްދާލި އިރު، އެއީ އޭނާ ލަލީގާގެ މި ސީޒަނުގައި ޖެހި 12 ވަނަ ގޯލެވެ.

ބެލިންހަމް މި ސީޒަނަށް ރެއާލްއަށް ބަދަލުވެ، މިހާތަނަށް ކުޅުނު 18 މެޗުގައި 16 ގޯލު ޖަހާފައިވާ އިރު، އެއީ ރެއާލްގެ ތާރީހުގައިވެސް ފާހަގަކޮށްލެވޭ ރަނގަޅު ފެށުމެކެވެ.

ބެލިންހަމްގެ އެ ގޯލަށް ބެޓިސްއިން ފުރިހަމައަށް ޖަވާބު ދިނެވެ. ރެއާލްގެ ގޯލަށް 13 މިނެޓް ހިނގިތަނާ، ބެޓިސްގެ އައިޓޯ ރުއިބަލް ވަނީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއިން ގޯލު ކަނަށް ބޯޅަ އަމާޒުކޮށްލައިފައެވެ.