މާލޭގެ މޭޔަރުކަމުގެ މަގާމަށް ހޮވިވަޑައިގެންފި ނަމަ، މިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމުން ބިން ލިބުނު މީހުން މަގުމަތިވާން ފުރުސަތު ނުދެއްވާނެ ކަމަށް އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމުން ބިން ލިބުނު މީހުން މަގުމަތިވެފައިވާ ކަމަށްބުނެ، އެކަމުގެ ކަންބޮޑުވުން މާލެ ރަށްވެހިންގެ ޖަމިއްޔާގެ ފަރާތުން ވަނީ ރޭ ބޭއްވި ބައްދަލުވުމެއްގައި އާޒިމްއާ ހިއްސާކޮށްފައެވެ.
އެ ބައްދަލުވުމުގައި މާލެ ރަށްވެހިންގެ ޖަމިއްޔާ އިން ވަނީ، 40 އަހަރަށްފަހު އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭ ރައްޔިތުންނަށް ގެދޮރުވެރިކަން ހޯދައިދެވުނު ނަމަވެސް، ސަރުކާރު ބަދަލުވުމުގެ ސަބަބުން އެކަން ކުރިއަށްދާ ގޮތާ މެދު ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކޮށްފައެވެ.
ބިންވެރިޔާ ސްކީމުން މާލޭގެ ރަށްވެހިންނަށް ގޯތިދިނުމުގެ މަޝްރޫއެއް ފަށައި، ސަރުކާރު ބަދަލުވުމާ ހަމައަށް ވަރަށް ގިނަ ބަޔަކަށް ރަޖިސްޓްރީތައް ދޫކޮށް ނިންމާފައިވީ ނަމަވެސް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުއްލިގޮތަކަށް އެކަން ހުއްޓުވާފައިވުމުން، ރާވާފައިވާ ގޮތަށް ހުރިހާ ބިންވެރިންނަށް ރަޖިސްޓްރީ ދޫކުރެވިފައެއް ނުވެއެވެ. އަދި އެ މަސައްކަތް އަލުން ފެށޭނެ ތާރީހެއް މިހާތަނަށް އަންގާފައިނުވާތީ، އާންމުންގެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ވެސް އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މާލޭގެ މޭޔަރުކަމަށް ހޮވިވަޑައިގެންފި ނަމަ، ބިން ލިބުނު މީހުން މަގުމަތިވިޔަނުދީ، އެމީހުންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
"މާލޭގެ މޭޔަރުކަމަށް ހޮވިއްޖެ ނަމަ، ބިންވެރިޔާ ސްކީމުން ބިން ލިބުނު ފަރާތްތައް މަގުމަތިވާން ފުރުސަތެއް ނުދޭނެކަމުގެ ޔަގީންކަން އަރުވަން. އެ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށް ކަށަވަރުކޮށްދިނުމުގެ ގޮތުން ގާނޫނީގޮތުން އެކަމުގައި ކުރިއަށްދެވޭނެ ހުރިހާ މަގެއް ބަލައި، އެކަމަށް ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތްކޮށްދޭނަން،" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، ވިސްނުމަކީ މާލޭ ސިޓީގެ ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ކަށަވަރުކޮށްދިނުމަށް އެކަންކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރެއްވުން ކަމަށާއި އެއްވެސް ހިދުމަތެއް "ޑުޕްލިކޭޓް"ކޮށް ރައްޔިތުންގެ ފައިސާ އިސްރާފުވާނެ ގޮތަކަށް ކަންތައް ނުކުރައްވާނެ ކަމަށެވެ. އަދި ސިޓީ ކައުންސިލުގެ ހުރިހާ ހިދުމަތެއް، އާމްދަނީ އަދި ހަރަދުކުރާ ފައިސާވެސް މަހުން މަހަށް ރައްޔިތުންނަށް ފެންނާނެ ގޮތަށް ހާމަކުރައްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
"ތަނެއް ކުރިއަރައިގެން ދާނީ އެތަނެއް ޓްރާންސްޕޭރެންޓްވާ މިންވަރަކުން. ރައީސުލްޖުމްހޫރިއްޔާ ބަދަލުވި ނަމަވެސް، ދިވެހި ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ވައުދުވާ ކަންތައް ކޮށްދޭން ޖެހޭނެ. މާލޭ މޭޔަރުކަމަށް އަޅުގަނޑު ހޮވިއްޖެ ނަމަ، މާލޭ ރައްޔިތުންނަށް ދޭ ޔަގީންކަމަކީ ބިމުގެ މައްސަލައަށް ހައްލެއް ހޯދައިދޭނެކަމުގެ ޔަގީންކަން،" އޭނާ ވިދާޅުވިއެވެ.
އާޒިމްގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 8:30ގައި އެމްޑީޕީ ސޯސަން ޖަގަހަ ކުރިމަތީގައި ބާއްވާ ރަސްމިއްޔާތަކަށްފަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު