ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕްރޮފެޝަނަލް ކެރިއަރުގައި 1200 މެޗު ހަމަކޮށްފިއެވެ.
ސައުދީ އަރަބިއާގެ ފުރަތަމަ ޑިވިޝަންގެ އަލް-ނަސްރަށް ކުޅެމުންދާ ރޮނާލްޑޯ، އޭނާގެ 1200 ވަނަ މެޗު ރޭ ކުޅުނީ އަލް-ރިޔާދާ ކޮޅަށެވެ. އެ މެޗު ނަސްރުން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. އުމުރުން 38 އަހަރުގެ ރޮނާލްޑޯ ވަނީ ރޭގެ މެޗުގައި ގޯލެއް ޖަހައި، އެސިސްޓެއް ފުރިހަމަ ކޮށްފައެވެ.
ރޮނާލްޑޯގެ އިތުރުން ރޭގެ މެޗުގައި ނަސްރުގެ ގޯލުތައް ޖަހައިދިނީ އޮޓާވިއާއާއި އެންޑަސަން ޓަލިސްކާއެވެ. ޓަލިސްކާ ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. ރޮނާލްޑޯއަކީ މިވަގުތު ސައުދީ ލީގުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. އޭނާ ވަނީ 15 މެޗުން 16 ގޯލު ޖަހައިފައެވެ.
ރޭގެ މެޗަށްފަހު ރޮނާލްޑޯ ވަނީ ކެރިއަރުގައި 1200 މެޗު ހަމަކުރުމަށް އެކިއެކި ގޮތްގޮތުން އެހީތެރިވެދިން އެންމެންނަށް ޝުކުރު އަދާކޮށްފައެވެ. އޭގެ އިތުރުން އޭނާ ބުނީ 1200 އާ ހަމައިން އަދި ހުއްޓާލަން ބޭނުން ނުވާ ކަމަށެވެ.
ރޮނާލްޑޯ ކެރިއަރުގައި 850 އަށްވުރެ ގިނަ ގޯލު ޖަހައިފައިވާ އިރު، އޭނާއަކީ ރަސްމީކޮށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑުވެސް އޮތް ކުޅުންތެރިޔާއެވެ. ކެރިއަރުގައި 1000 މެޗު ހަމަކުރުމަކީވެސް މަދު ކުޅުންތެރިޔަކަށް ލިބިފައިވާ ނަސީބަކަށްވީ އިރު، ރޮނާލްޑޯއަށްވުރެ ގިނަ ޕްރޮފެޝަނަލް މެޗު ކުޅުނު ކަމުގެ ރެކޯޑު އޮތް ހަމައެކަނި ކުޅުންތެރިޔަކީ އިންގްލެންޑްގެ ކުރީގެ ގޯލްކީޕަރު ޕީޓާ ޝިލްޓަންއެވެ. އޭނާ ވަނީ 1387 މެޗު ކުޅެފައެވެ.
- ސްޕޯޓިން ލިސްބަން - 31 މެޗު
- މެންޗެސްޓާ ޔުނައިޓެޑް - 346 މެޗު
- ރެއާލް މެޑްރިޑް - 438 މެޗު
- ޔުވެންޓަސް - 134 މެޗު
- އަލް ނަސްރު - 46 މެޗު
- ޕޯޗުގަލް - 205 މެޗު
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ