ހުޅުމާލެ ކޯޓުގެ މެޖިސްޓްރޭޓަށާއި ކޯޓުގެ މުވައްޒަފުންނަށް ބިރު ދައްކައި، އިންޒާރު ދިން މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ހއ. ހޯރަފުށި/ ފަތްކޯނި (މިހާރު ދިރިއުޅޭ އެޑްރެސް ހުޅުމާލެ 170 ޖީ04) އަހުމަދު ނިޝާން 39އ އެވެ. ފުލުހުން އޭނާގެ މައްޗަށް ކުރަނީ ބިރު ދައްކައި އިންޒާރުދިނުން އަދި މަސްތުވާތަކެތި ގެންގުޅުމުގެ ކުށުގެ ތުހުމަތެވެ.

އޭނާ ހައްޔަރުކުރުމަށްފަހު ފުލުހުން ވަނީ އިއްޔެ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. ކްރިމިނަލް ކޯޓުން ވަނީ އަހުމަދު ނިޝާން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. ސަބަބެއް ކަމަށް ބުނީ، ފުލުހުން އޭނާއަށް ކުރާ ކުށުގެ ތުހުމަތު ވުޖޫދުވާ ވަރަށް ހެކި ލިބިފައިވުމެވެ.

"އެގޮތުން ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހެޅި ހެކިތަކަށް ބަލާއިރު، މީނާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުންނާއި މެޖިސްޓްރޭޓަށް ބިރުދައްކައި އިންޒާރުދީފައިވާ ކަމަށް ބެލެވެއެވެ" އަމުރުގައި ބުންޏެވެ.

އަހުމަދު ނިޝާނަކީ ބަންދުގެ ގިނަ އަދަދެއްގެ ރިކޯޑް އޮތް މީހެއް ކަމަށާއި އެ މައްސަލަތުގެ ތެރޭގައި އިންޒާރު ދިނުމާއި ބިރުދެއްކުމުގެ މައްސަލަތައް ގިނަ ކަމަށެވެ. އެހެންކަމުން އޭނާ ބަންދުން ދޫކޮށްލައިފިނަމަ އަނެއްކާވެސް އެފަދަ ކަންތައްތަކެއް ތަކުރާރުވެދާނެ ކަމަށް އަމުރުގައި ބުނެފައިވެއެވެ. އަދި އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތައް ނުރައްކާ ކުރިމަތިވެދާނެ ކަމަށްވެސް ބުނެފައިވެއެވެ.